ގާނޫނުއަސާސީ އިސްލާހު ކުރުން އަވަސްކުރަން މައިނޯރިޓީ ލީޑަރުގެ ޖަވާބެއްގެ އިންތިޒާރުގައި

ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފައާ އެއްގޮތަށް ގާނޫނުއަސާސީގެ 231 ވަނަ މާއްދާ އިސްލާހުކުރަން މުޅި ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީން ރޭ ފާސްކުރި ރިޕޯޓް މަޖިލީހުގެ ތަޅުމުން ފާސް ކުރުން އަވަސް ކުރުމާ ގުޅޭގޮތުން މައިނޯރިޓީ ލީޑަރު، އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމްގެ ލަފަޔަކަށް އެދިވަޑައިގެންފައިވާ ކަމަށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.


މަޖިލީހުގެ ގަވައިދު ބުނާގޮތުން ކޮމިޓީން ފާސްކުރާ ރިޕޯޓާ މެދު ބަހުސް ކުރެވޭނީ އެ ރިޕޯޓް ފާސްކޮށް، މެމްބަރުންނަށް ފޮނުވާތާ ތިން ދުވަސް ފަހުންނެވެ. އެ ނޫން ގޮތަކަށް އަމަލު ކުރެވޭނީ މަޖިލީހުގެ މެޖޯރިޓީ ލީޑަރާއި މައިނޯރިޓީ ލީޑަރު އެކަމަށް އެއްބަސްވެވަޑައިގަންނަވާ ނަމަ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ނަޝީދު ވިދާޅުވީ، ގާނޫނުއަސާސީ އިސްލާހު ކުރުން އަވަސް ކުރުމާ ގުޅޭގޮތުން، މަޖިލީހުގެ މެޖޯރިޓީ ލީޑަރު، މެދުހެންވޭރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަލީ އާޒިމާއި މައިނޯރިޓީ ލީޑަރު ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު ސަލީމާ ރޭ މަޝްވަރާ ކުރައްވައިފައިވާ ކަމަށެވެ.

އިދިކޮޅު މެމްބަރުންނާ ވާހަކަ ދެއްކެވުމަށް ފަހު ޖަވާބެއް ދެއްވާނެ ކަމަށް ސަލީމް ވިދާޅުވި ކަމަށާއި އެ ޖަވާބު މިއަދުގެ ޖަލްސާގައި ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

މިދިޔަ އޭޕްރީލް ހަތަރެއްގައި ބާއްވަން އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު، ކޮވިޑް-19 ގެ ބިރުވެރިކަމާ ގުޅިގެން ވަނީ ބޭއްވޭ ގޮތް ނުވެފަ އެވެ. އެކަމަކު، މިހާރު ތިބި ކައުންސިލަރުންގެ ތިން އަހަރުގެ ދައުރު އަންނަ ޖޫން މަހުގެ ތިނަކަށް ހަމަވާތީ އޭގެ ކުރިން ގާނޫނުއަސާސީ އިސްލާހުކޮށް، އާ ކައުންސިލަރުން އިންތިޚާބު ކުރެވެންދެން މިހާރު ތިބި ކައުންސިލަރުންނަށް މަގާމުގައި ތިބެވޭ ގޮތް ހަދަންޖެހެ އެވެ.

ސުޕްރީމް ކޯޓުގެ ލަފައާ އެއްގޮތަށް ގާނޫނުއަސާސީ އިސްލާހުކުރަން ހުށަހެޅުއްވީ، އާޒިމެވެ. އޭނާ އިސްލާހު ހުށަހެޅުއްވީ، އާ ކައުންސިލަރުން އިންތިޚާބު ކުރެވެންދެން، މިހާރު ތިބި ކައުންސިލަރުން މަގާމުގައި ތިބެވޭ ގޮތަށް ސަރުކާރުން ގާނޫނުއަސާސީ އަށް އިސްލާހު ގެންނަން ފޮނުވާފައިވާ ބިލަށެވެ. އެ ބިލަށް އަލުން އިސްލާހު ހުށަހަޅަން ޖެހުނީ، ސަރުކާރުން ހުށަހަޅާފައިވާ ގޮތަށް ބަލާއިރު ވެސް މަގްސަދު ހާސިލް ނުވާ ކަމަށް ސުޕްރީމް ކޯޓުގެ ލަފާގައި ވާތީ އެވެ.

