އަތޮޅު ފުޓްބޯޅަ އަށް ހާއްސަ މުބާރާތް ކަމަށްވާ ޖަޒީރާ ފުޓްބޯލް ޗެމްޕިއަންޝިޕްގައި ރަށު ފެންވަރުގައި ބާއްވަން ކުރިން ކަނޑައެޅި ބުރު ނުބާއްވާ ގޮތަށް ފުޓްބޯލް އެސޯސިއޭޝަން (އެފްއޭއެމް) އިން ނިންމައިފި އެވެ.
މީގެ ކުރިން މިނިވަން ޗެމްޕިއަންޝިޕްގެ ނަމުގައި ބާއްވަމުން އައި ޖަޒީރާ ޗެމްޕިއަންޝިޕްގެ ނަމަށް ބަދަލުކޮށް އެ މުބާރާތް އިއުލާނުކުރީ މިދިޔަ ސެޕްޓެމްބަރު މަހު ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފާއި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އެވެ.
ޖަޒީރާ ފުޓްބޯލް ޗެމްޕިއަންޝިޕް ކުރިއަށްގެންދަން ފުރަތަމަ ނިންމީ ކޮންމެ ރަށެއްގައި ކައުންސިލުން ފުރަތަމަ ރަށު ފެންވަރުގެ މުބާރާތެއް ބާއްވާ ގޮތަށެވެ. އެ މުބާރާތުގައި ރަޖިސްޓްރީ ވިޔަސް ނުވިޔަސް ކޮންމެ ޓީމަކަށް ވެސް ބައިވެރިވެވޭނެ އެވެ. އަދި މައި މުބާރާތުގެ އަތޮޅު ބައިގައި ރަށް ތަމްސީލްކުރާނީ ރަށު މުބާރާތުގެ ޗެމްޕިއަން ޓީމުން އެ ރަށެއްގެ ނަމުގަ އެވެ. އެއަށް ފަހު އަތޮޅު ޗެމްޕިއަން ޓީމު ޒޯން ބައިގައި ވާދަކުރާނެ އެވެ.
އެކަމަކު އެފްއޭއެމުން މި މަހު ނުވަ ވަނަ ދުވަހު ބަައެއް ރަށްތަކަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ ރަށު ކައުންސިލްތަކުން ބައިވެރިވާނެ ޓީމެއް ކަނޑައެޅުމަށް ބާއްވާ މުބާރާތް ކުރިއަށްގެންދަން ހުށަހަޅާފައިވަނީ ވަރަށް މަދު ރަށަކުން ކަމަށާއި އެހެންވުމާ އެކު އެ ބުރު ނުބާއްވާ ގޮތަށް އެފްއޭއެމުން ނިންމާފައިވާ ކަމަށެވެ. އަދި އެ ރަށަކުން ބައިވެރިކުރާނެ ޓީމެއް ކަނޑައެޅުމަށް ކައުންސިލުން ގޮތެއް ނިންމަން ވަނީ އަންގައިފަ އެވެ.
އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) "މިހާރު" އަށް ވިދާޅުވީ ރަށު ފެންވަރުގައި ބާއްވާ ބުރު ނުބާއްވާ ގޮތަށް ނިންމީ ސްޕޯޓްސް މިނިސްޓްރީއާ ވެސް މަޝްވަރާ ކުރުމަށް ފަހު ކަމަށެވެ.
"މުބާރާތުގައި ބައިވެރިވެފައިވަނީ 87 ޓީމު. އޭގެ ތެރެއިން އަށް ޓީމެއް މި އުޅެނީ ރަށު ފެންވަރުގެ ބުރުގައި ކުޅެން ޖެހޭ. މިއީ ވަރަށް މަދު އަދަދެއްވީމާ ސްޕޯޓްސް މިނިސްޓްރީއާ ވެސް މަޝްވަރާ ކުރުމަށް ފަހު ނިންމި ނިންމުމެއް މިއީ. އެއީ މުބާރާތް ކުރިއަށް ގެންދިއުމުގައި ވެސް ރަނގަޅު ގޮތްވީމަ. އެ ބުރު ހިމަނައިގެން މުބާރާތް އިއުލާނުކުރީ ވެސް މިނިސްޓްރީގެ ރިކުއެސްޓަށް،" ޖަވާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިހާރު މަޝްވަރާކުރެވިފައިވާ ކަންތައްތަކާއި ކުރެވެމުން އަންނަ މަސައްކަތަށް ބަލާއިރު އަންނަ މަހުގެ 25 ވަނަ ދުވަހު މުބާރާތް ފެށޭނެ ކަމަށް ބެލެވޭ ކަމަށެވެ.
