ކޮވިޑް-19: ކުރެއްދު އާއި ވ. ތިނަދު އަށް އަރައި ފޭބުން މަނާ

ޅ. އަތޮޅުގައި ހިންގާ ކުރެއްދޫ ރިސޯޓަށް މީހުން އަރައި ފޭބުން މަނާކޮށްފައިވާ ކަމަށާއި އެއީ ކޮވިޑް-19 އަށް ޝައްކުވާ މީހަކު އެ ރިސޯޓުން ފެނިގެން ކަމަށް އެ ރިސޯޓުން ވާހަކަ ދެއްކި ބައެއް މީހުން ބުނެފި އެވެ. ނަމަވެސް މިކަމާ ބެހޭ ގޮތުން ރަސްމީ އެއްވެސް އިދާރާއަކުން އަދި ވާހަކައެއް ނުދައްކަ އެވެ.


ނައިފަރު ކައުންސިލްގެ ރައީސް މުހައްމަދު ކާރިމް "މިހާރު" އަށް ވިދާޅުވީ ކުރެއްދޫ ރިސޯޓުގައި ޗުއްޓީ ހޭދަކުރި ޓޫރިސްޓެއް އެނބުރި ގައުމަށް ދިޔަ ފަހުން ކޮވިޑް19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށް އެނގިވަޑައިގެންފައިވާ ކަމަށެވެ. އަދި އެ މީހާ ޗުއްޓީ ހޭދަ ކުރިއިރު އެ ރިސޯޓްގެ ޑޮކްޓަރަށް ދައްކާފައިވާ ކަމަށާއި މިހާރު އެ ޑޮކްޓަރުގެ ފަރާތުން ބައްޔަށް ޝައްކު ކުރެވިގެން ކަރަންޓީނުކުރަން މަސައްކަތް ކުރާ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ކާރިމް ވިދާޅުވީ ކުރެއްދޫ މިހާރު ވަނީ ނުރައްކާތެރި ހާލަތެއްގައި ކަމަށް އެ ކައުންސިލަށް ގަބޫލުކުރެވޭތީ އެ ރިސޯޓުން އެއްވެސް މީހަކު ނައިފަރަށް އައުން މަނާކޮށްފައިވާ ކަމަށެވެ. އަދި މިވަގުތު އެ ރަށުގައި ތިބި އެ ރިސޯޓްގެ މުވައްޒަފުންނަށް އަނބުރާ ދެވޭނީ ފަހުން އެ ނިންމުން ބަދަލު ކުރުމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރިސޯޓުން ވާހަކަ ދެއްކި ބައެއް މީހުން ވަނީ ރިސޯޓަށް ވެސް އަރައި ފޭބުން މަނާކޮށްފައިވާ ކަމަށް ބުނެފަ އެވެ. ނަމަވެސް ރިސޯޓްގެ މެނޭޖްމަންޓުގެ ބައެއް ލިބޭ ގޮތެއް ނުވި އެވެ.

ކޮވިޑް-19 އަށް ޝައްކު ކުރެވޭ އިޓަލީ ޓޫރިސްޓަކު މިއަދު ވަނީ ވ. ތިނަދޫ އިން ވެސް ކަރަންޓީނުކޮށްފަ އެވެ. އެ މީހާގެ ޓެސްޓުގެ ނަތީޖާ އަދި ހާމައެއް ނުކުރެ އެވެ.

ޗިލީ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހާ މިދިޔަ މަސް ދުވަހުގެ ތެރޭގައި ރާއްޖެ އަށް ވެސް އެތެރެވެފައިވާ ކަމަށް އެ ގައުމުގެ ނޫސްތަކުން ރިޕޯޓްކޮށްފައި ވާތީ ކަމާބެހޭ ފަރާތްތަކާ ގުޅައި، އެކަން އޮޅުންފިލުވައި ޔަގީންކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެންއޭ) އިން އިއްޔެ ވަނީ ބުނެފަ އެވެ. އެކަމާ ގުޅޭގޮތުން ފަހުން އެއްޗެއް ހާމައެއް ނުކުރެ އެވެ.

ކޮވިޑް19 އަށް ޝައްކު ކުރެވިގެން މިހާތަނަށް ރާއްޖޭން ޓެސްޓް ކުރި އެއްވެސް މީހަކު ޕޮޒިޓިވެއް ނުވެ އެވެ.