ކޮރަޕްޝަންގެ މައްސަލަތައް ބަލާ ކޮމިޝަންގެ ފުރަތަމަ ޑްރާފްޓް ނިންމައި ރައީސަށް

ކުރީގެ ސަރުކާރުތަކުން ހިންގި ކޮރަޕްޝަނާއި ހިޔާނާތުގެ މައްސަލަތައް ބަލަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވި ރިޔާސީ ކޮމިޝަންގެ ފުރަތަމަ ޑްރާފްޓް ނިންމައި އެ ކޮމިޝަނުން އެ މަނިކުފާނަށް ފޮނުވާފައިވާ ކަމަށް ރައީސް މިރޭ ވިދާޅުވެއްޖެ އެވެ.


އަންނަ މަހުގެ ހަތަރެއްގައި ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އެމްޑީޕީގެ ރ. އަތޮޅުގެ ރަށްވެހި ކެމްޕެއިން ބައްދަލުވުމުގައި ރައީސް ވިދާޅުވީ، ކޮރަޕްޝަންގެ ކަންކަން ބަލަން އެކުލަވައިލި ރިޔާސީ ކޮމިޝަންގެ މަސައްކަތް ވެސް ގާތްގަނޑަކަށް ނިމި، ފުރަތަމަ ޑްރާފްޓް އެމަނިކުފާނަށް މިހާރު ލިބިވަޑައިގެންފައިވާ ކަމަށާއި ފައިނަލް ޑްރާފްޓް ނިމުމާ އެކު، އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދަވާނެ ކަމަށެވެ.

"މި މަސް ތެރޭގައި އަޅުގަނޑުމެން މި ބަލަނީ އޭގެ ފައިނަލް ޑްރާފްޓް ކޮމިޝަނުން ތައްޔާރު ކުރުމާ އެކީގައި އެއާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، ތި ބޭފުޅުންނަށް ހާމަކުރަން ޖެހޭ ކަންތައްތައް އަޅުގަނޑުމެން ހާމަ ކުރާނަން،" އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަގާމުގެ ހުވާކުރެއްވުމާ އެކު، ހަމަ އެ ދުވަހު އުފެއްދި ރިޔާސީ ކޮމިޝަނާ ހަވާލު ކުރެއްވީ، ޖެނުއަރީ 1، 2012 އިން ފެށިގެން ނޮވެމްބަރު، 17، 2018 އާ ހަމައަށް ހިނގާފައިވާ ހިޔާނާތާއި ދައުލަތުގެ ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ގިނަ މައްސަލަތައް އެކިއެކި ސަބަބުތަކާ ހެދި ރަނގަޅަށް ނުބެލި އޮތުމުން އެފަދަ މައްސަލަތައް ބެލުމެވެ. އެފަދަ މައްސަލަތައް ބެލުމުގައި ތަހުގީގީ އިދާރާއަކަށް ލިބިދޭ ބާރުތައް ކޮމިޝަނަށް ގާނޫނަކުން ވަނީ ދީފަ އެވެ. ކޮމިޝަން އުފެއްދެވީ ފަސް މެމްބަރުންނާ އެކު ކަމަށް ވިޔަސް މިހާރު ތިއްބެވީ ހަތަރު ބޭފުޅެކެވެ. އެއީ ކޮމިޝަންގެ މެމްބަރެއްގެ ގޮތުގައި ހުންނެވި އާސް އަބްދުﷲ މިދިޔަ މަހުގެ 27 ގައި އިސްތިއުފާ ދެއްވުމުންނެވެ.

ޚަރަދު ކުޑަކުރިޔަސް މަޝްރޫއުތައް ކުރިއަށް ގެންދާނެ

ދަރުބާރުގޭގައި މިރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، ދުނިޔޭގެ އެކި ގައުމުތަކަށް މިހާރު ހަލުވިކަމާ އެކު ފެތުރެމުންދާ ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19 އާ ގުޅިގެން، ދައުލަތުގެ ޚަރަދުތައް ކުޑަ ކުރިޔަސް، ތަރައްގީގެ މަޝްރޫއުތައް މަޑުޖެއްސުމެއް ނެތި ކުރިއަށް ގެންދެވޭތޯ ބައްލަވަމުން ގެންދަވާ ކަމަށެވެ.

ރައީސް ވިދާޅުވީ، ގިނަ ގައުމުތަކުން ކޮރޯނާވައިރަސް ފެނިފައިވާތީ، އެ ވައިރަސް ރާއްޖެ އިން ފެނިދާނެ ކަމުގެ ބިރު ވަރަށް ބޮޑު ކަމަށެވެ. އެހެންވެ، އެކަމަށްޓަކައި ތައްޔާރުވުމާއި ދައުލަތުގެ ޚަރަދުތައް ކުޑަކުރުމުގެ މަސައްކަތްތައް ކުރަމުން ގެންދަވާ ކަމަށާއި އޭގެ ތެރެއިން ރަށްރަށުގެ ތަރައްގީ އަށް ރޭވިފައި ހުރި މަޝްރޫއެއް މަޑުޖެއްސުމެއް ނެތި ކުރިއަށް ގެންދަން މަސައްކަތް ކުރައްވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ކެމްޕެއިންގެ ތެރެއިން، މާލޭގައި ދިރިއުޅޭ ރ. އަތޮޅުގެ ބައެއް މީހުންނާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ބައްދަލުކުރައްވަނީ.---ފޮޓޯ: އެމްޑީޕީ

