ނަޝީދު މިހާރު ވިދާޅުވަނީ ކައުންސިލްގެ ދައުރު ދަންމަން ސުޕްރީމް ކޯޓަށް ދެވިދާނެ ކަމަށް

ކައުންސިލަރުންގެ ދައުރު ދެންމުމާ ގުޅޭ ގޮތުން އުފެދިފައިވާ ޚިޔާލު ތަފާތުވުންތަކަށް ހައްލެއް ހޯދަން ގާނޫނީ ލަފައެއް ހޯދަންޖެހޭ ކަމަށް ފެނިވަޑައިގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.


ސުޕްރީމްގެ ކޯޓުގެ ނަން ނުގެންނަވައި، ނަޝީދު ވިދާޅުވީ މަޖިލީހުގެ މެންބަރުން ފާސްކުރައްވައިފި ނަމަ ގާނޫނީ ލަފައެއް ހޯދިދާނެ ކަމަށެވެ. ގާނޫނުއަސާސީ ބުނާ ގޮތުން މަޖިލީހުން ފާސްކޮށްގެން ހޯދާ ލަފަޔަކީ ސުޕްރީމް ކޯޓުގެ އިޝްތިޝާރީ ލަފަ އެވެ. ނަމަވެސް ކޮވިޑް-19 ގެ ސަބަބުން ކައުންސިލް އިންތިހާބު ފަސްކުރަންޖެހި އެކަމުގައި ގޮތެއް ނިންމަން ކޯޓަށް ހުށަހެޅުމަށް ފަހު މައްސަލަ އަނބުރާ ނެގީ މިކަމުގައި ހައްލު ހޯދަދެވޭނީ މަޖިލީހަށް ކަމަށް ނަޝީދު ވިދާޅުވެ އެ މަސައްކަތް ފެއްޓެވުމުންނެވެ.

ނަޝީދު ވިދާޅުވީ، ކައުންސިލަރުންގެ ދައުރު ދަންމަން ގާނޫނުއަސާސީ އަށް ސަރުކާރުން އިސްލާހު ހުށަހެޅި ގޮތަށް ފާސްކޮށްފި ނަމަ ގާނޫނުއަސާސީގައި ކައުންސިލަރުންގެ ދައުރު ބަޔާންކުރާ އެހެން މާއްދާއަކާ ފުށުއަރާ ކަމަށެވެ. އެހެންވެ މިހާރު އޮތް އިސްލާހުން ދައުރު ދިގު ދެންމޭނެކަމާ މެދު ސުވާލު އުފެދޭ ކަމަށް ވިދާޅުވި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވައި މެމްބަރުންނަށް ފުރުސަތު އެރުވުމުގެ ކުރިން ނަޝީދު ވިދާޅުވީ ކައުންސިލަރުންގެ ދައުރު ކަނޑައަޅަން ގާނޫނު އަސާސީގައި އޮންނަ މާއްދާ އެކަނި ބަދަލުކޮށްގެން ކައުންސިލަރުންގެ ދައުރު ދިގު ދެންމޭނެ ކަމާ މެދު ސުވާލު އުފެދޭ ކަމަށެވެ. އެކަމާ މެދުގައި މެމްބަރުން ވިސްނާ ވަޑައިގެންނެވުމަށް އެމަނިކުފާނު އެދިވަޑައިގަތެވެ. ނަޝީދު ވިދާޅުވީ މިހާރު ހުށަހަޅާފައިވާ ބަދަލު ގެނައުމުން އެ މާއްދާ ގާނޫނު އަސާސީގެ 231 ވަަނަ މާއްދާގައި، ކައުންސިލްތަކުގެ އުމުރަކީ ފަސް އަހަރު ކަމަށް ބުނާ އަކުރާ ފުށުއަރާ ކަމަށެވެ. ސަރުކާރުން އިސްލާހު ހުށަހެޅި އިރު މި އަކުރު އިސްލާހު ކުރުމަކަށް ހުށަހަޅައިފައެއް ނުވެ އެވެ.

