އިއްޔެ ޕްރިމިއާކުރި މާވެލް ސްޓޫޑިއޯސްގެ "ލޯކީ" ގެ ފުރަތަމަ އެޕިސޯޑް ބަލައިފިންހެއްޔެވެ؟ ނުބަލާ ނަމަ، މި އާޓިކަލް ކިޔާނެ ކަމެއް ނެތެވެ. އެހެން މި ބުނީ މީގައި ވަރަށް ބައިވަރު 🚨 ސްޕޮއިލާސް 🚨 ހުންނާނެތީ އިންޒާރެއް ދިނުމުގެ ގޮތުންނެވެ.
ފުރަތަމަ އެޕިސޯޑަށް ފަހު އެންމެ ގިނައިން ފޭނުން އަހާ ސުވާލަކީ ލޯކީ (ޓޮމް ހިޑްލްސަން) އެ ދިޔައީ ކޮން ތަނަކަށް ހެއްޔެވެ. އެހެން މި އަހަނީ އޭނާ ދިޔައީ މީގެ ކުރިން މާވެލް ސިނެމަޓިކް ޔުނިވާސް (އެމްސީޔޫ) އިން އެއްވެސް ވަރަކަށް ފެނިފައިނުވާ ތަނަކަށް ވީމަ އެވެ. އެ ތަނަށް މި ކިޔަނީ، ޓައިމް ވޭރިއަންސް އޮތޯރިޓީ (ޓީވީއޭ) އެވެ.
މާވެލް ކޮމިކްސް އިން އެނގޭ ގޮތުގައި ޓީވީއޭ އަކީ މާވެލް މަލްޓިވާސްގެ ޓައިމްލައިންތަކާއި ރިއަލިޓީސްތައް ކޮންޓްރޯލް ކުރުމުގެ ބާރު ނުވަތަ ރައްކާތެރިކުރުމުގެ ޒިންމާ ނަގާ ފަރާތެވެ. މިއީ ފަހަރެއްގައި މާވެލްގެ ހަތަރު ވަނަ ފިޔަވަހީގެ އެންމެ ސަޅި ކަންތައްގަނޑު ފެށޭ ހިސާބެވެ. ނުވަތަ ގިނަ ދުވަސްތަކެއް ވަންދެން ފޭނުން އިންތިޒާރު ކުރަމުން އަންނަ މާވެލްގެ "މަލްޓިވާސް [ތަފާތު އެކި ކާއިނާތުތަކަށް ދަތުރުކުރުން]" ފެށޭ ހިސާބެވެ.
ފުރަތަމަ އެޕިސޯޑު ފަށަނީ މާވެލްގެ ތިން ވަނަ ފިޔަވަހީގެ އެންމެފަހު ފިލްމު "އެވެންޖާސް: އެންޑްގޭމް" ގައި ލޯކީ ޓެޒަރެކްޓް ހިފައިގެން ފިލާ ހިސާބުންނެވެ. އެއީ އެވެންޖާސް އިން ޓައިމް ޓްރެވަލް ކޮށްގެން، 2012 ވަނަ އަހަރަށް ގޮސް އުޅުނު އިރެވެ. އެ ޓެޒަރެކްޓް ހިފައިގެން ލޯކީ ވުޖޫދުން ގެއްލިފައި، ދެން ފެންނަނީ އެހެން ކާއިނާތެއްގެ ދުނިޔެއަކަށް ވެއްޓޭ ތަނެވެ.
އެހެންވީމަ، "ލޯކީ" ގައި މިހާރު މި ފެންނަނީ "އެންޑްގޭމް" ގެ އެންމެ ފަހު ތަޅާލުންގަނޑުގެ ވެސް ކުރިން އަދި ތޭނޯސް ލޯކީ މަރާލުމުގެ ވެސް މާ ކުރިން ހިނގި ކަންތައްތަކެކެވެ.
