މި ފަހަރުގެ ބަޖެޓްގައި ހިމަނާފައި ވާނީ ޔަގީނުން ވެސް ހޯދޭނެ އާމްދަނީތަކެއް: ފިނޭންސް މިނިސްޓަރު

ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓުގައި މި ފަހަރު ހިމަނާފައި ވަނީ ޔަގީނުން ވެސް ލިބޭނެ އާމްދަނީތަކެއް ކަމަށް ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު މިއަދު ވިދާޅުވެއްޖެ އެވެ.


ބަޖެޓް ދިރާސާކުރާ ކޮމެޓީގެ މިއަދުގެ ހެނދުނުގެ ސެޝަންގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ކޮންމެ ކަމެއް، އާމްދަނީއެއް ލިބޭނެ ކަމަކަށް ބަލައި މިފަހަރު ޖަހާފައި ނުވާނެ ކަމަށެވެ.

"އެއީ އަޅުގަނޑުމެން ވިސްނާފައި ހުރި ހަމަތަކެއް. އިތުރަށް ވެސް އަޅުގަނޑުމެން ވިސްނާފައި ހުންނާނެ އަޅުގަނޑުމެންގެ އިގްތިސޯދު ކުރިއަރަމުންދާ މިންވަރަށާއި ދުނިޔޭގެ އިގްތިސާދަށް އަންނަ ބަދަލުތަކަށް ވެސް. މި ހަމަތަކަށް ބެލުމަށް ފަހު އަޅުގަނޑުމެންގެ ބަޖެޓްގައި ހިމެނިފައި ވަނީ،" މުނައްވަރު ވިދާޅުވި އެވެ.

އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ބަޖެޓްގައި ޓެކްސްގެ ގޮތުގައި ލިބޭނެ ކަމަށް ހިމަނާފައި ވަނީ 19 ބިލިއަން ރުފިޔާ އެވެ. އަދި ޓެކްސް އާއި ހިލޭ އެހީ އާއި ލޯނުގެ ގޮތުގައި ޖުމްލަ 21 ބިލިއަން ޑޮލަރު ލިބޭނެ ކަމަށް ވެސް ބަޖެޓްގައި ވެ އެވެ. އަދި އަލަށް އާމްދަނީ ހޯދުމަށް ހުށަހަޅާ ކަންތައްތަކުން ދެ ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ވެސް ވެ އެވެ.

މިނިސްޓަރު ވިދާޅުވީ މި ފަހަރުގެ ބަޖެޓްގައި ހިމަނާފައިވާނީ އާމްދަނީ އިތުރުކޮށް ހަރަދުތައް ދެމެހެއްޓެނިވި ގޮތަކަށް ކުރުމަށް ކަމަށެވެ.

"މައިގަނޑު ގޮތެއްގައި އަޅުގަނޑުމެން ހުރިހާ ރެވެނިއު ބޭސްކޮށްފައި މިހުރީ ވަރަށް ހިކުމަތްތެރިކޮށް، ހަމަ ކޮންމެ ގޮތަކަށް ނަގާކަށް ނޫން. މިސާލަކަށް ކޮންޖެޝަން ފީ ކަމަށް ވިޔަސް އަދި އެއާޕޯޓް ފީ ކަމަށް ވިޔަސް ވަރަށް ބޮޑަށް ބައްޓަންކޮށްފައި މިހުރީ ސްޕެސިފިކް ކަންތައްތަކަކަށް،" މުނައްވަރު ވިދާޅުވި އެވެ.

ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓް ދިރާސާކުރާ ކޮމިޓީގެ މިއަދުގެ ހެނދުނުގެ ސެޝަންގައި ފިނޭންސް މިނިސްޓަރު މުނައްވަރު، ބަޖެޓާ ގުޅޭ މައުލޫމާތު ހިއްސާކުރައްވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

އިކޮނޮމިކް ކައުންސިލްގެ ޗެއާ އަދި ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ޒުހޫރު ވިދާޅުވީ ބަޖެޓް ތައްޔާރުކުރުމުގައި ވަރަށް ގިނަ މަރުހަލާތަކެއް ކުރިޔަށް ގެންދިޔަ ކަމަށެވެ. އަދި މިދިޔަ ހަތް އަހަރުގެ ބަޖެޓްގެ ދަރަންޏާއި އަރަނިތައް ހުރި ގޮތް ބަލައި އިތުރުވަމުން އަންނަ ދަރަނިތައް ކުޑަކުރެވޭނެ ގޮތްތައް ބަލާފައިވާނެ ކަމަށް ވެސް ޒުހޫރު ވިދާޅުވި އެވެ.

"ހަމައެއާއެކު މިހާރު ފެއްޓިފައިވާ ޕްރޮޖެކްޓްތައް ނުހުއްޓި ކުރިޔަށް ދެވޭނެ ގޮތްތަކަކަށް ބައްޓަން ކުރެވުނު. ހަމަ އެގޮތަށް ސަރުކާރުގެ ހަރަދުތައް ވީހާ ވެސް ބޮޑަށް ކުޑަކުރުމަށް މަސައްކަތް ކުރެވުނު. ނަމަވެސް ލިބޭ އާމްދަނީ ބެލިބެލުމުން އެނގުނީ އަޅުގަނޑުމެން ބޭނުންވާ ހުރިހާ ހަރަދެއް ކުރެވެން ނެތްކަން،" މިނިސްޓަރު ވިދާޅުވި އެވެ.