އެފްއޭއެމުން 2015 ވަނަ އަހަރު ތައާރަފްކުރި މިނިވަން ޗެމްޕިއަންޝިޕް 2016 ފިޔަވައި އެހެން ހުރިހާ އަހަރެއްގައި ބާއްވަނީ ކޮންމެ އަތޮޅެއްގައި ކަނޑައެޅޭ ވަކި ރަށެއްގަ އެވެ. އެކަމަކު 2016 ގައި ހޯމް އެންޑް އަވޭ އުސޫލުން ބޭއްވި އެވެ. އެ ނޫން އަހަރުތަކުގައި ވެސް ދެ ޓީމު ބައިވެރިވެއްޖެ ނަމަ ކުޅެނީ ހޯމް އެންޑް އަވޭ އުސޫލުންނެވެ.
މިނިވަން ޗެމްޕިއަންޝިޕް/ ޖަޒީރާ ޗެމްޕިއަންޝިޕަކީ ކީ މިހާރު ރާއްޖޭގެ ލީގު ސިސްޓަމުގެ ޑިވިޝަނެކެވެ. އެފްއޭއެމުން މިހާރު ރާވާފައިވާ ގޮތުން އެ މުބާރާތުގެ ގަދަ ޓީމުތަކަށް ދިވެހި ޕްރިމިއާ ލީގުން ފުރުސަތުދެ އެވެ. އެކަމަކު ދިގު މުއްދަތެއްގައި މާލެ އައިސް ތިބެން ޖެހޭތީ އެ ޓީމުތަކަށް ދަތިތައް ކުރިމަތިވެ އެވެ. އެހެންވެ ޖަޒީރާ ޗެމްޕިއަންޝިޕުން އަންނަ ޓީމުތަކަށް ލީގުގެ ބަދަލުގައި ޕްރެޒިޑެންޓްސް ކަޕުން ފުރުސަތު ދޭން ވިސްނާ ކަމަށާއި އެކަމަކު އެފަދަ ބަދަލެއް ގެނަޔަސް ގެންނާނީ ވަރަށް ފުންކޮށް ވިސްނުމަށް ފަހު ކަމަށް ބައްސާމް ވަނީ ވިދާޅުވެފަ އެވެ.
މި އަހަރުގެ ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ނިލަންދޫ އާއި ށ. ފޯކައިދޫ އަކީ މިނިވަން ޗެމްޕިއަންޝިޕްގެ ގަދަ ހަތަރެއްގެ ތެރޭގައި ހިމެނިގެން ޕްރިމިއާ ލީގަށް ކޮލިފައިވި ދެ ޓީމެވެ. މިނިވަން ޗެމްޕިއަންޝިޕްގެ ތެރެއިން އައިސް މިިދިޔަ އަހަރުތަކުގައި ޕްރިމިއާ ލީގުގައި ވާދަކުރި ރަށްރަށުގެ ޓީމުތަކަކީ ދ. ކުޑަހުވަދޫ، ގދ. ތިނަދޫ، ށ. މިލަންދޫ، އއ. މާޅޮސް، ތ. ތިމަރަފުށި އަދި ބ. ފެހެންދޫ އެވެ. މިނިވަން ޗެމްޕިއަންޝިޕްގެ ޗެމްޕިއަންގެ ގޮތުގައި އައިސް ސ. ފޭދޫ ވަނީ ޕްރެޒިޑެންޓްސް ކަޕްގައި ކުޅެފަ އެވެ.