15 އަހަރުގެ ކުއްޖަކު ބަލިވެ އިން މައްސަލައެއް ބަލަނީ

ދެކުނުގެ އަތޮޅެއްގެ ރަށެއްގައި ކުޑަ ކުއްޖަކު ޖިންސީ ޝިކާރައަކަށްވެ ބަލިވެ އިން މައްސަލައެއް ބަލަން ފަށައިފި އެވެ.


ޖެންޑާ މިނިސްޓްރީގެ އޮފިޝަލަކު "މިހާރު" އަށް މިރޭ ވިދާޅުވީ އުމުރުން 15 ވަރަކަށް އަހަރުގެ ކުއްޖާ އަށް ޖިންސި އަނިޔާކޮށް ބަލިވެ އިން މައްސަލަ އެ މިނިސްޓްރީ އަށް ހުށަހެޅީ މީގެ އަށް މަސް ކުރިން ކަމަށެވެ. އެ މައްސަލައިފައި އަނިޔާ ލިބުނު ކުއްޖާ އަދި ހުރީ ދައުލަތުގެ ބެލުމުގެ ދަށުގައެއް ނޫނެވެ.

އެ މައްސަލައިގައި ތުހުމަތު ކުރެވެނީ ކާކަށް ކަމެއް އަދި އެ މައްސަލައާ ބެހޭ އިތުރުރު އެއްވެސް ތަފްސީލެއް މިނިސްޓްރީން ނުދެ އެވެ. ބުނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ.

ފަނަރަ އަހަރުގެ ކުއްޖަކު ޖިންސީ އަނިޔާގެ ޝިކާރައަކަށްވެ ބަލިވެ އިން މައްސަލައެއް ބަލާކަން އެނގިފައި މިވަނީ އުމުރުން އަދި ދެ އަހަރު ނުވާ ކުއްޖަކު ރޭޕް ކުރި މައްސަލައިގައި ކުއްޖާގެ ބައްޕަ، ކާފަ އަދި މުނިކާފަ ހައްޔަރުކޮށްފައި ވަނިކޮށެވެ.

ފަސް އަހަރުގެ ކުއްޖަކަށް ޖިންސީ އަނިޔާ ދިން މައްސަލައެއް ވެސް މިއަދު ވަނީ ފެންމަތިވެފަ އެވެ.

ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާގެ މައްސަލަތައް ރަނގަޅަށް ނުބެލޭ ކަމަށް ބުނެ އާއްމުން އަންނަނީ ޖެންޑާ މިނިސްޓްރީއަށާއި ފުލުހުންނަށް ފާޑުކިޔަމުންނެވެ. އެ ފާޑުކިއުންތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޝިދާތާ މިއަދު ވިދާޅުވީ މަގާމާ ހަވާލުވެވަޑައިގެން ކުރެއްވި މަސައްކަތްތަކާއި ހޯއްދެވުނު ކާމިޔާބީތައް ވަރަށް ގިނަ ކަމަށެވެ. ފެއިލްވެއްޖެކަން ސާބިތުކޮށްދީފި ނަމަ އިސްތިއުފާ ދެއްވަން ޖެހިލުންވެވަޑައިނުގަންނަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"މިކަންކަން އިސްލާހު ކުރެވޭނެކަމުގެ ޔަގީންކަން އަޅުގަނޑުގެ އަމިއްލަ ނަފްސަށް ވެސް އެބައޮތް... އިސްތިއުފާ އަށް ގޮވުމަކުން އަޅުގަނޑު ފަހަތަކަށް ނުޖެހޭނަން،" މިނިސްޓަރު ވިދާޅުވި އެވެ.

އިއްޔެ ގިނަ އަދަދެއްގެ ބަޔަކު ވަނީ ޖެންޑާ މިނިސްޓްރީ ސަރަހައްދަށް އެއްވެ މިނިސްޓަރުގެ އިސްތިއުފާ އަށް ގޮވައިފަ އެވެ. މިނިސްޓަރު ވެސް އެ ސަރަހައްދަށް އިއްޔެ ވަޑައިގަތެވެ.