ރިޒުން މިހާރު ބުނަނީ ބޮޑުފިނޮޅުގައި ތިބީ އެ ކުންފުނީގެ 14 ބިދޭސީން ކަަމަށް!

ރިސޯޓެއްގެ ގޮތުގައި ބ. ބޮޑުފިނޮޅު ތަރައްގީކުރުމުގެ މަސައްކަތަށް އެ ރަށަށް ގެންދިޔަ ބިދޭސީންނާ ހަވާލުވާން ކުރިން އިންކާރު ކުރުމަށް ފަހު، އެ ތަނުގައި ތިބީ އެ ކުންފުނީގެ އެންމެ 14 މުވައްޒަފުން ކަމަށް ރިޒް ކުންފުނިން މިއަދު ބުނެފި އެވެ.


ސީލް މޯލްޑިވްސް އަށް ދޫކުރި ރަށުގެ މަސައްކަތުގައި 200 ބިދޭސީން އުޅުނެވެ. އެ މަސައްކަތް ކުރަމުން އައީ ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަލީ ރިޒާގެ ރިޒް ކުންފުނިންނެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން މުސާރަ ނުދީ މަސައްކަތް ކުރުވި މައްސަލައިގައި ހިތްހަމަނުޖެހުން ފާޅުކޮށް، ދިވެހިންތަކެއް ރަހީނުކޮށް، ބޮޑުފިނޮޅުގައި ހުރި ސާމާނުތަކަށް ގެއްލުން ދިނުމަށް ފަހު، ބިދޭސީން ވަނީ ފުލުހުން ވެސް އެ ރަށަށް އަރަން ދެކޮޅު ހަދައި ހަމަނުޖެހުން ހިންގައިފަ އެވެ. މި މައްސަލައިގައި 19 ބިދޭސީއަކު ހައްޔަރުކުރުމުން އެ ރަށުގައި މިހާރު ތިބީ 179 މީހުންނެވެ.

މި ބިދޭސީންނާ ހަވާލުވާން ރިޒް ކުންފުންޏާއި ސީލް މޯލްޑިވްސް އިން ދަނީ ދެކޮޅު ހަދަމުންނެވެ. އެ މީހުން ރަށަށް ދޫކޮށްލައި، ދެ ކުންފުނިން ފައިބައިފައިވާ އިރު، ސީލް އިން ވަނީ ބިދޭސީން ރަށުން ބާލައިދޭން އެދި ތުޅާދޫ ކޯޓުގައި އަމުރަކަށް ވެސް އެދިފަ އެވެ.

ރިޒްގެ މައްޗަށް ކުރާ ހިއުމަން ޓްރެފިކިންގެ ބޮޑެތި ތުހުމަތާ އެކު ފުލުހުން ތަހުގީގެއް ހިންގަމުން ދަނިކޮށް، ބިދޭސީންތައް ބޮޑުފިނޮޅަށް ދޫކޮށްލައި ރިޒް ކުންފުނިން ފޭބި މައްސަލައިގައި "މިހާރު"ން ސުވާލު ކުރުމުން، އެ ކުންފުނި ތަމްސީލްކުރާ ލޯ ކްރާފްޓްގެ ގާނޫނީ ވަކީލެއް ކަމަށްވާ އަލީ ސައީދު ނެންގެވީ ކުންފުނީގެ ނަން މުއައްސަސާތަކުންނާއި މީޑިއާ އިން އޮޅުވާލާފައިވާ މައްސަލަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރިޒާގެ ކުންފުނީގެ ނަމަކީ ރިޒް މޯލްޑިވްސްއެއް ނޫނެވެ. އެ ކުންފުންޏަށް ކިޔައީ އާރުއައިއެކްސް ކަމަށާއި އެ ނޫން ގޮތަކަށް އެ ކުންފުންޏާ ގުޅޭ ގޮތުން ލިޔެކިޔުމުން ވެސް މުއާމަލާތްތައް ނުހިންގޭނެ ކަމަށް ސައީދު ވިދާޅުވި އެވެ.

އޭނާ މިހެން ވިދާޅުވިއިރު، މެނޭޖިން ޑިރެކްޓަރެއްގެ ގޮތުގައި، މެމްބަރު އަލީ ރިޒާ ސޮއިކުރައްވާފައިވާ ބައެއް ލިއުންތަކުގައި ކުންފުނީގެ ނަން (ކޮންޓްރެކްޓަރުގެ ގޮތުގައި) އޮތީ ރިޒް ޕްރައިވެޓް ލިމިޓެޑެވެ. އެހެންކަމުން، ކުންފުނީގެ ނަމަކީ އާރުއައިއެކްސް ކަމަށް ސައީދު މިހާރު ވިދާޅުވިޔަސް "މިހާރު" އަށް ލިބިފައިވާ ބައެއް ލިއުންތަކުގައި ވެސް ކުންފުނީގެ ނަން ރިޒް މޯލްޑިވްސްގެ ގޮތުގައި ފެންނަން އެބައޮތެވެ.

