މީޑިއާތަކާ މެދު ތަފާތުކުރާ ކަމަށް ބުނެ އިދިކޮޅުން މުޒާހަރާކޮށްފި

މީޑިއާތަކާ މެދު ތަފާތުކުރުން ގެންގުޅޭ ކަމަށް ތުހުމަތުކޮށް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ކުރިމަތީގައި ކަންބޮޑުވުން ފާޅުކޮށް އިދިކޮޅު ޕީޕީއެމް/ޕީއެންސީން މިއަދު މުޒާހަރާކޮށްފި އެވެ.


އިދިކޮޅު ކޯލިޝަނުން ތިރީހަކަށް މީހުންނާ އެކު ބޭއްވި މުޒާހަރާގައި މީޑިއާތަކާ މެދު ހަމަހަމަކޮށް ކަންތައްތައް ކުރާށާއި ބްރޯޑްކޮމްގެ ރައީސް މަރިޔަމް ވަހީދާ އިސްތިއުފާ ދޭން ގޮވައިލި އެވެ.

ސަފާރީއެއްގައި ކެންޔާ އަންހެނަކަށް ޖިންސީ ގޯނާ ކުރި ކަމަށް ހުށަހަޅާފައިވާ މައްސަލައެއް މީޑިއާތަކުން ރިޕޯޓުކުރި ގޮތް ބަލަން ބްރޯޑްކޮމް އާއި މީޑިއާ ކައުންސިލަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ވަނީ އަންގައިފަ އެވެ.

އެހެންވެ ޗެނަލް 13 އިން މި މައްސަލަ ރިޕޯޓްކޮށްފައިވާ ގޮތް ވެސް ބްރޯޑްކޮމް އިން ވަނީ ބަލަން ފަށައިފަ އެވެ. އެކަމަށް އިޝާރާތްކުރަމުން ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު "މިހާރު" އަށް ވިދާޅުވީ، ޗެނަލް 13 އިން ކުރަމުން އަންނަ މަސައްކަތާ ގުޅޭ ގޮތުން ބްރޯޑްކޮމް އިން ފިޔަވަޅު އެޅި ނަމަވެސް ދައުލަތުގެ މީޑިއާ، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެސް) އާ މެދު ބްރޯޑްކޮމް އަށް އެއްވެސް ފިޔަވަޅެއް ނާޅާ ކަމަށެވެ. އަދި ޕީއެސްއެމް އިން އަންނަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަބުރު ކަތިލެވޭ ފަދަ ގޮތަކަށް ޚަބަރު ފަތުރަމުން ކަމަށް ޝުޖާއު ވިދާޅުވި އެވެ.

ބްރޯޑްކޮމް ކުރިމަތީގައި މިއަދު ބޭއްވި މުޒާހަރާގައި ބައެއް މީހުން، ޕޯސްޓަރުތަކެއް ހިފައިގެން -- ޕޮޓޯ: އަހުމަދު އަވްޝަން އިލްޔާސް/ މިހާރު

"ދައުލަތުގެ މީޑިއާ މިނިވަންކުރަން ވެސް އަޅުގަނޑުމެން ގޮވާލަން،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ "އިންސާފު ހޯދަން ޗެނަލް 13 އިން ކުރަމުން އަންނަ މަސައްކަތަށް ބްރޯޑްކޮމް އިން އަންނަނީ ހުރަސް އަޅަމުން" ކަމަށެވެ. އަދި އެގޮތަށް އަމަލު ނުކުރަން ވެސް އެދިވަޑައިގަތެވެ.

މީޑީއާތަކާ މެދު ހަމަހަމަކޮށް އަމަލުކުރަން ގޮވާލައި، އިދިކޮޅުން ބްރޯޑްކޮމް ކުރިމަތީ ކުރި މުޒާހަރާގައި ބައިވެރިވި ބައެއް މީހުން -- ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް/ މިހާރު

ގަޑިއިރެއްހާ އިރު ބްރޯޑްކޮމް ކުރިމަތީގައި ތިބުމަށް ފަހު، މަގު ބަންދުވާތީ ފުލުހުން ވަނީ އެ މީހުން އެތަނުން ދުރަށް ޖައްސައިފަ އެވެ.

އެ ސަރަހައްދުގައި ތިބުމަށް ފަހު، އެ މީހުން ހިނގައިގަތީ މަޖީދީ މަގުން އިރަށެވެ. އާޓިފިޝަލް ބީޗު ކުރިމަތީ ކުޑައިރުކޮޅަކު މަޑުކުރުމަށް ފަހު ޕީޕީއެމް/ޕީއެންސީގެ އޮފީސް ކުރިމަތިން މި އެއްވުން ނިންމާލި އެވެ.