ކޮރޯނާވައިރަސް: ސަރުކާރުގެ ޚަރަދު ކުޑަކުރަން އަންގައިފި

ޗައިނާ އިން ފެތުރެން ފެށި ނޮވެލް ކޮރޯނާވައިރަސްއާ ގުޅިގެން، ރާއްޖޭގެ ޓޫރިޒަމަށް މައްސަލަތައް ކުރިމަތި ވާނެތީ، މިނިސްޓްރީތަކާއި ސަރުކާރުގެ ކުންފުނިތަކުގެ ޚަރަދު ކުޑަކުރަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު އަންގަވައިފި އެވެ.


ކޮރޯނާ ވައިރަހުން ރައްކާތެރި ވުމަށް ރާއްޖެ އިން އަޅާ ފިޔަވަޅެއްގެ ގޮތުގައި ނެރުނު ޓްރެވެލް އެޑްވައިޒަރީ އިއުލާން ކުރެއްވުމަށް ރައީސް އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، ރައީސްގެ އެންގެވުމާ އެއްގޮތަށް، ޚަރަދު ކުޑަކުރުމަށްޓަކައި ފިނޭންސް މިނިސްޓްރީން، މިނިސްޓްރީތަކަށާއި ކުންފުނިތަކަށް މިއަދު ސާކިއުލާއެއް ފޮނުވާފައިވާނެ ކަމަށެވެ. އެކަމަކު، ޚަރަދު ކުޑަކުރަން އަޅަން އެންގެވި ފިޔަވަޅުތަކެއް އޭނާ ވިދާޅެއް ނުވެ އެވެ.

އެހެންވެ، ސާކިއުލާގައި ބަޔާން ކޮށްފައިވާ ކަންކަމާ ގުޅޭ ތަފްސީލެއް އަދި ނުލިބެ އެވެ.

ސަރުކާރުން ނެރުނު ޓްރެވެލް އެޑްވައިޒަރީގައި ބުނެފައިވާ ގޮތުން، ޗައިނާގެ މެއިންލޭންޑުން އަންނަ އެއްވެސް މީހަކު ރާއްޖެ އަށް އެތެރެ ނުވެވޭނެ އެވެ. އޭގެ ތެރޭގައި ޗައިނާގައި މަޑުކުރުމަށް ފަހު އަންނަ މީހުން ވެސް ހިމެނެ އެވެ. ޗައިނާ އިން ރާއްޖެ އަށް ކުރަމުން އައި ސީދާ ވައިގެ ދަތުރުތައް ވެސް، ކޮރޯނާވައިރަސްއާ ގުޅިގެން މިދިޔަ ހަފުތާގައި ވަނީ ހުއްޓާލައިފަ އެވެ.

ޓޫރިޒަމަށް ވަރަށް ބޮޑަށް ބަރޯސާވާ އިގުތިސާދެއް ރާއްޖޭގައި އޮންނަ އިރު، އެއް ގައުމަކުން އެންމެ ގިނަ ޓޫރިސްޓުން އަންނަނީ ޗައިނާ އިންނެވެ. ރާއްޖެ އާއި އެ ގައުމާ ދެމެދު ސީދާ ދަތުރުތައް ހުއްޓާލުމާއި މިރޭ ދަންވަރު 12 އިން ފެށިގެން އަމަލުކުރަން ފަށާ ޓްރެވެލް އެޑްވައިޒަރީއާ ގުޅިގެން ރާއްޖޭގެ ޓޫރިޒަމަށް ވަރަށް ބޮޑު ލޮޅުމެއް އަރާނެ ކަމަށް ތަޖުރިބާކާރުން ލަފާކުރެ އެވެ.

މިއަދު ހެނދުނު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ޓޫރިޒަމް މިނިސްޓަރު އަލީ ވިދާޅުވީ ކޮރޯނާވައިރަސް ފެތުރޭތީ، މިދިޔަ ޖެނުއަރީ މަހު 11،115 ބުކިން ކެންސަލް ކޮށްފައިވާ ކަމަށެވެ.

"އެހެން ނަމަވެސް އަޅުގަނޑު ފާހަގަކޮށްލަން ހަމަ އެ ޕީރިއަޑްގެ ތެރޭގައި ޖުމްލަ އާ 24،759 ބުކިން ވެސް ދިވެހިރާއްޖެ އަށް އެބަ އޮތް،" ކޮރޯނާވައިރަސްއާ ގުޅިގެން ސަރުކާރުގެ ފަރާތުން މައުލޫމާތު ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަރާތްޕުޅުން ހަމަޖައްސަވާފައިވާ މަންދޫބު އަލީ ވިދާޅުވި އެވެ.