އިންސާނުން ދިރިއުޅެން އެކަށީގެން ނުވާ ގޮތަށް މާލޭގެ ކުދި ތަންތަންކޮޅުގައި ތޮއްޖެހިގެން ދިރިއުޅޭ ބިދޭސީން ބަދަލުކުރަން ހުޅުމާލެ އާއި ގުޅިފަޅުގައި ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދިނުމުގެ މަސައްކަތް ސަރުކާރުން ފަށައިފި އެވެ.
މާލޭގެ މޭޔަރު، ޝިފާ މުހައްމަދު މިއަދު ވިދާޅުވީ ކޮވިޑް-19 އާއްމުންގެ ތެރޭގައި ފެތުރުން ހުއްޓުވަން އަޅާ ފިޔަވަޅުތަކުގެ ތެރޭގައި، ތޮއްޖެހިގެން އުޅޭ ބިދޭސީންނަށް އެކޮމެޑޭޝަން ބްލޮކްތަކެއް ހަދައި، އެ މީހުން ބަދަލުކުރުން ހިމެނޭ ކަމަށެވެ. އިކޮނޮމިކް މިނިސްޓްރީ އާއި ކަމާބެހޭ އެކި އިދާރާތައް ގުޅިގެން ފަށާފައިވާ މަސައްކަތުގައި ބަލަނީ ވީހާ ވެސް އަވަހަކަށް މާލެ އިން ބަދަލުކުރަންޖެހޭ ބިދޭސީން ހުޅުމާލެ އާއި ގުޅީފަޅަށް ގެންދިއުމަށް ކަމަށް ވެސް ވިދާޅުވި އެެވެ.
"އަޅުގަނޑުމެން މި ބަލަނީ މި އެކޮމެޑޭޝަން ބްލޮކްތައް ނިންމުމާ އެކު، ހައެއްކަ މަސް ތެރޭގައި، ބިދޭސީންނަށް ވެސް އިންސާނުން އެކަށީގެންވާ ގޮތަކަށް ދިރިއުޅެވޭނެ ގޮތެއް ހޯދައިދޭން،" ޝިފާ ވިދާޅުވި އެވެ.
އާއްމުންގެ ތެރޭގައި، ބަލި ފެތުރިދާނެ ކަމުގެ ކަންބޮޑުވުމާ އެކު، އެންމެ އަވަސް ހައްލެއް ހޯދަން ޖެހިފައިވާ އެއް ބައަކީ، އެއްތަނެއްގައި ގިނަ ބަޔަކު ތޮއްޖެހިގެން ދިރިއުޅޭ ބިދޭސީން ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ ކަމާބެހޭ އިދާރާތަކަށް ލަފާ ދީފަ އެވެ.
މިއާއެކު، މާލޭ ސިޓީ ކައުންސިލުން ވަނީ މާލޭގެ ގޭގެ އަށް ޒިޔާރަތްކޮށް، ކޮންޓެކްޓް ޓްރޭސިން ފަސޭހަ އިން ހެދޭނެ ގޮތަށް، އެ މީހުންގެ މައުލޫމާތު އެއްކޮށްފަ އެވެ.
ޝިފާ ވިދާޅުވީ އެއް ކޮޓަރީގައި 50 ވަރަކަށް ބިދޭސީން ވެސް ވަރަށް ހާލުގައި ދިރިއުޅެމުން އެބަދާ ކަމަށެވެ. އެންމެ އަވަހަށް ނިމޭ އެކޮމެޑޭޝަން ބްލޮކްތަކަށް މީހުން ބަދަލުކުރަމުން އަންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ބިދޭސީންނަށް މާލޭގައި ކުއްޔަށް ދޫކުރާ ތަންތަނުގެ ހާލަތު ރަނގަޅުކުރަން އިކޮނޮމިކް މިނިސްޓްރީން ވަނީ އުސޫލެއް އެކުލަވާލައިފަ އެވެ. ތަންތަން ދެން ކުއްޔަށް ދޫކުރޭވެނީ އެ އުސޫލްތަކާ އެއްގޮތަށް ކަން ޝިފާ ފާހަގަކުރެއްވި އެވެ.
"ބިދޭސީންގެ ސަބަބުން އަޅުގަނޑުމެން އިކޮނޮމީ އަށް ފައިދާތަކެއް ކުރޭ. އެެންވީމާ އެ މީހުން ދިރިއުޅޭ ތަންތަނުގެ ހާލަތު ރަނގަޅު ކުރުމަކީ އެންމެންވެގެން ކުރަން ޖެހޭނެ ކަމެއް،" އޭނާ ވިދާޅުވި އެވެ.
އެކަމަކު، މާލޭގައި ނަން ހިނގާ ކުންފުނިތަކުގައި މަސައްކަތް ކުރާ ބިދޭސީން ވެސް ވަރަށް ނިކަމެތި ހާލުގައި ދިރިއުޅެމުންދާ ކަމަށް ވިދާޅުވި އެވެ.
ބިދޭސީންގެ މައްސަލަ އަށް ހައްލު ހޯދުމާ ގުޅޭ ގޮތުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެފައި ވަނީ، ގަވާއިދުގެ ތެރެއަށް ވަނުމަށް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ހުޅުވައިލި ފުރުސަތުގައި 40،000 މީހުން ރަޖިސްޓަރީ ވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި އެއްވެސް ލިޔެކިޔުމެއް ނެތް މީހުން ވަރަށް ގިނަ ކަމަށް އޭނާ ވިދާޅުވި އެވެ.
ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އޭގެތެރެއިން 1،500 އެއްހާ ބިދޭސީން ރަނގަޅު ފެންވަރެއްގެ އެކޮމެޑޭޝަންތަކަށް ބަދަލުކުރާނެ ކަމަށް ވެސް އނާ ވަނީ ވިދާޅުވެފަ އެވެ. މިނިސްޓަރު ފައްޔާޒު ވެސް ވިދާޅުވެފައިވާ ގޮތުގައި އެއް ކޮޓަރީގައި 50 ބިދޭސީން އުޅޭ ތަންތަން ވެސް މާލޭގައި އެބަހުއްޓެވެ. އެގޮތުން ދިރިއުޅުން އެހެން ތަންތަނަށް ބަދަލުކުރަންޖެހޭ 200 ވަރަކަށް ތަން ފާހަގަކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.