ޖިމްތަކާއި ކަސްރަތު ކްލާސްތައް މެދުކަނޑާލަން އަންގައިފި

މާލެ ސަރަހައްދުގައި ހިންގާ ޖިމްތަކާއި ކަސްރަތު ކްލާސްތައް، ކޮވިޑް-19އާ ގުޅިގެން މެދުކަނޑާލުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ އަންގައިފި އެވެ.


ކޮވިޑް-19 ފެތުރުން ހުއްޓުވުމަށް އެޅި ފިޔަވަޅެއްގެ ގޮތުން މާލޭގެ ގިނަ ޖިމްތައް ވަނީ މި މަހުގެ 16 އިން ފެށިގެން އަމިއްލަ ބަންދުކޮށްފަ އެވެ. ނަމަވެސް ބައެއް ޖިމްތަކާއި ކަސްރަތު ކްލާސްތައް ދިޔައީ ހިންގަމުންނެވެ.

ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު، މައިމޫނާ އަބޫބަކުރަށް ލިބިވަޑައިގެންފައިވާ ބާރުގެ ދަށުން އަންގާފައި ވަނީ މިރޭ 12 އިން ފެށިގެން މާލެ ސަރަހައްދުގައި ހިންގާ ޖިމްތަކާއި ކަސްރަތު ކްލާސްތަކާއި ގުރޫޕު ކަސްރަތު ހަރަކާތްތައް ވަކި އެއްޗެއް އަންގަންދެން ހުއްޓާލުމަށެވެ.

ކޮވިޑް-19 އިތުރަށް ފެތުރުނަ ނުދިނުމަށްޓަކައި ގިނަ މީހުން އެއްވެ ނޫޅުމަށް ކަމާބެހޭ ފަރާތްތަކުން ލަފާ ދެ އެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާ އެކު، އެޗްޕީއޭގެ ޑިރެކްޓަ ޖެނެރަލް މައިމޫނާ އަށް ބޮޑެތި ބާރުތަކެއް ލިބިވަޑައިގަންނަވަ އެވެ. އާންމު ސިއްހަތަށް ކުއްލި ނުރައްކަލުގެ ހާލަތެއް ކުރިމަތިވެއްޖެ ކަމަށް، ވަޒީރު އިއުލާނުކުރައްވައިފި ނަމަ، އެކަމާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނީ ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތެވެ. އެ ބާރުގެ ދަށުން ގިނަ އެންގުންތަކެއް މިހާތަނަށް އަންގާފައިވެ އެވެ.

ރާއްޖޭން ކޮވިޑް-19 އަށް 17 މީހަކު ޕޮޒިޓިވް ވެފައިވާއިރު އޭގެ ތެރެއިން 11 މީހުން ވަނީ ރަނގަޅުވެފަ އެވެ.