މި ވެރިކަން ހޯދީ ރިލްވާންގެ ނަން ބޭނުންކޮށްގެން: އާއިލާ

ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު ވެރިކަން ހޯއްދެވީ ގެއްލުވައިލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާނާއި މަރައިލާފައިވާ ބްލޮގަރު ޔާމިން ރަޝީދުގެ ނަން ބޭނުންކޮށްގެން ކަމަށް ބުނެ ރިލްވާންގެ އާއިލާ އިން މި ސަރުކާރަށް މިއަދު ފާޑުކިޔައިފި އެވެ.


ރިލްވާން ގެއްލުނުތާ މިއަދަށް ހަ އަހަރު ފުރުނުއިރު، "ރާއްޖެ ޓީވީ" އަށް ދިން އިންޓަވިއުއެއްގައި، ރިލްވާންގެ ދައްތަ ޝެހެނާޒް އަދުނާން ވަނީ ރިލްވާނާއި ޔާމިން ރަޝީދަށް އަދިވެސް އިންސާފު ލިބިފައި ނުވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އޭނާ ބުނީ މިދިޔަ ހަ އަހަރު ވެސް އިންސާފު ހޯދުމަށް އުޅެން ޖެހުނީ ވަރަށް ހާލުގައި ކަމަށާއި މަގުމަތިންނާއި ސަރުކާރުގެ އެކި އިދާރާތަކުގެ ދޮރުގައި ޓަކި ޖަހައި އާދޭސްކުރަން ޖެހުނު ކަމަށެވެ. ޝެހެނާޒް ބުނިގޮތުގައި، މި ސަރުކާރާއެކު، ކޮންމެވެސް ވަރެއްގެ އުންމީދެއް ލިބުނަސް ރިލްވާނަށް އިންސާފު ހޯދައި ދިނުމުގައި މިއަދާ ހަމައަށް އެއްވެސް ނަތީޖާއެއް ނެރެދެވިފައި ނެތުމަކީ ވަރަށް ބޮޑު ހިތާމަ އެކެވެ.

އޭނާ ބުނީ ދެން އެފަދަ ހާދިސާއެއް ދެވަނަ އާއިލާއަކަށް ކުރިމަތި ނުވާނެ ކަމުގެ ޔަގީންކަން ސަރުކާރުން ދޭން ޖެހޭނެ ކަމަށެވެ.

"އެ ކުދިންގެ ނަން ބޭނުން ކުރައްވައިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގަތީ،" ރިލްވާނާއި ޔާމީނަށް އިންސާފު ލިބޭނެ ކަމުގެ އަޒުމުގައި މި ސަރުކާރަށް ވެރިކަން ހޯދައި ދިނުމަށް ބުރަކޮށް މަސައްކަތް ކުރި ޝެހެނާޒް ބުންޏެވެ.

ރިލްވާންގެ މަންމަ މިއަދު ބުނީ، އޭނާގެ ދަރިފުޅު މަރާލާފައިވީ ނަމަވެސް އެފަދަ އަމަލެއް ހިންގީ ކޮންބައެއްކަން އެނގެން ބޭނުންވާ ކަމަށެވެ. އަަދި އެމީހުން އިންސާފުގެ ކުރިމައްޗަށް ގެނެވެން ޖެހޭނެ ކަމަށް ބުންޏެވެ.

ރިލްވާންގެ މަންމަ އައިމިނަތު އީސާ ބުނީ، ރިލްވާނަށް އިންސާފު ހޯއްދަވައި ދެއްވާނެ ކަމުގެ އުންމީދުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވެރިކަން ހޯދައިދޭން އޭނާ ވަރަށް ބުރަކޮށް މަސައްކަތް ކުރި ކަމަށެވެ.

"މާލޭގައި އުޅެ އުމުރުން މިހާ ދުވަސްވީ އިރު ދުވަހަކު ވެސް ނުހުންނާނެ މީހަކު ކައިރީ ވޯޓެއް ދޭށޭ ބުނެފައެއް. އެކަމަކު އިބްރާހިމް މުހައްމަދު ސޯލިހު ހޮވަން ވެގެން އަޅުގަނޑު ރަށަށް ދިޔައިން. ރައްޓެހިން ކައިރީ ރޮއެ އާދޭސް ކުރިން،" ރިލްވާންގެ މަންމަ ރޮމުން ބުންޏެވެ.

