ރާއްޖޭގައި ކޮވިޑް-19 ޖެހުނު މީހަކަށް ފުރަތަމަ ފަހަރަށް އޮކްސިޖަން ދެނީ

ރާއްޖެ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހަކަަށް ފުރަތަމަ ފަހަރަށް އޮކްސިޖަން ދީގެން ފަރުވާދޭން މިއަދު ފަށައިފި އެވެ.


ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ން މިރޭ ބޭއްވި މީޑިއާ ބްރީފިންގައި އެޗްޕީއޭގެ ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ، ދަރުމަވަންތަ ހޮސްޕިޓަލުގައި އޮކްސިޖަން ދީގެން ފަރުވާދެނީ ކޮވިޑް-19 އަށް ޕޮޒިޓިވްވި ޕާކިސްތާނުގެ ދެ މީހުންގެ ތެރެއިން އެކަކަށް ކަމަށެވެ. އެއީ އުމުރުން 48 އަހަރުގެ ފިރިހެނެކެވެ.

ޑރ. އަފްޒަލް ވިދާޅުވި ގޮތުގައި، ކޮވިޑް-19 އަށް ރާއްޖެ އިން ޕޮޒިޓިވްވި 226 މީހުންގެ ތެރެއިން ތިން މީހަކު ދަރުމަވަންތަ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާދެމުން އެބަދެ އެވެ. އެ ތިން މީހުން ވެސް އެޑްމިޓްކޮށްފައި ވަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ "ޑީއެޗް11" ގަ އެވެ. އެއީ މީގެ ކުރިން ވެސް އެޑްމިޓް ކޮށްފައިވާ އުމުރުން 80 އަހަރުގެ ދިވެހި ފިރިހެން މީހާގެ އިތުރުން އޮކްސިޖަން ދީގެން ފަރުވާ ދެމުންދާ ޕާކިސްތާން މީހާ އަދި އުމުރުން 68 އަހަރުގެ ދިވެހި އަންހެނެކެވެ.

އަފްޒަލް ވިދާޅުވީ އޮކްސިޖަން ދީގެން ފަރުވާ ދެމުން އަންނަނީ ޕާކިސްތާނުގެ ފިރިހެން މީހާ އަށް އެކަނި ކަމަށެވެ. އަދި ދެ ދިވެހިންގެ ހާލު ރަނގަޅު ކަމަށް ވިދާޅުވި އެވެ.

މިރޭގެ މީޑިއާ ބްރީފިންގައި ޑރ. އަފްޒަލް ވާހަކަ ދައްކަވަނީ.

ކޮވިޑް-19 އަށް ރާއްޖެ އިން ޕޮޒިޓީވްވާ މީހުންގެ އަދަދު އިތުރުވަމުން ދާއިރު، ޑރ. އަފްޒަލް މިރޭ ވިދާޅުވީ ކުރިއަށް އޮތްތަނުގައި ވެސް އެ އަދަދު ދާނީ މައްޗަށް ކަމަށެވެ.

މި ބައްޔަށް މިހާތަނަށް ޕޮޒިޓިވްވި 226 މީހުންގެ ތެރެއިން 206 މީހުންނަކީ މާލެ ސަރަހައްދުން ފެނުނު މީހުންނެވެ. އޭގެ ތެރޭގައި އެންމެ ގިނައީ ބަންގްލަދޭޝްގެ މީހުންނެވެ. ރާއްޖޭގައި މަސައްކަތް ކުރާ ބަންގްލަދޭޝްގެ 106 މީހަކު މިހާތަނަށް ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފަ އެވެ. ދިވެހިންގެ އަދަދަކީ 90 އެކެވެ.

މި މަހުގެ 15 ގައި މާލެ ސަރަހައްދުން މި ބައްޔަށް މީހަކު ޕޮޒިޓިވް ވުމުން މި މަހުގެ ނިޔަލަށް މާލެ، ވިލިމާލެ، ހުޅުމާލެ، ގުޅިފަޅު އަދި ތިލަފުށި ލޮކްޑައުން ކުރި އެވެ. ނަމަވެސް މާލެ ސަރަހައްދުން އަދިވެސް އާ ކްލަސްޓާސް ފެންނަމުން ދާތީ، މި މަސް ނިމޭ އިރު ލޮކްޑައުން ނިންމޭނެ ކަމަށް ނުބެލެވޭ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.