ތެލުގެ ވިޔަފާރީގެ ވާހަކަ އަލުން ދައްކަނީ ވަހީދު ދެކެ ބިރުން: އިދިކޮޅު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ތުހުމަތު ކުރާ 800 މިލިއަން ޑޮލަރުގެ ވަގު ވިޔަފާރީގެ މައްސަލަ އެމްޑީޕީން އަނެއްކާ ވެސް ފެންމަތިކޮށްގެން އުޅެނީ ކުރީގެ ރައީސް މުހައްމަދު ވަހީދު އިދިކޮޅު ސިޔާސީ މަސައްކަތާ ގުޅިވަޑައިގަތުމުން ބިރުން ކަމަށް އިދިކޮޅު ކޯލިޝަނުން މިއަދު ބުނެފި އެވެ.


ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ޔާމީން އެސްޓީއޯގެ ޗެއާމަން ކަމުގައި ހުންނަވައިގެން 800 މިލިއަން ޑޮލަރުގެ ތެލުގެ ވަގު ވިޔަފާރިއެއް ކުރެއްވި ކަމަށް އެމްޑީޕީން ކުރިން ތުހުމަތުކޮށް، އެ ޕާޓީގެ ވެރިކަމުގައި އެ މައްސަލަ ބެލި އެވެ. އެކަމުގެ ރިޕޯޓް ވަހީދުގެ ވެރިކަމުގައި ފޮރުވި ކަމަށް ބުނެ މާފަންނު ހުޅަނގު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ފަލާހު ވަނީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ކުއްލި މައްސަލައެއް ހުށަހަޅުއްވައިފަ އެވެ.

މިކަމާ ގުޅިގެން، އިދިކޮޅު ޕީޕީއެމާއި ޕީއެންސީ ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، އެއީ އެމްޑީޕީން އުފަންކުރި މައްސަލައެއް ކަމަށާއި އެ ޕާޓީގެ ވެރިކަމުގައި އެތައް ޚަރަދެއް ކޮށްގެން ބޭރުގެ ބަޔަކާ ހަވާލު ކުރުމުން ވެސް އެއްވެސް ކަމެއް ނުހޯދުނު ކަމަށެވެ. މިހާރު އަނެއްކާ ވެސް އެ މައްސަލައިގެ ވާހަކަ ދައްކަނީ ޕީޕީއެމްގެ ސިޔާސީ މަސައްކަތްތަކާ ވަހީދު ގުޅިވަޑައިގަތުމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ސިޔާސީ ހަރަކާތުގައި އަޅުގަނޑުމެންނާ ގުޅިގެން މަސައްކަތް ކުރަން ނިންމެވީމާ އެއްގޮތަކަށް ވެސް ނިދި ނައިސްގެން އެ އުޅެނީ. އެއީ އަޅުގަނޑު ގަބޫލުކުރާ ގޮތަކީ. ވަރަށް ބޮޑަށް ބިރުގެންފި ވަހީދު ދެކެ،" އިިދިކޮޅު ކޯލިޝަންގެ ޚާއްސަ މުޝީރު ކަމަށް މިދިޔަ ހޯމަ ދުވަހު އައްޔަކުރި ރާއްޖޭގެ ފަސްވަނަ ރައީސްއާ ގުޅޭ ގޮތުން އަބްދުއްރަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، 800 މިލިއަން ޑޮލަރުގެ ވަގު ވިޔަފާރީގެ ތުހުމަތު ޔާމީންގެ އިސްތަށިފުޅުގައި އޭރު ވެސް އެޅުވީ، އެމްޑީޕީގެ ވެރިކަމުގައި ހިންގި ކޮރަޕްޝަންތައް ފޮރުވުމަށެވެ. އެ މައްސަލަ ބެލުމަށް ފަހު، ނެރުނު ރިޕޯޓުތަކާ މެދު ކަން ހިނގި ގޮތް އެނގެން އޮންނާނެ ކަމަށް ވިދާޅުވި އެވެ. އެކަމަކު، އަނެއްކާވެސް އެމްޑީޕީން މަސައްކަތް ކުރަނީ ޔާމީނާއި ވަހީދުގެ އަގު ވައްޓައިލުމަށް ކަމަށް ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު ވިދާޅުވި އެވެ.

"ތި 800 މިލިއަން ޑޮލަރުގެ ވާހަކަ ކިތަންމެ ވަރަކަށް ދެއްކިޔަސް އަޅުގަނޑުމެެން ހުއްޓައެއް ނުލާނަން،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވީ، އެ މަނިކުފާނުގެ ވެރިކަން ނިމުމަކަށް ގެނައީ ތެލުގެ ވިޔަފާރިއާ ގުޅޭ ރިޕޯޓު ނެރެން އޮތް ދުވަހު ކަމަށާއި އަދި އެކަން ތަހުގީގުކުރި ބޭރުގެ ކުންފުންޏަށް 10 މިލިއަން ޑޮލަރު ދައުލަތުން ދޭން ޖެހުނީ އެ ތަހުގީގު ހުއްޓާލުމުގެ ސަބަބުން ކަމަށެވެ.