އާޒިމް ހުށަހެޅުއްވީ ގާނޫނުއަސާސީގެ 231 ވަނަ މާއްދާ އަށް ދެ އަަކުރެއް އިތުރު ކުރުމަށެވެ. އެއީ ކައުންސިލްތަކުގައި ހިމެނޭނީ ދާއިރާގެ ރައްޔިތުންް އިންތިހާބުކުރާ މެމްބަރުން ކަމަށް ބުނެފައިވާ އެ މާއްދާގެ (ނ) އަށް އިސްތިސްނާއެެއް ދޭ ދެ މާއްދާ އެވެ. އެގޮތުން، އިތުރު ކުރަން ހުށަހެޅި ފުރަތަމަ މާއްދާގައި ބުނެފަައި ވަނީ ކައުންސިލް އިންތިހާބު ބާއްވައި މެމްބަރުން ހުވާކުރަންދެން، މިހާރު ތިބި ކައުންސިލަރުން މަގާމުތަކުގައި ދެމިތިބޭނެ ކަމަށެވެ. ދެވަނަ މާއްދާގައި ބުނަނީ އެގޮތަށް މަގާމުގައި ދެމިތިބޭ ކައުންސިލަރުން އަމަލުކުރާނީ ރައްޔިޔުންގެ މަޖިލީހުން އެކަމަށް ފާސްކުރާ ގާނޫނަކާ އެއްގޮތަށް ކަމަށެވެ.

އާޒިމްގެ އިސްލާހުގެ ދެވަނަ މާއްދާގައި ބުނާ ގާނޫނު މިހާރު ވަނީ ފާސްކޮށް ތަސްދީގު ކޮށްފަ އެވެ. އެއީ ކައުންސިލް އިންތިހާބު ލަސްކުރަން ސަރުކާރުން ހުށަހަޅައިގެން ފާސްކުރި ސަންސެޓް ގާނޫނެވެ.

ސުޕްރީމް ކޯޓުގެ ލަފައަކަށް މަޖިލީހުން އެދުނީ ގާނޫނުއަސާސީގައި ކައުންސިލަރުންގެ ދައުރުގެ މުއްދަތު ކަނޑައަޅާފައިވާ މާއްްދާ އެކަނި ބަދަލުކޮށްފި ނަމަ ގާނޫނު އަސާސީގެ 231 ވަނަ މާއްދާއާ އަރައިރުން ވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެކެވަޑައިގަންނަވާތީ އެވެ.

ސުޕްރީމް ކޯޓުން ދިން ލަފާގައި ބުނެފައިވަނީ ކައުންސިލަރުންގެ ދައުރު ދަންމަން ސަރުކާރުން މިހާރު ހުށަހަޅާފައިވާ ގޮތަށް، ގާނޫނުގެ ހަތަރު ވަނަ މާއްދާ އަށް އިސްލާހު ގެނައުމުގެ ބަދަލުގައި އެ ބިލުން ނުވަތަ އެހެން ބިލަކުން ގާނޫނުއަސާސީގެ 231 ވަނަ މާއްދާގެ ނައްސަށް އިސްލާހު ގެނެސް ނުވަތަ އެ މާއްދާގެ ނައްސަށް ބަދަލު ގެނައުމުގެ ބަދަލުގައި އެ މަގްސަދަށްޓަކައި ގާނޫނުއަސާސީގެ 13 ވަނަ ބާބުގެ ފަހަތަށް އިންތިގާލީ މާއްދާއެއް ހިމަނަން ފެންނަ ކަމަށެވެ. މިގޮތުން ގެންނަ އިސްލާހުގައި، މިހާރު ތިބި ކައުންސިލަތުންގެ މަގާމު، އިންތިހާބު ފަސްވިޔަސް ދެމި އޮންނާނެކަން ސާފުކޮށް ބަޔާންވެފައި އޮންނަން ޖެހޭނެ ކަމަށް ލަފާގައިވެ އެވެ.