ކުޑަކުއްޖަކު ރޭޕްކުރި މައްސަލަ: ތުހުމަތު ކުރެވޭ މީހާ ޝަރީއަތް ނިމެންދެން ބަންދު ކޮށްދޭން އެދިއްޖެ

މާލޭގެ ގެސްޓް ހައުސްއެއްގައި އުމުރުން 11 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކުރި މައްސަލައިގައި ހައްޔަރުކުރި މީހާގެ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓައި ދިނުމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމްގެ އަރިހުން މިއަދު އެދިވަޑައިގެންފި އެވެ.


މިދިޔަ ބުދަ ދުވަހު އެ ކުއްޖާ ރޭޕްކުރި މައްސަލައިގެ ތުހުމަތަށް އުމުރުން 38 އަހަރުގެ ފިރިހެނަކު ކޯޓު އަމުރަކުން ރޭ ވަނީ ހައްޔަރުކޮށްފަ އެވެ.

މި މައްސަލައިގައި ސީޕީ ހަމީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެ ކުއްޖާ ރޭޕްކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާގެ ޝަރީއަތް ނިމެންދެން ބަންދުގައި ބަަަހައްޓައި ދިނުމަށް ޕީޖީގެ އަރިހުގައި އެދިވަޑައިގަތީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ދަށުން ކަމަށެވެ.

ސީ ހަމީދުގެ ޓުވީޓް

ހަމީދު ވިދާޅުވި ގޮތުގައި، މިއީ މިދިޔަ ފަސް އަހަރުގެ ތެރޭގައި މިފަދަ އަމުރަކަށް ފުލުހުން އެދުނު ފުރަތަމަ ފަހަރެވެ.

އެ އަމުރަށް ޕީޖީގައި ސީޕީ ހަމީދު އެދިވަޑައިގަތީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ 30 ވަނަ މާއްދާގެ ދަށުންނެވެ.

އެ މާއްދާގައިވާ ގޮތުން، ކުށުގެ ތުހުމަތު ކުރެވޭ މީހަކާ މެދު، އެ ގާނޫނުން ލިބިދޭ ހާއްސަ އުސޫލުތަކާ އެއްގޮތަށް އަމަލު ކުރުމަށް، ފުލުހުންނަށް ފެނިއްޖެ ހިނދެއްގައި، ގާނޫނުގެ ދަށުން ކުށެއް ކުރި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރެވޭ މީހާގެ ތަހުގީގުގެ މަރުހަލާ އާއި ޝަރީއަތުގެ މަރުހަލާ ނިމެންދެން، ބަންދުގައި ދެމެހެއްޓުމުގެ އަމުރަކަށް ޕޮލިސް ކޮމިޝަނަރަށް ޕީޖީގައި އެދިވަޑައިގެންނެވޭނެ އެވެ.

ޕީޖީ ބައްލަވަން ޖެހޭ ބެލުންތައް ބެއްލެވުމަށް ފަހު، ވީ އެންމެ އަވަހަކަށް ކޯޓުގައި އެ އަމުރަށް އެދި ހުށަހަޅަން ޖެހޭނެ ކަމަށް ވެސް ގާނޫނުގައި ވެ އެވެ.

އުމުރުން 11 އަހަރުގެ ކުއްޖާ ރޭޕްކުރި މައްސަލައިގައި ސީޕީ މިފަދަ އަމުރަކަށް އެދިވަޑައިގެންފައިވާއިރު، މި މައްސަލަ ބަލަމުން އަންނަނީ ހާއްސަ ސަމާލުކަމެއް ދީގެން ކަމަށް ފުލުހުން މީގެ ކުރިން ވަނީ ބުނެފަ އެވެ. މިހާތަނަށް އެނގިފައިވާ ގޮތުގައި ރޭޕްކުރީ އެ ކުއްޖާ މަގުމައްޗަށް ނުކުތް ތަނުން، މަގުމަތީގައި ހުރި މީހަކު އެ ކުއްޖާ ގެސްޓް ހައުސްއަކަށް ގެންގޮސްނެވެ. ނަމަވެސް މިކަމާ ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.

މިދިޔަ މަހުގެ ފަހުކޮޅު ވެސް ވަނީ އުމުރުން 16 އަހަރު ވެސް ނުވާ ކުއްޖެއްގެ އާއިލާ އަށް އޮޅުވާލައިގެން ރަށަކުން މާލެ ގެނެސް ގެސްޓް ހައުސްއެއްގައި ރޭޕް ކުރި މައްސަލައެއް ފެންމަތިވެފައި ވެ އެވެ. މި މައްސަލައިގައި ވެސް 24 އަހަރުގެ ފިރިހެނަކު ވަނީ ހައްޔަރު ކޮށްފަ އެވެ.

މި އަހަރުގެ ޖެނުއަރީ މަހު ވެސް އުމުރުން ދެ އަހަރުގެ ތުއްތު ކުއްޖަކު ރޭޕްކުރި މައްސަލައެއްގައި ކުއްޖާގެ ކާފަ އާއި މުނިކާފަ ހައްޔަރުކޮށްފައިވާއިރު މި އަހަރު ފެބްރުއަރީ މަހު ތަސްދީގު ކުރި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ފަހުން މިފަދަ މައްސަލަތައް ބަލަމުން އަންނަނީ ވަރަށް ހަރުކަށިކޮށް، އިސްކަން ދީގެންނެވެ.