ކޮވިޑް-19 އަށް ޕޮޒިޓިވް މީހަކު ކެންސަރު ބަލީގައި މަރުވެއްޖެ

ކޮވިޑް-19 އަށް ޕޮޒިޓިވްވި ބިދޭސީ ފިރިހެނަކު ކެންސަރު ބަލީގައި މިއަދު މަރުވެއްޖެ އެވެ. އެކަމަކު މިހާރު ބަލާ މިންގަނޑުތަކުން އެއީ ކޮވިޑް-19 ގެ މަރެއްގެ ގޮތުގައި ސަރުކާރުން ނުބަލަ އެވެ.


ހެލްތު މިނިސްޓްރީގެ ގެ ޑެޕިއުޓީ ޑިރެކްޓަ ޖެނެރަލް ތަސްލީމާ އުސްމާން "މިހާރު" އަށް މިރޭ ވިދާޅުވީ، އިންޑޮނޭޝިޔާގެ އެ މީހާ ކޮވިޑް-19 އަށް ޕޮޒިޓިވް ކަން އެނގުނީ، ދެ ވަނަ ސާޖަރީ ހެދުމުގެ ކުރިން ޓެސްޓުކުރުމުން ކަމަށެވެ. ނަމަވެސް ނަތީޖާ ލިބުމުގެ ކުރިން 39 އަހަރުގެ އެ ފިރިހެން މީހާ ވަނީ މަރުވެފަ އެވެ.

"ޕްރައިމަރީ ކޯސް އޮފް އަކަށް ވެސް އިންނާނީ ކެންސަރުގެ ކޮމްޕްލިކޭޝަންސް ޖަހާފައި. ބަލީގެ އެއްވެސް އަލާމާތެއް ހުރެގެން ނޫން [ކޮވިޑް-19 އަށް] ޓެސްޓުކުރީ،" ތަސްލީމާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކޮވިޑް-19 ގެ މަރެއްގެ ގޮތުގައި ބައިނަލްއަގުވާމީ ގޮތުން ބަލާ މިންގަނޑުތަކުން އެއީ އެ ބަލީގައި މަރުވި މީހެއް ކަމަށް ނުނިންމޭ ކަމަށެވެ. އެހެންވެ އެ މީހާއަކީ ރާއްޖެއިން މަރުވި 11 ވަަނަ މީހާ ކަމަށް ނުބެލޭ ކަމަށް ވިދާޅުވި އެވެ.

ރާއްޖެއިން، ކޮވިޑް-19 ގައި އިންޑޮނޭޝިއާ މީހަކު މަރުވެފައިވާ ކަމަށް އެޗްޕީއޭއިން ކުރިން ބުންޏެވެ. ނަމަވެސް 10:45 ގައި ކުރި ޓްވީޓު ވަނީ ފަހުން ޑިލީޓްކޮށްފަ އެވެ.

މި ހަފުތާގައި ކޮވިޑް-19 ގައި ދެ މީހަކު ވަނީ މަރުވެފަ އެވެ. އިއްޔެ 92 އަހަރުގެ މީހަކު މަރުވިއިރު މިދިޔަ އަންގާރަ ދުވަހު ފިލިޕީންސްގެ 43 އަހަރުގެ މީހަކު މަރުވެފައި ވެ އެވެ.

ކޮވިޑް-19 ގައި ރާއްޖެ އިން މިހާތަނަށް މަރުވެފައި ވަނީ ހަތަރު ދިވެހިންނާއި ބަންގްލަދޭޝްގެ ފަސް މީހުންނާއި ފިލިޕީންސް މީހަކެވެ.

މިއަދު 6:00 އާ ހަމައަށް ކޮވިޑް-19 އަށް އިތުރު 18 މީހަކު ޕޮޒިޓިވްވެފައިވެ އެވެ. އެއާއެކު ބަލި ޖެހުނު ޖުމްލަ އަދަދު 2،400 އަށް އަރާފައިވިއަސް އެ ބައްޔަށް މިހާރު ފަރުވާ ހޯދަމުން އަންނަނީ 416 މީހުންނެވެ.