ސްމާޓް އައިނުތަކަކީ މިހާރު އާ އެއްޗެއް ނޫނެވެ. ސްނެޕްޗެޓާއި ވާވޭ އާއި ބޯޒް ފަދަ ކުންފުނިތަކުގެ މިފަދަ އުފެއްދުންތައް މިހާރު މާކެޓްގައި އެބަހުއްޓެވެ. މާކް ޒަކަބާގްގެ ފޭސްބުކުން ވެސް އަންނަނީ އިޓަލީގެ މަޝްހޫރު ރޭ-ބަން ބްރޭންޑާ ގުޅިގެން ސްމާޓް އައިނު ނެރެން މަސައްކަތްކުރަމުންނެވެ.
ބައެއް މީޑިއާތަކުން ބުނާ ގޮތުން މި އަހަރު ނުވަތަ އަންނަ އަހަރު އެޕަލްގެ ސްމާޓް ގްލާސް ހަގީތަކަށްވުމުގެ ފުރުސަތު ވަރަށް ބޮޑެވެ.
ބައެއް ނޫސްތަކުން ބުނީ އެޕަލްގެ ސްމާޓް އައިނަކީ އެޕަލް ވޮޗް "ތަޅުދަނޑިއެއް" ގޮތަށް ބޭނުން ހިފޭނެ އެއްޗެކެވެ. މާނަ އަކީ ޑިވައިސްތައް ލޮކްކުރުމާއި އޮންލޮކްކުރަން އެޕަލްގެ ސްމާޓް ގްލާސް ބޭނުންކުރެވުމެވެ. ޔަގީންވާ ކަމަކީ އެޕަލް އިން ސްމާޓް އައިނެއް ނެރޭ ނަމަ ވަރަށް ހާއްސަ ގިނަ ފީޗާތަކެއް އޭގައި ހުންނާނެ ކަމެވެ. އަދި ވާދަވެރި މާކެޓަށް އާދައިގެ އުފެއްދުމެއް އެ ކުންފުނިން ނުނެރޭނެ ކަމެވެ.
މިއާ ބެހޭ އެއްވެސް ވާހަކަ އެޕަލް އިން އަދި ނުދައްކަ އެވެ. އެކަމަކު މިހާރު އެޕަލް ސްމާޓް ގްލާސްގެ ޕޭޓަންޓް ރަޖިސްޓްރީކުރަން ކެލިފޯނިއާ ކަމާބެހޭ އިދާރަތަކަށް ހުށަހަޅާފައިވާ ކަމަށް މީޑިއާތަކުން ބުނެ އެވެ.
އެޕަލްއާ ބެހޭ ގޮތުން ދެކެވޭ ވާހަކަތަކަށް ބަލާ އިރު އެ ކުންފުނިން މިހާރު "ސެލްފް-ޑްރައިވިން" ކާރާއި ފަތްޖެހޭ އައިފޯނު ވެސް އުފައްދަން މަސައްކަތްކުރާ ވާހަކައިގެ އަޑު ގަދަ އެވެ.