"އެހެން ނަމަވެސް އަޅުގަނޑުމެން މަސައްކަތް ކުރަމުން މި ގެންދަނީ ރަށްރަށުގެ ތަރައްގީއަށްޓަކައި މި އަހަރަށް ޕްލޭން ކުރެވިފައި ހުރި އެއްވެސް މަސައްކަތެއް ފަސް ޖައްސައިި ނުލައި އެކަން ކުރިއަށް ގެންދިއުން،" ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި، އަތޮޅު ތެރެއަށް ރޭވިފައި ހުރި ގިނަ ކަންތައްތަކެއް މިހާރު ވެސް އެބަހުއްޓެވެ. އެކަމަކު، އޭގެ ނަތީޖާ ފެންނާނީ އެ ކަންކަން ގަބޫލުކުރާ ބަޔަކު ކައުންސިލްތަކަށް އައިސްގެން ކަމަށް ވިދާޅުވި އެވެ. އެހެންވެ، ލާމަރުކަޒީ ނިޒާމާއި ރައްޔިތުން ބޭނުންވާ ތަރައްގީ އާއި ބަދަލުތައް ގެނެވޭނީ އެމްޑީޕީ އަށް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބު ކާމިިޔާބު ކުރެވިގެން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ކެމްޕެއިންގެ ތެރެއިން، މާލޭގައި ދިރިއުޅޭ ރ. އަތޮޅުގެ ބައެއް މީހުންނާ އެކު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ބޭއްވެވި ބައްދަލުވުމުގައި މީހަކު ވާހަކަ ދައްކަނީ.---ފޮޓޯ: އެމްޑީޕީ

"މި ކަންތައްތައް ތަންފީޒުކޮށް، އަމަލީ ސިފަ ޖައްސަން ބޭނުން ކަމަށް ވަންޏާ ކައުންސިލްތަކަށް އެބަޖެހޭ މިކަން ގަބޫލުކުރާ ބަޔަކު ހޮވަން. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިކަން ގަބޫލުކުރާ ބައެއްގެ ގޮތުގައި އޮތީ އެމްޑީޕީ،" ރައީސް ވިދާޅުވި އެވެ.

"އެހެން ނަމަވެސް އަޅުގަނޑުމެން މަސައްކަތް ކުރަމުން މި ގެންދަނީ ރަށްރަށުގެ ތަރައްގީއަށްޓަކައި މި އަހަރަށް ޕްލޭން ކުރެވިފައި ހުރި އެއްވެސް މަސައްކަތެއް ފަސް ޖައްސައިި ނުލައި އެކަން ކުރިއަށް ގެންދިއުން،" ރައީސް

އެ މަނިކުފާނު ވިދާޅުވީ، ވެރިކަމަށް ވަޑައިގެންނެވިއިރު ގައުމުގެ ހާލަތު އޮތްގޮތް ހަނދާން ނައްތައިނުލެވޭނެ ކަމަށެވެ. އެކަންކަން ބަދަލުކޮށް، ރައްޔިތުންނަށް ހެޔޮ ނަތީޖާތައް އެކި ދާއިރާތަކުން މިހާރު ފެންނަމުންދާ ކަމަށް ވިދާޅުވި އެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ކެމްޕެއިންގެ ތެރެއިން، މާލޭގައި ދިރިއުޅޭ ރ. އަތޮޅުގެ ބައެއް މީހުންނާ އެކު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ބޭއްވެވި ބައްދަލުވުމަށް ދިޔަ ބައެއް މީހުން.---ފޮޓޯ: އެމްޑީޕީ

އެ މަނިކުފާނު ވިދާޅުވީ ލޯކަލް ކައުންސިލްތަކަށް މިހާރު ދީފައި ހުރި ބާރުތަކަކީ މީގެ ކުރިން ދުވަހަކު ވެސް ކައުންސިލްތަކަށް ލިބުނު ބާރުތަކެއް ނޫން ކަމަށާއި އެހާ ބޮޑެތި ބާރުތަކެއް ކައުންސިލްތަކަށް ދިނުމާ ދެކޮޅަށް ބައެއް ބޭފުޅުން ކުރިން ވާހަކަ ދެއްކެވިޔަސް، އެއީ އެމަނިކުފާނު ގަބޫލުފުޅު ކުރައްވާ އުސޫލެއް ނޫން ކަމަށެވެ. އެހެންވެ، ކައުންސިލްތަކަށް މާލީ ގޮތުންނާއި އެހެން ގޮތްގޮތުން ވެސް ބާރުތައް ދޭން ނިންމެވީ ކަމަށް ވިދާޅުވި އެވެ.