ސަރުކާރުން ހުށަހެޅި ގޮތަށް ގާނޫނު އަސާސީ އިސްލާހުކުރަން އެމްޑީޕީން ނިންމައިިފި

ލޯކަލް ކައުންސިން އިންތިހާބު ބޭއްވޭ ގޮތް ނުވުމުން މިހާރު ތިބި ކައުންސިލަރުންގެ ދައުރު ދަންމައިލުމަށް ޓަކައި ގާނޫނު އަސާސީ އަށް ގެންނަން ސަރުކާރުން ހުށަހެޅި ބަދަލު، އެ ގޮތަށް ފާސްކުރަން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން މިރޭ ނިންމައިފި އެވެ.


އެނގިފައިވާ ގޮތުގައި ސަރުކާރުން ހުށަހެޅި ގޮތަށް ގާނޫނު އަސާސީ އަށް ބަދަލު ގެންނަން ނިންމީ އެމްޑީޕީގެ ޕީޖީ ގްރޫޕުން މިރޭ ބޭއްވި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި 55 މެމްބަރުންގެ ތެރެއިން 42 މެެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. ގާނޫނު އަސާސީ އަށް އެ ބަދަލު ގެންނަން ތުރީލައިން ވިޕެއް ނެރޭ ގޮތަށް ހުށަހެޅި ނަމަވެސް އެ ހުށަހެޅުން ފާސްކުރަން ނުފެންނަ ކަމަށް ވޯޓް ދެއްވީ ނުވަ މެމްބަރެކެވެ. ވަކި ކޮޅަކަށް ވޯޓް ނުދެއްވާ ހަތަރު މެމްބަރަކު ތިއްބެވި އެވެ.

ނުފެންނަ ކަމަށް ވޯޓް ދެއްވި މެމްބަރުން

1- އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު

2- މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ)

3- ދިއްދޫ ދާއިރާގެ މެމްބަރު އަބްދުﷲ ވަހީދު

4- މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު

5- ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން

6- ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އިބްރާހީމް މުއިއްޒު

7- މަޑަވެލި ދާއިރާގެ މެމްބަރު ހުސައިން ފިރުޝާން

8- މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ

9- ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހުމަދު ނަސީމް

ވަކިކޮޅަކަށް ވޯޓް ނުދެއްވި މެމްބަރުން

1- ކެލާ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް

2- ގައްދޫ ދާއިރާގެ މެމްބަރު އަހުމަދު ޒާހިރު

3- ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް

4- ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން މިރޭ ފާސްކުރީ ގާނޫނު އަސާސީ އަށް ސަރުކާރުގެ ފަރާތުން ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެއް) ހުށަހެޅުއްވި ބިލަށް އެއްވެސް ބަދަލެއް ނުގެނެސް އެ ގޮތަށް ފާސްކުރުމަށެވެ. އެގޮތުން އެ ބިލް ކޮމިޓީ އަށް ފޮނުވިޔަސް އިތުރު ބަދަލެއް ނުގެންނަން އެ ހުށަހެޅުމުގައިވެ އެވެ.

އެމްޑީޕީގެ ޕީޖީ ބައްދަލުވުމެއްގައި މާފަންނު މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހުމަދު ނަސީމް އަދި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ބައިވެރިވަޑައިގަންނަވަނީ.

ގާނޫނު އަސާސީ އަށް ބަދަލު ގެންނަން ވަަރަށް ބޮޑަށް ދެކޮޅު ހައްދަވާ ކަމަށް ވޯޓް ނުދެއްވި ބައެއް މެމްބަރުން އަދިވެސް ގެންދަވަނީ ވިދާޅުވަމުންނެވެ. މާފަނުން މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) "މިހާރު" އަށް މިރޭ ވިދާޅުވީ ކޮވިޑް-19 ފެތުރޭތީ ރާއްޖޭގައި މިހާރު އޮތް ހާލަތަކީ ގާނޫނު އަސާސީ އަަށް ބަދަލެއް ގެންނަން އެކަށީގެންވާ ހާލަތެއް ނޫން ކަަމަށެވެ. މިހާރުގެ ހާލަތުގައި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ތިއްބެވީ މަޖިލީހަށް ހާޒިރު ނުވެވޭ ފަދަ ހާލަތެއްގައި ކަަމަށް އޭނާ ވިދާޅުވި އެވެެ.

މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު ،

"ގާނޫނު އަސާސީ އަށް އިސްލާހެއް ގެންނަން ވާނީ ރައްޔިތުންގެ ވަކީލުންނަށް މަޖިލީހަށް ހާޒިރުވެ ވޯޓް ދެއްވޭނެ ފުރުސަތު އޮންނަ ހާލަތެއްގައި،" އޭނާ ވިދާޅުވި އެވެ.

ގާނޫނު އަސާސީއަށް އިސްލާހު ގެނައުމާ މެދު ޚިޔާލު ތަފާތުވެ، މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވެސް ބައެއް މެމްބަރުން ވާހަކަ ދެއްކެވި އެވެ. އެގޮތުން ބައެއް މެމްބަރުން މިއަދު ވެސް ހުށަހެޅުއްވީ ސަންސެޓް ގާނޫނެއް ގެންނާށެވެ. މިދިޔަ މަހު ބާއްވަން އޮތް ކައުންސިލް އިންތިހާބު ނުބޭއްވުމުން ނުކުންނަ މައްސަލަ އަށް އެގޮތުން ހައްލެއް ގެނެވޭނެ ކަމަށް އެ މެެމްބަރުން ވިދާޅުވި އެވެ.

މިހާރު ތިބި ކައުންސިލް މެމްބަރުންގެ ދައުރު ދެމިގެންދާ ގޮތަށް ގާނޫނުއަސާސީ އަށް އިސްލާހު ގެންނަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ފޮނުވި ބިލް، މިއަދުގެ ޖަލްސާ އަށް ހުށަހަޅުއްވަމުން ބިލެތްދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު ހަލީމް ވިދާޅުވީ، އެ އިސްލާހާ އެކު އާ ކައުންސިލަރުން އިންތިޚާބު ކުރެވެންދެން މިހާރު ތިއްބެވި ކައުންސިލަރުންގެ މަގާމު އޮންނާނެ ކަމަށެވެ.