ޓައިމް ވޭރިއަންސް އޮތޯރިޓީ (ޓީވީއޭ) އަކީ ކޮން ބައެއް؟
ޓީވީއޭ އަކީ އޮންނަ ތަނެއްގައި ގިނަ ބަޔަކަށް ނުވެސް އެނގެ އެވެ. "ލޯކީ" އަށް ވެސް ކުރިން ނޭނގެ އެވެ.
މާވެލް ކޮމިކްސްގައިވާ ގޮތުން ޓީވީއޭ އަކީ މާވެލްގެ ޔުނިވާސްގެ ތެރޭގައިވާ މާލްޓިވާސްތަކުގެ (އެކި ކާއިނާތުތަކުގެ) ވަގުތާއި ދުނިޔެތަކާއި ވަކިން މާ ދުރުގައި އޮންނަ އިދާރާއެކެވެ. މި އިދާރާގެ ޒިންމާ އަކީ އެކި ކާއިނާތުތަކުގައި ހިނގާ ކަންކަން ހަމައިން ނެއްޓިގެން ދިޔަ ނުދީ ހިފެހެއްޓުމެވެ. އެއް ކާއިނާތުން، އަނެއް ކާއިނާތައް އަންނަ ހުރަސްތައް ކޮންޓްރޯލްކޮށް، މުސްތަގުބަލުގައި ކޮންމެހެން ހިނގަން ޖެހޭ ކަމަކަށް އެޅިދާނެ ހުރަހެއް ނައްތާލުމެވެ. ނުވަތަ "މެއިން ޓައިމްލައިން" ގައި ކަން ވާން އޮތް ގޮތަށް އެއްވެސް ހުރަހެއް އެޅުމުން ސަލާމަތްކުރުމެވެ.
މެއިން ޓައިމްލައިނަށް އެއްވެސް ކަހަލަ އަސަރެއް ކޮށްފާނެ ކަމުގެ ބިރު އޮތް ނަމަ، މި ކާއިނާތުތަކުގައި ވަމުންދާ ކަންކަން ހުއްޓުވުމާއި ބަދަލުކޮށްލުމާއި އަދި ފޮހެލުމުގެ ބާރު މި އިދާރާ އަށް އޮވެ އެވެ. އެހެންވީމަ، އޭގެ މާނަ އަކީ، ޓީވީއޭ އަކީ މަލްޓިވާސް އަށް ނުވަތަ އެއް ކާއިނާތުން އަނެއް ކާއިނާތަށް ދަތުރުކުރުން ހުއްޓުވަން ތިބޭ ބައެކެވެ. އަދި އެކަން ކުރަން އުޅޭ މީހުން ހިފާ ހައްޔަރުކޮށް، އަދަބު ދީ، ހަމަ މަގަށް އަޅުވާ ބައެކެވެ. އެމީހުން ލޯކީ ހައްޔަރު ކުރަނީ ވެސް އެހެންވެ އެވެ.
"މަލްޓިވާސް" އަދި ރަސްމީކޮށް އެމްސީޔޫ އަށް ތައާރަފުކޮށްފައި ނުވިޔަސް، މާވެލްގެ ކުރީގެ މަސައްކަތްތައް ކަމަށްވާ "ސްޕައިޑަމޭން: ފާ ފްރޮމް ހޯމް" އަދި ޖެނުއަރީގެ ދެއްކި "ވޮންޑަވިޝަން" އާ އެކު އެ ވާހަކަތަކުގެ އަޑު އޮތީ ވަރަށް ގަދަވެފަ އެވެ. އަދި ސްޕައިޑާމޭންގެ ކުރިއަށް އޮތް ފިލްމާއި "ޑޮކްޓާ ސްޓްރޭންޖް އިން ދަ މަލްޓިވާސް އޮފް މޭޑްނެސް" ގައި މި ވާހަކަތައް މާ ފުޅާކޮށް ގެނެސްދޭނެ ކަމަށް ބެލެވެ އެވެ. އެހެންވެ "ލޯކީ" އޭގެ ފެށުން ކަމަށް ވެދާނެ އެވެ.
