ރާއްޖެ އައުމަށްޓަކައި ދިވެހިންތަކެއް ޓްރިވެންޑްރަމްގެ އެއާޕޯޓުގައި: ފަރުވާއަށް 60 މީހުން މިއަދު ފޮނުވާލާފައިވޭ
29 ޖުލައި 2020 - 22:22
ބޭސްފަރުވާ އަށް އިންޑިއާގެ ޓްރިވެންޑްރަމަށް ފޮނުވަން އުޅުނު މީހުންގެ ތެރޭގައި ކޮވިޑް-19 އަށް ޕޮޒިޓިވް މީހަކު ހުރުމުން، މަތިންދާބޯޓު ޑިސްއިންފެކްޓު ކުރުމަށް ފަހު މިއަދު ހަވީރު ފުރުވައިލައިފި އެވެ.
އާސަންދަ އިން ބުނީ، އިންޑިއާގެ ސަރުކާރުން ދިން ހާއްސަ ހުއްދައެއްގެ ދަށުން، ފަރުވާ ހޯދަން ބަލި މީހުންގެ އެހީތެރިންނާ އެކު 60 މީހުން ފުރުވައިލާފައިވާ ކަމަށެވެ. މިއީ މިގޮތަށް ފުރުވައިލި ތިން ވަނަ ބެޗެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއޯއީސީ) ން މީގެ ކުރިން ބުނެފައި ވަނީ އިންޑިއާ އަށް ފޮނުވަން ނިންމި މީހުންގެ ތެރެއިން އެކަކު ކޮވިޑަށް ޕޮޒިޓިވްކަން އެނގުނީ މަތިންދާބޯޓު މިއަދު ފުރަން ތައްޔާރުވި ފަހުން ކަމަށެވެ. އެކަމަކު، އެ އެންމެން މަތިންދާބޯޓަށް އެރުވީ ދެ ދުވަސް ކުރިން ޓެސްޓު ކުރުމަށް ފަހު ކަމަށް އެތަނުން ބުންޏެވެ.
އެ މީހާ ޕޮޒިޓިވްކަން އެނގުމާ އެކު އެންމެން ބާލުވައި ފުރުން ލަސްކޮށް، މަތިންދާބޯޓު ޑިސްއިންފެކްޓް ކުރި އެވެ.
އާސަންދަ އިން ބުނިގޮތުގައި މިއަދު އިންޑިއާ އަށް ފުރި މީހުން ވެސް ދިޔައީ ވިސާ ހަމަޖައްސައި، އެ ގައުމުގެ ޕަބްލިކް ހެލްތު ގައިޑްލައިނާ އެއްގޮތަށް ކޮވިޑަށް ޓެސްޓުކޮށް، ނަތީޖާ ނެގެޓިވްވުމުންނެވެ. އިންޑިއާ އިން އިން ވެސް އެ މީހުން ޓެސްޓުކުރާނެ އެވެ. އެ ގައުމުގައި 14 ދުވަހުގެ ކަރަންޓީން ފުރިހަމަކުރަންޖެހޭނެ އެވެ. އެ މުއްދަތު ހަމަކޮށް އަނެއްކާ ވެސް ކޮވިޑަށް ޓެސްޓުކުރާނެ އެވެ.
މިއަދު ފުރި މީހުންގެ ފަރުވާގެ ކަންކަން ހަމަޖައްސާފައި ވަނީ ކިމްސް ހޮސްޕިޓަލުގަ އެވެ. ކަރަންޓީނުގެ މުއްދަތުގައި ވެސް އެ މީހުންގެ ފަރުވާގެ ކަންކަން ކުރިއަށް ގެންދާނެ އެވެ
މި މަހުގެ 14 ވަނަ ދުވަހު އިންޑިއާ އަށް ދިޔަ ބެޗުގައި ހިމެނޭ ތިން މީހަކު ވެސް ކޮވިޑަށް ޕޮޒިޓިވްވެފައި ވެ އެވެ. ކޮންޓެކްޓްވި މީހުންނާއެކު އެ މީހުން ވަކިން އައިސޮލޭޓްކޮށްފައި ވިއަސް ހާލު ބަލައި އެސެސްކުރުމަށް ފަހު، އިމަޖެންސީކޮށް ދޭންޖެހޭ ފަރުވާތައް އިންޑިއާގެ ގައިޑްލައިނާ އެއްގޮތަށް ދެމުން އަންނަ ކަމަށް އާސަންދަ އިން ބުނެ އެވެ.
"އެހެނިހެން ބަލި މީހުންނަށް ވެސް އިމަޖެންސީކޮށް ދޭންޖެހޭ ފަރުވާތައް ކުރިއަށް އެބަދެ އެވެ. އަދި އާސަންދައިން ދަނީ ހޮސްޕިޓަލާ ގުޅިގެން ބަލި މީހުންގެ ފަރުވާގެ ކަންކަން ކުރިއަށް ދާ ގޮތް ގާތުން ބަލަމުންކަމުގައި ވެސް ދަންނަވަމެވެ،" އެ ކުންފުނިން ނެރުނު ބަޔާނުގައި ބުންޏެވެ.
.މި ދުވަސްވަރު އިންޑިއާއަށް މީހުން ފޮނުވަނީ އެ ގައުމުގެ ސަރުކާރުގެ ހާއްސަ ހުއްދައެއްގެ ދަށުންނެވެ. ކޮވިޑް-19އާ ގުޅިގެން އިންޑިއާ ވެސް އޮތީ ލޮކްޑައުންގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
Happy
30 July 2020
ފުލައިޓުތަ؟؟
ޖީޝާން
29 July 2020
އާސަންދަވެސް ތިއަށްވުރެ ފާރަވެރިވާންޖެހޭ. އަބަދު ތި ރިސްކެއް ނުނެގޭނެ. ޒިންމާ ރަނގަޅަށް އަދާ ނުކުރައްވާ ބޭފުޅުންވެސް މި ބަލިމަޑުކަމުގައި ތަންކޮޅެއް ފަރުވާތެރިވެ ޒިންމާ އަދާކުރައްވާ. އެހެންނޫނީ އެތައް ބައެއްގެ ފުރާނަ ނުރައްކަލަށް..
މީޑިއާ މީޑިއާތައް މީޑިއަމް
29 July 2020
އިންޑިޔާއާއި ރާއްޖެއާއި ދެމެދު ބްރިޖެއް އެޅީމާ އެއްގަމު މަގުން ވެސް ދެވޭނެ