ދާންދޫން ކޮވިޑަށް ޕޮޒިޓިވްވި ދެ މީހުން ވިލިނގިލީ ފެސިލިޓީ އަށް

ގދ. ތިނަދޫން ކޮވިޑަށް ޕޮޒިޓިވްވި އުމުރުން ދުވަސްވީ މީހަކު، ގއ. ވިލިނގިލި ކޮވިޑް ފެސިލިޓީ އަށް ގެންދިއުމަށް ހުރަސްއެޅި މައްސަލަ ހޫނުވެފައިވަނިކޮށް، އެ އަތޮޅު ދާންދޫން އެ ބައްޔަށް ޕޮޒިޓިވްވި ދެ މީހަކު އެ ފެސިލިޓީއަށް ރޭ ބަދަލުކޮށް ފަރުވާދޭން ފަށައިފި އެވެ.


ވިލިނގިލީ ހޮސްޕިޓަލުން މިއަދު ބުނީ ދާންދޫން ކޮވިޑަށް ޕޮޒިޓިވްވި ހައި ރިސްކް މީހަކާއި އެ ބައްޔަށް ޕޮޒިޓިވްވި އިތުރު މީހަކު ރޭ 10:00 ހާއިރު އެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. އެއާއެކު ވިލިނގިލި ކޮވިޑް ފެސިލިޓީ އެކްޓިވޭޓްވެފައިވާ ކަމަށް ބުންޏެވެ.

ދާންދޫން ކޮވިޑަށް ޕޮޒިޓިވްވީ އުމުރުން 59 އަހަރުގެ އަންހެނަކާއި 19 އަހަރުގެ ޒުވާން ފިރިހެނެކެވެ.

ކޮވިޑް ފެސިލިޓީ އާއި ހޮސްޕިޓަލުގެ އާއްމު ހިދުމަތްދޭ އިމާރާތްތައް ވަކިކޮށްފައި ވިޔަސް ކުރިން ލިބޭ ހިދުމަތްތައް ލިބޭނެ ކަމަށް ވިލިނގިލި ހޮސްޕިޓަލުން ބުންޏެވެ. އެކަމަކު، ޑޮކްޓަރުންގެ ޑިއުޓީ އާއި ހިދުމަތްދޭ ގަޑިތަކަށް ބަދަލު ގެނެސްފައިވާތީ، ހިދުމަތް ހޯދަން ދިއުމުގެ ކުރިން މައުލޫމާތު ސާފުކުރުމަށް އެ ހޮސްޕިޓަލުން އެދެ އެވެ.

ވިލިނގިލީގައި 23 އެނދުގެ ކޮވިޑް ފެސިލިޓީއެއް ހެދީ ގއ. އަތޮޅާއި ގދ. އަތޮޅުން ކޮވިޑަށް ޕޮޒިޓިވްވެ، އެ ބަލީގައި ބޮޑުވަރުވާ މީހުންނަށް ފަރުވާ ދިނުމަށެވެ. އެކަމަކު ތިނަދޫން ޕޮޒިޓިވްވެ ފަރުވާ އަށް މިދިޔަ ހޯމަ ދުވަހު ވިލިނގިއްޔަށް ފޮނުވި އުމުރުން 68 އަހަރުގެ މީހާ އެ ރަށަށް ނޭރުވުމުން ސަރުކާރަށް ޖެހުނީ އެއާޓެކްސީއެއް ފޮނުވައިގެން އޭނާ މާލެ ގެންނާށެވެ.

އެކަމާ ގުޅިގެން ސަރުކާރުން މިހާރު ވަނީ ތިނަދޫގައި ކޮވިޑް ފެސިލިޓީއެއް ހަދަން ނިންމައިފަ އެވެ.

ތިނަދޫން ކޮވިޑަށް ޕޮޒިޓިވްވި މީހާ ނޭރުވި މައްސަލައިގައި، ވިލިނގިލީ ކައުންސިލުން ރޭ ނެރުނު ބަޔާނެއްގައި ބުނީ ބަލި މީހަކަށް ފަރުވާ ދޭން ދެކޮޅު ހަދައި، ރަށަށް ނޭރުވީ އިދިކޮޅު ޕީޕީއެމްގެ މަދު ބައެއް ކަމަށެވެ. އެއީ ދަށު ދަރަޖައިގެ އަމަލެއް ކަމަށް ބުނެ އެކަން ކައުންސިލުން ވަނީ ކުށްވެރިކޮށްފަ އެވެ.

ސިޔާސީ ބަޔަކު ހިންގި އެ އަމަލަކީ ނާތަހުޒީބު އަދި ދަށު ދަރަޖައިގެ ކަމެއް ކަމަށާއި އެކަމާ ވިލިނގިލީގެ މީހުން ކަންބޮޑުވެ ހިތާމަކުރާ ކަމަށް ވެސް ބުންޏެވެ. އެ އަމަލު ހިންގި ފަރާތާ މެދު ގާނޫނުގައި އޮންނަ އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް ގޮވާލާފައި ވެ އެވެ.