ހުޅުމާލޭގައި ދިން ވަޅީގެ ހަމަލައިގެ ތުހުމަތަށް ދެ މީހަކު ހައްޔަރުކޮށްފި

ހުޅުމާލޭގައި، ޗައިނާގެ ދެ މީހަކަށާއި އޮސްޓްރޭލިއާގެ މީހަކަށް މިދިޔަ އަންގާރަ ދުވަހުގެ ރޭ ދިން ވަޅީގެ ހަމަލައިގެ ތުހުމަތަށް ދެ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ދެންމެ ބުނެފި އެވެ.


އެކަމަކު، އެ މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދާކަން ފިޔަވައި އިތުރު އެއްވެސް ތަފްސީލެއް ފުލުހުން އަދިއެއް ނުދެ އެވެ.

ފުލުހުން ރޭ ދަންވަރު ނެރުނު ބަޔާނެއްގައި ބުނީ، އަންގާރަ ދުވަހުގެ ރޭ 7-8 އާ ދެމެދު ދިން މި ހަމަލައިގެ ތުހުމަތު ކުރެވެނީ ހަރުކަށި ފިކުރުގެ ބަޔަކަށް ކަމަށެވެ.

ހަމަލަ އަމާޒުވި ތިން މީހުންގެ ތެރެއިން އެކަކީ ޗައިނާގެ ޓޫރިސްޓެކެވެ. ދެން ތިބީ ރާއްޖޭގައި މަސައްކަތް ކުރާ ޗައިނާގެ މީހަކާއި އޮސްޓްރޭލިއާގެ މީހެއް ކަމަށް ފުލުހުން ބުނެފައި ވެ އެވެ. ބައެއް މީހުން ބުނެފައިވާ ގޮތުގައި، ހަމަލަ ދީފައި ވަނީ ހުޅުމާލޭގެ ތަފާތު ތިން ސަރަހައްދަކުންނެވެ، އެއީ ވައިޓްހާޕާއި ތަންދޫރީ ފްލޭމް އަދި ޓީޓައިމްސް ކައިރި އެވެ.

ފުލުހުން ކުރިން ބުނެފައި ވަނީ ބިދޭސީ ތިން ފިރިހެނުންނަށް ހަމަލަ ދިނީ ހެލްމެޓް އަޅައިގެން ސައިކަލްގައި ދިޔަ ދެ މީހަކު ކަމަށެވެ.

ފުލުހުން ބުނީ، މި ހަމަލައިގައި އަނިޔާ ލިބުނު މީހުންގެ ހާލަތު ވަރަށް ގާތުން ބަލަމުން އަންނަ ކަމަށާއި އެ މީހުންގެ ހާލު ރަނގަޅު ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

މި ހަމަލައިގެ ޒިންމާ ނަގާ ކަމަށް ބުނެ، ހަރުކަށި ފިކުރުގެ ޖަމާއަތަކުން ރޭ ވަނީ ސޯޝަލް މީޑިއާގައި ވީޑިއޯއެއް ވެސް އާންމުކޮށްފަ އެވެ. ބައެއް ފަރާތްތަކުން ގޮތުގައި އެއީ ރާއްޖޭގައި މަނާކޮށްފައިވާ އިސްލާމިކް ސްޓޭޓް (އައިއެސް) ރާއްޖޭގެ ގޮފީގެ ބަޔަކު ނެރުނު ވީޑިއޯ އެކެވެ. އެ ވީޑިއޯގެ ސައްހަކަން ފުލުހުން އަންނަނީ ބަލަމުންނެވެ.

ފެހި ކުލައިގެ ޖުއްބާއެއް ލައިގެން ކަޅު ކުލައިގެ ފޮތިގަނޑަކުން މޫނު ނިވާކޮށްގެން ހުރެ، ދިވެހި ބަހުން ވާހަކަ ދެއްކި ފިރިހެން މީހާ ވަނީ ދެން ރާވާފައިވާ ހަމަލާތައް ދޭނެ ތަނަކާއި ވަގުތެއް ވެސް ނުވިސްނޭނެ ކަމަށް ބުނެ ވަރުގަދަ އިންޒާރުތަކެއް ދީފަ އެވެ.

އިނގިރޭސި ބަހުން ސަބްޓައިޓްލް އަރުވާ އެ ވީޑިއޯ އާންމުވުމާ ގުޅިގެން ފުލުހުން ނެރުނު ބަޔާނުގައި ބުނީ، ވަޅީގެ ހަމަލައިގެ މައްސަލަ، ކަމާ ގުޅުން ހުރި މުއައްސަސާތަކާ އެކު، ބަލަމުން އަންނަ ކަމަށެވެ.

"އަދި ދިވެހިންނާއި ދިވެހިރާއްޖޭގައި އުޅެމުންދާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަން މި ސާވިސް އިން ކުރަމުން ދާނެ ކަމުގެ ޔަގީންކަން އަރުވަމެވެ،" ރޭ ދަންވަރު ދޭއް ޖަހަން އުޅެނިކޮށް، ދިވެހި ބަހުންނާއި އިނގިރޭސި ބަހުން ފުލުހުން އާންމުކުރި ބަޔާނުގައި ވެ އެވެ.

ހުޅުމާލޭގައި ދިން ވަޅީގެ ހަމަލައާ ގުޅިގެން ފުލުހުން ރެ އާއި މިއަދު ކުރި ޓުވީޓު

އަންގާރަ ދުވަހުގެ ރޭގެ ހަމަލައިގައި އަނިޔާވި މީހުންގެ ހާލު ބެއްލެވުމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރާއި ހުޅުމާލެ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަލީ ނިޔާޒާއި ހުޅުމާލެ ބަލަހައްޓާ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު އަދި ފުލުހުންގެ ބައެއް އިސްވެރިން އެ ރޭ ހުޅުމާލޭ ހޮސްޕިޓަލަށް ވަޑައިގެންނެވި އެވެ.

ރާއްޖޭގައި މަސައްކަތް ކުރާ ތުރުކީގެ މީހަކަށް ވެސް މިދިޔަ އަހަރުގެ ޑިސެމްބަރު 28 ވަނަ ދުވަހުގެ ރޭ ހުޅުމާލެ އިން ވަޅީގެ ހަމަލައެއް ދިނެވެ. އެކަމަކު، އެ މައްސަލައިގައި އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށް ފުލުހުން އިއްޔެ ބުނެފައި ވެ އެވެ.