މާމެންދޫގައި މަގުމަތިވެފައިވާ ދުވަސްވީ މީހަކު ބަލައިދޭނެ މީހަކު ހޯދަނީ

ގއ. މާމެންދޫގައި މަގުމަތިވެފައިވާ އުމުރުން ދުވަސްވީ މީހަކު ބަލައިދޭނެ މީހަކު ހޯދަން އެ ރަށު ކައުންސިލުން އިއުލާނުކޮށްފި އެވެ.


އެ ކައުންސިލުން މިދިޔަ އާދިއްތަ ދުވަހު ކުރި އިއުލާނެއްގައި ވަނީ އުމުރުން 80 އަހަރުގެ އަލިިފުތު ބަލައިދެވޭނެ މީހަކު ހުރި ނަމަ މިއަދު ހެނދުނު 11:00 ގެ ކުރިން މައުލޫމާތު ސާފުކުރުމަށް އެދިފަ އެވެ.

މާމެންދޫ ކައުންސިލްގެ ޒިންމާދާރުވެރިޔާ އަބްދުލް ޖަލީލް މިއަދު "މިހާރު" އަށް ވިދާޅުވީ، އަލިފުތު ބަލައިދިނުމަށް މިހާތަނަށް އެއްވެސް މީހަކު ހުށަހަޅާފައިނުވާ ކަމަށެވެ. ނަމަވެސް އޭނާ ބަލާނެ މީހަކު ވެއްޖެ ނަމަ، އެކަމަށް އެހީތެރިކަން ދޭނެ ކަމަށް އެކި ފަރާތްތަކުން ބުނެފައިވާ ކަމަށް ވިދާޅުވި އެވެ.

އެ ފިރިހެން މީހާގެ އުފަން ދަރިއެއް ނުހުރެ އެވެ. އޭނާގެ އަންހެނުން މީގެ އަށް ވަރަކަށް އަހަރު ކުރިން ވަނީ މަރުވެފަ އެވެ. އޭރުން ފެށިގެން އަލިފުތު ބަލަމުން އައީ އަންހެން ދޮން ދަރިއެކެވެ.

ނަމަވެސް، އުމުރުން 65 އަހަރާ ގާތް ވެފައިވާ ދޮންދަރީގެ ހާލަތު ހުރި ގޮތުން، އަލިފުތު މިވަގުތު ބެލޭނެ ގޮތެއް ނެތި، ބޭނުންވީ އަލިފުތުގެ ވާރުތަވެރިންނާ ހަވާލުކުރާށެވެ.

"ދެ ފަރާތުގެ އާއިލާ އަށް ވެސް ބެލެން ނެތީމާ މަގުމަތި ވެ، މިދިޔަ ހަފުތާ އިން ފެށިގެން ކައުންސިލް ބެލުމުގެ ދަށުގައި އެ ހުރީ،" ކައުންސިލްގެ ޒިންމާދާރުވެރިޔާ ޖަލީލް ވިދާޅުވި އެވެ.

އަލިފުތު މި ވަގުތު ހުރީ، މާމެންދޫގައި ކަރަންޓީނު ފެސިލިޓީއެއްގެ ގޮތުގައި ބޭނުންކުރާ ފުޓުބޯޅަ ދަނޑުގައި ހުރި ޗޭންޖިން ރޫމެއްގަ އެވެ. އެކަން ޖެންޑާ މިނިސްޓްރީގެ ސަމާލުކަމަށް ވެސް ވަނީ ގެނެސްފަ އެވެ.

އަލިފުތުގެ ބޮޑު ގޯއްޗެއް މާމެންދޫގައި އޮވެ އެވެ. އެކަމަކު އޭނާ އުޅެމުން ދިޔައީ ދޮންދަރީގެ ގޭގަ އެވެ. އޭނާގެ އަންހެނުން މަރުވިއިރު އެ ގޯތި ހުރީ އަންހެނުންނަށް ދޭން ޝަރުތު ކޮށްފަ އެވެ.