"މިހާރު ހުށަހަޅާފައިވާ ބިލް، އަޅުގަނޑަަށް މިފެންނަތަން ކުށް ނޫން ކަމަށް ވަންޏާ، ފާސްކޮށް ނިމޭ އިރުގައި އަދި ގާނޫނު އަސާސީގައި އެބަ ވޭ މުއްދަތު އިތުރުކުރާ އެހެން މާއްދާއެއް. ގާނޫނު އަސާސީގެ އެއް މާއްދާއާ އަނެއް މާއްދާއަކާ އަރައިރުމެއް ނުވެވޭނެ. އަޅުގަނޑަށް ފެންނަ ތަނުގައި މި މަޖިލިސް އެބަދޭ [ގާނޫނީ]ލަފާ ހޯދާ ތަނަކަށް. އަޅުގަނޑުމެނަށް ގާނޫނު އަސާސީގައި މިބަޔާންކުރާ ގޮތްތަކާ މެދުގައި ލަފާ އެބަ ބޭނުންވޭ،" ނަޝީދު ވިދާޅުވި އެވެ.

ލޯކަލް ކައުންސިލް އިންތިހާބު މިދިޔަ މަހު ބާއްވަން އޮތް ނަމަވެސް އެ އިންތިހާބު ނުބޭއްވުނީ ކޮވިޑް-19 ފެތުރޭތީ ރައްކާތެރިކަމުގެ ގޮތުން އެޅި ފިޔަވަޅުތަކުގެ ސަބަބުންނެވެ. އެހެންވެ، މިހާރު ތިބި ކައުންސިލަރުންގެ ދައުރު ދަންމައިލުމަށް ސަންސެޓް ގާނޫނަކާއި އެކު ގާނޫނު އަސާސީއަށް ބަަދަލު ގެންނަން ސަރުކާރުން ހުށަަހެޅުމުން، ނަޝީދު އޭރު ވެސް އެކަމާ ދެކޮޅަށް ވާހަކަ ދެއްކެވި އެވެ. އެމަނިކުފާނާއި މަޖިލީހުގެ އެމްޑީޕީގެ ބައެއް މެމްބަރުން ވިދާޅުވަމުން ގެންދަވާ ގޮތުގައި ރާއްޖޭގައި މިހާރު އިއުލާނު ކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތަކީ ގާނުނު އަސާސީ އަށް ބަދަލެއް ގެންނަން އެކަށީގެންވާ ވަގުތެއް ނޫން ކަމަށެވެ.

އެކަމުގައި އެމްޑީޕީގެ މެމްބަރުން ދެކަފިވެފައި ވަނިކޮށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ރޭ ވަނީ ސަރުކާރުން ހުށަހަޅާފައިވާ ގޮތަށް ގާނޫނު އަސާސިއަށް ބަދަލު ގެނައުމަށެވެ. ބަދަލު ގެންނަން ސަރުކާރުން ހުށަހަޅާފައި ވަނީ ކައުންސިލަރުންގެ ދައުރު ކަނޑައަޅާފައިވާ މާއްދާ އެކަނި ބަދަލުކުރުމަށެވެ. ގާނޫނު އަސާސީގެ 231 ވަނަ މާއްދާ ބަދަލުކުރަން ސަރުކާރުގެ ހުށަހެޅުމަކު ނެތެވެ. އެކަމުގައި ނަގާ ވޯޓްގައި އެއްކޮޅަށް ވޯޓް ދިިނުމަށް ތްރީ ލައިން ވިޕް ވެސްް ރޭ ވަނީ ނެރެެފަ އެވެ. އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ރޭ އެގޮތަށް ފާސްކުރީ 42 މެމްބަރުންގެ ވޯޓުންނެވެ. އެގޮތަށް ފާސްކުރަން ވޯޓް ނުދެއްވައި 13 މެމްބަރަކު ތިއްބެވި އެވެ. އެއީ ދެކޮޅަށް ދެއްވި ނުވަ މެމްބަރަކާއި ވަކި ކޮޅަކަށް ވޯޓް ނުދެއްވައި ތިއްބެވި ހަތަރު މެމްބަރެކެވެ.

ޕީޖީ ގްރޫޕުން މިގޮތަށް ފާސްކުރުމާ ދެކޮޅަށް ވޯޓު ދެއްވި ބައެއް މެންބަރުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވެސް ދެކޮޅަށް ވެސް ވާހަކަ ދެއްކެވި އެވެ.