ޓީވީއޭ އަށް ދިއުމުން "ލޯކީ" އަތުން އޭނާގެ ހުރިހާ ސުޕަނެޗުރަލް ބާރުތައް ވެސް ގެއްލެވެ. އެހެންވެ، އެތަނުގައި އެއްވެސް އެވެންޖާސްއެއްގެ ބާރު ވެސް ނުހިނގާނެ ކަމަށް ބެލެވިދާނެ އެވެ. އެހެންކަމުން މިއީ މާވެލްގެ އެންމެ ބާރުގަދަ މީހުން ބާވަ އެވެ؟
ވޭރިއަންޓަކީ ކޮބާ؟
ވޭރިއަންޓްއޭ ކިޔަނީ މި ޓައިމްލައިންތަކުގައި ގަޑުބަޑު އުފައްދަން އުޅޭ މީހުންނަށެވެ. ގަޑުބަޑު އުފައްދަން ނޫޅުނަސް އަދި ޓީވީއޭ އަކީ ކޮންތަނެއްކަން ނޭނގުނަސް، "ލޮކީ" އަކީ ވެސް ވޭރިއަންޓެކެވެ. އެކަމަކު ޓީވީއޭ އިން އޭނާ އަށް އަދަބު ދިނުމުގެ ބަދަލުގައި އޭނާއާ ހަވާލުކުރަނީ މަސްއޫލިއްޔަތެކެވެ. އެއީ މެއިން ޓައިމްލައިންގައި ގަޑުބަޑު އުފައްދަން އުޅޭ، ޓީވީއޭގެ ހައްޔަރަށް އަދިވެސް ގެނެވިފައި ނުވާ ވޭރިއަންޓެއް ހައްޔަރުކުރުމުގެ މިޝަންގައި އެމީހުނަށް އެހީވުމަށް ފުރުސަތު ދެނީ އެވެ.
އެޕިސޯޑް ނިމޭތަނުން ދައްކާ ގޮތުގައި އެ ވޭރިއަންޓް ވަނީ އޭނާ ހައްޔަރުކުރަން ދިޔަ ޓީވީއޭގެ އޭޖެންޓުންނަށް ހަމާލާދީ މަރާލައިފަ އެވެ.
މެއިން ޓައިމްލައިނަށް މި ވޭރިއަންޓް އަޅަން އުޅޭ ހުރަސްތައް ނައްތާލުމަށް ޓީވީއޭ އަށް އެހީވެއްޖެ ނަމަ ލޯކީ އަށް ދިރި ހުރުމުގެ ފުރުސަތު ލިބޭނެ އެވެ. މި ފުރުސަތު ލޯކީ އަށް ދެނީ ޓީވީއޭގެ އޭޖެންޓް އަދި އިސް މެނޭޖަރެއް ކަމަށްވާ މޮބިއަސް އެމް މޮބިއަސް (އޯވެން ވިލްސަން) އެވެ. މީގެ ކުރިން މޮބިއަސް ފެނިފައި ވަނީ މާވެލްގެ "ފެންޓާސްޓިކް ފޯ" ގަ އެވެ. އެއީ އޭރު "ފެންޓަސްޓިކް ފޯ" އިން ޓީވީއޭގެ ގާނޫނެއް މުރުގާލުމުންނެވެ. މޮބިއަސް މި ސީރީޒުން ފެނުމުގެ މާނަ އަކީ ވަރަށް އަވަހަށް އެމްސީޔޫ އަށް ތައާރަފުކުރަން އުޅޭ ކަމަށް މިހާރު އަޑުއަރައިފައި އޮތް "ފެންޓާސްޓިކް ފޯ" ގެ ފެށުމުން ކަމަށް ވެސް ބެލެވިދާނެ އެވެ.