އިންޑިއާގެ އެހީގައި، އެންމެ ފަހު ދެ ދިވެހިން ވޫހާނުން ނެރެދީފި

ކޮރޯނާވައިރަސް ނުވަތަ ކޮވިޑް ފެތުރެން ފެށި ޗައިނާގެ ވޫހާންގައި ތިބި ނުވަ ދިވެހިންގެ ތެރެއިން ބާކީ ދެ ދިވެހިން އިންޑިއާގެ އެހީތެރިކަމާ އެކު، މިއަދު ހެނދުނު ދިއްލީ އަށް ގެންގޮސް ކަރަންޓީނު ކޮށްފި އެވެ.


ފޮރިން މިނިސްޓްރީން ބުނީ، އެ ދެ ދިވެހިން ދިއްލީ އަށް ގެންދިޔައީ، ވޫހާންގައި ތިބި އިންޑިއާގެ މީހުން އަނބުރާ ގެންދިއުމަށް ބޭއްވި، އިންޑިއަން އެއާފޯސްގެ މަތިންދާބޯޓެއްގައި ކަމަށެވެ. އެނގިފައިވާ ގޮތުގައި، އެއީ ޗައިނާގައި ތަމްރީނު ހަދަން ތިބި ދިވެހި ސިފައިންގެ ދެ ފިރިހެނެކެވެ. ޑަބްލިއުއެޗްއޯ އިން ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށް ދިއްލީގެ ކަރަންޓީން ފެސިލިޓީގައި އެ ދެ މީހުން 14 ދުވަހަށް ބައިތިއްބާނެ އެވެ.

އިންޑިއާގެ މި އެހީތެރިކަމަށް ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ. އޭނާ ކުރެއްވި ޓުވީޓެއްގައި ވަނީ، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޮދީ އާއި އެ އެ ގައުމުގެ ފޮރިން މިނިސްޓަރާއި އިންޑިއާ އާއި ޗައިނާގެ ކަމާއި ގުޅޭ ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވައިފަ އެވެ.

ފޮރިން މިނިސްޓަރު ޝާހިދު މިއަދު ކުރެއްވި ޓުވީޓް

ނުރައްކާތެރި ކޮރޯނާވައިރަސް ފެތުރެން ފެށި ވޫހާން ސިޓީގައި ނުވަ ދިވެއްސަކު ތިއްބެވެ. އޭގެ ތެރެއިން ހަތް ދިވެއްސަކު ކުރިން ވެސް ދިއްލީ އަށް ގެންގޮސް، ކަނޑައަޅާފައިވާ މުއްދަތަށް ކަރަންޓީނު ކުރީ އިންޑިއާ ސަރުކާރުގެ އެހީތެރިކަމާ އެކު އެވެ.

އެ މީހުން، އޭރު ކަރަންޓީނު ކުރީ ދިއްލީ ކައިރީގައި ހުންނަ ކަރަންޓީން ފެސިލިޓީއެއްގައި ތަޖުރިބާކާރު ޑޮކްޓަރުންގެ ބެލުމުގެ ދަށުންނެވެ. ކަރަންޓީނުގެ މުއްދަތަށް ފަހު އެ ހަތް މީހުން ރާއްޖެ އައީ މި މަހުގެ 18 ގަ އެވެ. އޭގެ ތެރޭގައި ކުޑަ ފިރިހެން ކުއްޖަކު ވެސް ހިމެނެ އެވެ.

ކޮވިޑް-19 ގެ ނުރައްކާތެރިކަން ބޮޑުވެ، މިހާތަނަށް 46 ގައުމަކުން އެ ބަލި ވަނީ ފެނިފަ އެވެ. އަދި 80،000 އަށް ވުރެ ގިނަ މީހުން އެ ބަލި ޖެހި، 2،770 މީހަކު ވަނީ މަރުވެފަ އެވެ.

ކޮވިޑް-19 ބޮޑު ރޯގާއަކަށް ބަދަލުވެދާނެތީ ދުނިޔެ ތައްޔާރުވެ އޮތުމަށް ޑަބްލިއުއެޗްއޯ އިން ވެސް ވަނީ ގޮވާލައިފަ އެވެ.