ފަނޑިޔާރުގެއަށް ގެނައި ބަދަލުގެ ހެޔޮ އަސަރު އެބަ ފެނޭ: މަސްތޫރު

ފަނޑިޔާރުގެއަށް މިދިޔަ އަހަރު ގެނައި ބަދަލުތަކުގެ ހެޔޮ އަސަރުތައް މިހާރު ކޮންމެވެސް ވަރަކަށް ފެންނަމުން އަންނަ ކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަންގެ ނައިބު ރައީސް މަސްތޫރު ހުސްނީ ވިދާޅުވެއްޖެ އެވެ.


ކްރިމިނަލްކޯޓާއި ސިވިލް ކޯޓްގެ އާ ފަނޑިޔާރުންނާއި ބައެއް މެޖިސްޓްރޭޓް ކޯޓުތަކަށް އައްޔަން ކުރި މެޖިސްޓްރޭޓުން ހުވާކުރުމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލްް އެޑްމިނިސްޓްރޭޝަންގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މަސްތޫރު ވިދާޅުވީ ފަނޑިޔާރު ގެއަކީ ރައްޔިތުންނާ ކައިރިން މަސައްކަތް ކުރާ ތަނަކަށް ބަަދަލުވަމުން އަންނަތަން މިހާރު އެބަ ފެންނަ ކަަމަށެވެ. މައްސަލަތައް ތާވަލުކުރުމާއި ކުރިއަށް ގެންދިއުން ކުރިއަށް ވުރެ އަވަސްވެފައިވާކަން ވެސް ފާހަގަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިދިޔަ އަހަރަކީ ފަނޑިޔާރުގެ އަށް ބޮޑެތި ބަދަލުތަކެއް އަންނަމުން ދިޔަ އަަހަރެއް. އެކަމުގެ ހެޔޮ އަސަރުތައް، އެކަމުގެ ރަނގަޅު އަސަރުތައް ކޮންމެވެސް ވަރަކަށް އަޅުގަނޑުމެންނަށް ފެނިގެން މިދަނީ،" މަސްތޫރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކޯޓުތައް ހިންގުމަށް ގާނޫނުގައި ކަނޑައަޅާފައިވާ ތަސައްވުރާ އެއްްގޮތަށް ފަނޑިޔާރުން މަސައްކަތްކުރައްވާތަން މިހާރު ފެންނަ ކަމަށެވެ.

ފަނޑިޔާރުން ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާނު ބައިވެރިވެވަޑައިގަންނަވަނީ -- ފޮޓޯ: ހުސައިން ވަހީދު/ މިހާރު

ހެޔޮ ބަދަލުތަކާ އެކުގައި ވެސް ކޯޓުތަކާ ބެހޭ ގިނަ ޝަކުވާތަކެއް ޖޭއެސްސީ އަށް އަދިވެސް ލިބެމުންދާ ކަމަށާއި އެންމެ ގިނައިން އަންނަ އެއް ޝަކުވާ އަކީ އަދިވެސް، މައްސަލަތައް ލަސްވުން ކަމަށް މަސްތޫރު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ކޯޓުތަކާ ގުޅޭ ގޮތުންް 200 އެއްހާ ޝަކުވާ މިދިޔަ އަހަރު ޖޭއެސްސީ އަށް ލިބުނު ކަމަށެވެެ.

"އޭގެ ތެރެއިން ދެބައިކުޅަ އެއްބައި ޝަކުވާ އަކީ މައްސަލަތައްް އާދަޔާ ހިލާފަށް ލަސްވުން. ޖަލުގައި އޮންނަ މީހާ، އޭނާގެ މައްސަލައިގެ އަޑު އެހުމެއް ނުބާއްވާތާ އަހަރު ދެ އަަހަރު ވާކަމުގެ ޝަކުވާ އަޅުގަނޑުމެންނަށް އައިސްފައި އެބަހުރި،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، މައްސަލަތައް ލަސްވުމުގެ ޝަކުވާއާ ގުޅިގެން، އެ މައްސަލަތައް އަވަސްކުރަން ޖޭއެސްސީން މިހާރު އަންގާފައިވާނެ ކަމަށެވެ. މައްސަލަތައް ނިމުން ލަސްވުމަކީ ކޮންމެހެން ވެސް ހައްލުވާން ޖެހޭ ކަމެއް ކަމަށް ޖޭއެސްސީން ގަބޫލުކުރާ ކަމަށެވެ.

"ސަބަބެއް ނެތި ނުވަތަ އެކަށީގެންވާ ސަބަބެއް ނެތި މައްސަލަ އާދަޔާ ހިލާފަށް ލަސްވަމުންދާ ކަމަށް ވާނަަމަ، އެކަމުގެ ޒިންމާވާ ފަރާތަކާ، ފަނޑިޔާރަކާ މެދު އަޅުގަނޑުމެން ފިޔަވަޅު އެޅުމުގެ މަސަައްކަތް ފަށާފައިވާ ވާހަކަ ދަންނަވަން،" މަސްތޫރު ވިދާޅުވި އެވެ.

ފަނޑިޔާރުން ހުވާކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އައިޝަތު ޝުޖޫން މުހައްމަދާއި އެ ކޯޓްގެ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޖޭއެސްސީގެ މެމްބަރު މުހައްމަދު ނަޝީދާއި ޖޭއެސްސީގެ ރައީސް ހިސާން ހުސައިން އަދި ޖޭއެސްސީގެ މެމްބަރުން ބައިވެރިިވެވަޑައިގެންނެވި އެވެ.

މިއަދު ހުވާ ކުރެއްވީ ސިވިލް ކޯޓަށް އަލަށް އައްޔަން ކުރި ހަތަރު ފަނޑިޔާރަކާއި ކުރިމިނަލް ކޯޓަށް އައްޔަން ކުރި ފަނޑިޔާރަކާއި ދެ މެޖިސްޓްރޭޓެކެވެ. ފަނޑިޔާރުންނަށް ހުވާލައި ދެއްވީ ސުޕްރީމްކޯޓުގެ ފަނޑިޔާރު އައިޝަތު ޝުޖޫން އެވެ. ފަނޑިޔާރުކަމުގެ ފަތްކޮޅު ދެއްވީ ޖޭއެސްސީގެ ރައީސް ހިސާން ހުސައިން އެވެ.