ވަކީލު ތަކުރާރުކޮށް ވިދާޅުވި ގޮތުގައި ބޮޑުފިނޮޅުގައި މި ވަގުތު ތިބި 179 މުވައްޒަފުންނަކީ އެ ކުންފުނިން ހަވާލުވާން ޖެހޭ ބައެއް ނޫނެވެ. އޭގެ ތެރޭގައި ތިބީ އާރުއައިއެކްސްގެ 14 ބިދޭސީން ކަމަށާއި ބޮޑު ތަހުގީގެއް ފަށާފައިވާއިރު ފުލުހުންގެ އިއުތިރާޒެއް ނެތް ނަމަ، އެ ބިދޭސީންނާ ހަވާލުވާން ކުންފުނިން ތައްޔާރު ކަމަށެވެ.

"ވަރަށް ބޮޑަށް އޮޅިފައި އޮތް ކަމެއް، އެ މުވައްޒަފުންނަކީ އާރުއައިއެކްސްގެ މުވައްޒަފުންނެއް ނޫން. މި ކުންފުނީގެ ދައުރަކީ މެނޭޖްކުރުން،" އޭނާ ވިދާޅުވި އެވެ.

"ޖިނާއީ ބޮޑު ތުހުމަތެއް ކުރެވޭ ހާލަތުގައި [14] ،މުވައްޒަފުންނާ ހަވާލުވުމަކީ ގާނޫނީ ގޮތުން ހަމަޖެހޭ ކަމެއް ނޫން. ފުލުހުން ގެންދަނީ އެ ރަށް ބަލަހައްޓަމުން. ފުލުހުންގެ އިއުތިރާޒެއް ނެތް ނަމަ އާރުއައިއެކްސް އިން 14 މުވައްޒަފުންނާ ހަވާލުވާނެ."

ބާކީ ތިބި މުވައްޒަފުންގެ ކަންކަން ބަލަހައްޓަން ޖެހެނީ ރިޒް މޯލްޑިވްސް އިން ގަބޫލުކުރާ ގޮތުގައި ފުލުހުންނާއި ދައުލަތުގެ އެހެން އިދާރާތަކުންނެވެ. އެއީ، ހިއުމަން ޓްރެފިކިންގެ ބޮޑު ތުހުމަތުތަކެއް ކުރޭވޭތީ އާއި އެ ހާލަތުގައި އެފަދަ މީހުންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމަކީ ގާނޫނުން މުއައްސަސާތަކަށް ލާޒިމްކުރާ ކަމަކަށް ވާތީ ކަމަށް ވެސް މީހުން ޓްރެފިކްކުރުމުގެ ގާނޫނާ ހަވާލާދީ ސައީދު ވިދާޅުވި އެވެ.

ބޮޑުފިނޮޅުގައި ތިބި ގިނަ އަދަދެއްގެ ބިދޭސީންނަކީ ރިޒް ކުންފުނީގެ ބައެއް ނޫން ކަން ސާބިތުކޮށްދޭން އޭނާ ވިދާޅުވީ އެ މުވައްޒަފުންނަށް ކޯޓާ ހޯދަން އިމިގްރޭޝަންގައި އެދިފައި ވަނީ ސީލް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރުގެ ލިއުމަކާ އެކުގަ އެވެ.

ސީލް މޯލްޑިވްސް އިން ބޮޑުފިނޮޅުގެ މަސައްކަތް ރިޒް ކުންފުންޏާ ހަވާލުކުރުމަށް ފަހު، އެ މަސައްކަތަށް ބިދޭސީން ހޯދަން ބޭނުންވާ ކޯޓާ ހަމަޖެއްސުމަށް މިދިޔަ އަހަރުގެ ޖޫން 20 ގައި ޓްރޭޑް މިނިސްޓްރީ އަށް ސިޓީއެއް ފޮނުވާފައިވެ އެވެ. އެ ސިޓީގައި، ރިޒްއާ މަސައްކަތް ހަވާލުކުރި ކަމާއި ސީލް މޯލްޑިވްސް އިން ކުރިން ހޯދާފައިވާ 42 މީހުންގެ ކޯޓާ ވެސް ރިޒް އަށް ބަދަލުކޮށް، އިތުރު ކޯޓާ ރިޒް އަށް ދިނުމަށް އެދިފައިވާ ކަން "މިހާރު" އަށް ލިބިފައިވާ ލިއުންތަކުގައިވެ އެވެ.

