ގާނޫނުއަސާސީ އިސްލާހު ކުރުމުގެ ޖަލްސާ މިރޭ ދަންވަރު 1:30 ގައި

ކައުންސިލަރުންގެ ދައުރު ދަންމައިލުމަށް ގާނޫނުއަސާސީ އަށް ގެންނަންޖެހޭ ބަދަލުގެ މަސައްކަތް ނިންމަން މިރޭ ދަންވަރު 1:30 ގައި ޖަލްސާއެއް ބާއްވަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ތާވަލް ކުރައްވައިފި އެވެ.


ކޮވިޑް-19 އާ ގުޅިގެން، ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބޭއްވެން ނެތުމުން މިހާރު އޮތް ކައުންސިލްތަކުގެ އުމުރު ދަންމައިލަން ސަރުކާރުން ހުށައެޅި ގޮތް މުޅި މަޖިލިހުގެ ކޮމިޓީން އިއްޔެ ރޭ ވަނީ ފާސްކޮށްފަ އެވެ. އެކަމަކު މަޖިލިހުގެ ގަވާއިދު ބުނާ ގޮތުން ގާނޫނުއަސާސީއަށް ގެންނަ އިސްލާހެއް ފާސްކުރަން ވޯޓަށް އެހޭނީ، ކޮމިޓީން އެ ބިލެއް ނިންމާތާ ތިން ދުވަސް ފަހުންނެވެ. އެ އަށް ވުރެ އަވަސް ކުރެވޭނީ މަޖިލިހުގެ މެޖޯރިޓީ ލީޑަރާއި މައިނޯރަޓީ ލީޑަރު އެ ކަމަށް އެއްބަސްވެވަޑައިގަތުމުންނެވެ. އެކަމަކު މައިނޯރަޓީ ލީޑަރު، އޭދަފުށީ ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ސަލީމް އެގޮތަށް އެއްބަސްވެވަޑައެއް ނުގަތެވެ.

ގާނޫނުއަސާސީގެ 231 ވަަނަ މާއްދާ އަށް އިންތިގާލީ ބައެއް އިތުރުކޮށް ކައުންސިލަަރުންގެ ދައުރު ދަންމައިލުމަށް މުޅި މަޖިލީހުގެ ކޮމިޓީން ފާސްކުރި ހުށަހެޅުމަށް ތިން ދުވަސް ވާނީ މިރޭ ދަންވަރަށެވެ.

އެނގިފައިވާ ގޮތުގައި، އެހާ ލަސް ގަޑިއެއްގައި ޖަލްސާ ބާއްވަނީ އިސްލާހު ފާސްކޮށް، ތަސްދީގު ކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އަރިހަށް ފޮނުވުމަށްޓަކައި އިދާރީ ގޮތުން ކުރަންޖެހޭ ކަންތައްތަކަށް ވެސް ވަގުތު ލިބޭ ވަރަށް މަސައްކަތް ނިންމަށެވެ. އެގޮތުން، ކުރަން ޖެހޭ އިދާރީ ކަންތައްތަކުގެ ތެރޭގައި ބިލުގައިވާ އިމްލާ ކުށްތައްް ފިލުވުން ފަދަ ކަންތައްތައް ހިމެނެ އެވެ.

ކައުންސިލަރުންގެ އުމުރު ދަންމައިލުމަށްޓަކައި ގާނޫނު އަސާސީ އަށް ބަދަލު ގެންނަން ސަރުކާރުން ހުށަަހެޅީ މިދިޔަ މާޗް މަހުގެ 31 ގަ އެވެ. އެކަމަކު، އެ އިސްލާހުގެ މަސައްކަތް މަޖިލީހުން ފެށީ މިދިޔަ މަހުގެ ފަހު ހަފުތާގަ އެވެ. އެ ހިސާބުން އެ އިސްލާހާ މެދު އެމްޑީޕީގެ މެމްބަރުންގެ މެދުގައި ޚިޔާލުތަފާތުވުން އުފެދި ސުޕްރީމްކޯޓުގެ އިސްތިޝާރީ ލަފަޔަކަށް އެދުނެވެ. ސަރުކާރުން ހުށަހަޅާފައި އޮތް ބިލު މިހާރު ބަދަލުކޮޮށްފައި ވަނީ އެ ލަފަޔާ އެއްގޮތަށެވެ.

ގާނޫނުއަސާސީގެ 231 ވަަނަ މާއްދާ އަށް އިންތިގާލީ ބައެއް އިތުރުކޮށް ކައުންސިލަަރުންގެ ދައުރު ދަންމައިލުމަށް މުޅި މަޖިލީހުގެ ކޮމިޓީން ފާސްކުރި ހުށަހެޅުމަށް ތިން ދުވަސް ވާނީ މިރޭ ދަންވަރަށެވެ.

ސުޕްރީމް ކޯޓުގެ ލަފައާ އެއްގޮތަށް ގާނޫނުއަސާސީ އިސްލާހުކުރަން ހުށަހެޅުއްވީ، ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު، މެދުހެންވޭރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަލީ އާޒިމެވެ. އޭނާ ހުށަހެޅުއްވީ ގާނޫނުއަސާސީގެ 231 ވަނަ މާއްދާ އަށް ދެ އަަކުރެއް އިތުރު ކުރުމަށެވެ. އެއީ ކައުންސިލްތަކުގައި ހިމެނޭނީ ދާއިރާގެ ރައްޔިތުންް އިންތިހާބުކުރާ މެމްބަރުން ކަމަށް ބުނެފައިވާ އެ މާއްދާގެ (ނ) އަށް އިސްތިސްނާއެެއް ދޭ ދެ މާއްދާ އެވެ. އެގޮތުން، އިތުރު ކުރަން ހުށަހެޅި ފުރަތަމަ މާއްދާގައި ބުނެފަައި ވަނީ ކައުންސިލް އިންތިހާބު ބާއްވައި މެމްބަރުން ހުވާ ކުރަންދެން، މިހާރު ތިބި ކައުންސިލަރުން މަގާމުތަކުގައި ދެމިތިބޭނެ ކަމަށެވެ. ދެވަނަ މާއްދާގައި ބުނަނީ އެގޮތަށް މަގާމުގައި ދެމިތިބޭ ކައުންސިލަރުން އަމަލުކުރާނީ ރައްޔިޔުންގެ މަޖިލީހުން އެކަމަށް ފާސްކުރާ ގާނޫނަކާ އެއްގޮތަށް ކަމަށެވެ.

ގާނޫނުއަސާސީ އަށް އިސްލާހު ގެނެވޭނީ ރައްޔިތުންގެ މަޖިލީހުގެ ހަތަރުބައިކުޅަ ތިންބައި މެންބަރުން ވޯޓު ދެއްވައިގެންނެވެ. އެމްޑީޕީގެ 65 މެމްބަރުން ތިއްބަވާތީ އެއީ ސާފު އަގުލަބިއްޔަތެކެވެ. އެހެންވީމާ ގާނޫނުއަސާސީއަށް ގެންނަ އިސްލާހު މިރޭ ފާސްކުރާނެކަން ކަށަވަރެވެ.

މިރޭގެ ޖަލްސާއަށް އެޖެންޑާކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި އިދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރު ކުރުމުގެ ޚާއްސަ ބިލާ ބެހޭ ގޮތުން ލާމަރުކަޒީ ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓަށް ބަހުސް ކުރުން ވެސްް ހިމެނެ އެެވެ.