ރިލްވާންގެ ދައްތަ ޝެހެނާޒް ބުނިގޮތުގައި، އިންސާފު ލިބުމުގައި ލަސްވަނީ ސަރުކާރުގެ މުއައްސަސާތައް ފެއިލް ވެފައި ވާތީ އެވެ. މިހާ ދުވަސްވީ އިރު ފުލުހުންގެ އެއްބާރުލުން ވެސް ނުލިބޭ ކަމަށާއި ހެކިތައް ވެސް މިހާރު ހުރި ކަމަށް ގަބޫލު ނުކުރެވޭ ކަމަށް އޭނާ ބުންޏެވެ.

"އެތާ ތިބި އޭނާ [ރިލްވާން] އަށް ފާރަލި މީހުން ވަޒީފާތަކުގައި. ދެން ތިބި މުއައްސަސާތަކުގައި ވެސް ތިބީ އޭނާ އަށް އަނިޔާދޭން ކަން ކުރި މީހުން. ސަރުކާރުގެ މުއައްސަސާތައް ފެއިލް ވެފައިވާތީ އިންސާފު ހޯދަން ލަސްވެގެން މި އުޅެނީ" އޭނާ ބުންޏެވެ.

ޝެހެނާޒް ބުނީ މިހާރު އޮތް ހަމައެކަނި އުންމީދަކީ މަރާލާފައިވާ މީހުންނާއި ގޮތް ނޭނގޭ ގޮތަށް ގެއްލުވައިލާފައިވާ މީހުންގެ މައްސަލަތަކުގެ ހަގީގަތް ހޯދުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނޮވެމްބަރު 17، 2018 ގައި ހުވާކުރެއްވުމާ އެކު އުފެއްދެވި ރިޔާސީ ކޮމިޝަން ކަމަށެވެ.

"މާލޭގައި އުޅެ އުމުރުން މިހާ ދުވަސްވީ އިރު ދުވަހަކު ވެސް ނުހުންނާނެ މީހަކު ކައިރީ ވޯޓެއް ދޭށޭ ބުނެފައެއް. އެކަމަކު އިބްރާހިމް މުހައްމަދު ސޯލިހު ހޮވަން ވެގެން އަޅުގަނޑު ރަށަށް ދިޔައިން. ރައްޓެހިން ކައިރީ ރޮއެ އާދޭސް ކުރިން،"--- ރިލްވާންގެ މަންމަ

ރިލްވާން ގެއްލުވައިލިތާ މިއަދަށް ހަ އަހަރު ފުރޭ އިރު، ރިލްވާނާއި އެފަދަ ބޮޑެތި އެހެން މައްސަލަތަކަށް އިންސާފު ހޯދައިދިނުމަކީ މި ސަރުކާރުން ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައިވީ އެންމެ ބޮޑު ވައުދެވެ.

ވެރިކަމަށް ވަޑައިގެން މި މައްސަލަތައް ބަލަން އުފެއްދެވި މަރު ކޮމިޝަނުން އެންމެ ފަހުން އާންމު ކުރި ގޮތުގައި ރިލްވާން ވަނީ މަރާލައިފަ އެވެ. އޭނާ މަރައިލީ ހަރުކަށި ފިކުރުގެ ބައެއް ކަމަށް ވެސް އެ ރިޕޯޓުގައި ވެ އެވެ.

ރިލްވާންގެ މަންމަ މިއަދު ބުނީ، އޭނާގެ ދަރިފުޅު މަރާލާފައިވީ ނަމަވެސް އެފަދަ އަމަލެއް ހިންގީ ކޮންބައެއްކަން އެނގެން ބޭނުންވާ ކަމަށެވެ. އަަދި އެމީހުން އިންސާފުގެ ކުރިމައްޗަށް ގެނެވެން ޖެހޭނެ ކަމަށް ބުންޏެވެ.

ރިލްވާން ގެއްލުވައިލިތާ މިއަދަށް ހަ އަހަރު ފުރުނުއިރު، އޭނާގެ އާއިލާ އާއި މި ވެރިކަން ގެންނަން ބުރަކޮށް މަސައްކަތް ކުރި އެތައް ބައެއްގެ ވެސް ޝަކުވާ އަކީ އެއްވެސް އިންސާފެއް ހޯދައި ނުދެވުނު މައްސަލަ އެވެ. އެކަމަށް ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.