ރިޒް ކުންފުނިން ބުނިގޮތުގައި ބިދޭސީން ރަށުން ބާލަން އެދި ކޯޓަށް ގޮސްފައިވާއިރު އެއްބަސްވުމުގައިވާ ގޮތުން ވެސް އެ ރަށުގެ ދަތުރުފަތުގެ ކަންކަން ވެސް ކުރަން ޖެހެނީ ސީލް މޯލްޑިވްސް އިންނެވެ.

"ސާވިސް އެގްރިމެންޓެއްގެ ދަށުން އާރުއައިއެކްސް އިން އައީ މަސައްކަތްތައް މެނޭޖް ކޮށްދެމުން. މައްސަލަ ދިމާވީ 2018 ގެ ޑިސެމްބަރު މަހާ ހަމައިން ފެށިގެން. އެ ހިސާބަށް މުސާރަ ވެސް ދެމުން އައީ ސީލް އިން،" ސައީދު ވިދާޅުވި އެވެ.

އޭނާ މިހެން ވިދާޅުވިއިރު ސީލް އިން ބުނެފައި ވަނީ މުވައްޒަފުންނަށް މުސާރަ ދެވޭވަރަށް ފައިސާ ވަނީ ރިޒަށް ދޫކޮށްފަ އެވެ.

ބޮޑުފިނޮޅުގައި ގާނޫނީ ވަކީލުން ހަރަކާތްތެރިވަނީ:

ޑިސެމްބަރު މަހުން ފެށިގެން ވެސް އެ ބިދޭސީންގެ ކެއުމުގެ ކަންކަން ހަމަޖައްސައިދެނީ ރިޒް ކުންފުނިންނެވެ. އެއީ، ސައީދު ވިދާޅުވި ގޮތުގައި، އެ ކުންފުނިން އިންސާނިއްޔަތަށްޓަަކައި ކުރާ ކަމެކެވެ.

ކާންބޯން ނުދީ ބަޔަކު މަރުވާން ދޫކޮށްނުލެވޭނެތީވެ، ކެއުމުގެ އިންތިޒާމު ހަމަޖައްސައިދެނީ ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.

ބޮޑުފިނޮޅުގައި މަސައްކަތްކުރަން ރިޒް ކުންފުނިން ބިދޭސީން ގެންގުޅުމުގައި ހިއުމަން ޓްރެފިކިން އަށް ތުހުމަތުކުރެވޭ ސީރިއަސް ކަންތައްތަކެއް ހިމެނޭ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. ވިސާ އާއި އިންޝުއަރެންސް ބިދޭސީން ގެންގުޅުމާއި މުސާރަ ނުދީ މަސައްކަތްކުރުވުމަށް ފަހު އެކަމާ ޝަކުވާކުރާ ބިދޭސީން ފޮނުވާލައި އެ މީހުންގެ ބަދަލުގައި އެހެން ބިދޭސީން ގެނެސް މަސައްކަތްކުރުވާ ކަމަށް ވެސް ތުހުމަތުކޮށްފައިވެ އެވެ. ނަމަވެސް ރިޒްގެ ވަކީލުން ވިދާޅުވެފައި ވަނީ ރިސޯޓްގައި ތިބީ ލިޔެކިޔުން ހުރި ބިދޭސީން ކަމަށާއި ލިޔެކިޔުންތައް ގެއްލުނީ ރަށުގައި ހިންގި ހަމަނުޖެހުންތަކުގެ ތެރޭގައި ތަންތަނަށް ގެއްލުން ދިނުމުން ކަމަށެވެ. ބިދޭސީންނާ ހަވާލުވެވޭނީ އެއީ ކޮން ބައެއްކަން އެނގުމުން ކަމަށް ވެސް ބުނެފައިވެ އެވެ.

ބޮޑުފިނޮޅުގައި ތިބި ބިދޭސީންނަކީ ރިޒްގެ ޒިންމާގައި ތިބި ބައެއް ނޫން ކަމަށް ދޭހަވާ ގޮތަށް އެ ކުންފުނިން ވާހަކަ ދެއްކި ނަމަވެސް ފުރަތަމަ ބުނެފައިވަނީ މުސާރަ ނުދެވުނީ ސީލް އިން ފައިސާ ނުދޭތީ ކަމަށެވެ. އެކަމަކު ޕްރޮޖެކްޓުގެ އަގުގެ އިތުރަށް ވެސް ރިޒް އަށް މިހާރު ފައިސާ ދެވިފައިވާ ކަމަށާއި މުސާރަ ދޭންޖެހެނީ އެއްބަސްވުމުގައިވާ ގޮތަށް ރިޒް ކުންފުނިން ކަމަށް ސީލްގެ ވަކީލުން ވަނީ ވިދާޅުވެފަ އެވެ.