ނޭޕާލްގައި 1997 ގައި ބޭއްވި މުބާރާތަކީ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ އަލަތު މުބާރާތެވެ. ދެކުނު އޭޝިއާގެ ފުޓްބޯޅަ ފެޑެރޭޝަން އުފެދުމުގެ ކުރިން ބޭއްވި ސާކް ގޯލްޑް ކަޕުގެ ދެ މުބާރާތުގައި ރާއްޖެއިން ބައިވެރިވެފައެއް ނުވެ އެވެ. ދެކުނު އޭޝިއާގެ ފުޓްބޯޅަ މުބާރާތުގައި ރާއްޖެއިން އަލަށް ބައިވެރިވާތީ އެހެން ގައުމުތަކުން ރާއްޖެއާ މެދު ދެކެފައި ވަނީ "އަންޑަ ޑޯގްސް" ގެ ގޮތުގަ އެވެ.

ވޯލްޑް ކަޕް ކޮލިފިކޭޝަންގައި އީރާނުން ރާއްޖެ ކޮޅަށް 17 ލަނޑު ޖެހި މެޗާ އެކު ގައުމީ ފުޓުބޯޅަ ޓީމު ބަދަލުކުރަން ރާއްޖެއިން އޮތީ ހިފައިފަ އެވެ. ބައެއް ސީނިއާ ކުޅުންތެރިން ގައުމީ ޓީމުން ރިޓާޔާ ކުރި އެވެ. އޭރު ރާއްޖޭގެ ކޯޗަކަށް ހުރި ބޮލީވިއާގެ، ރޮމިއުލާ ކޯޓޭޒް އެކުލަވާލީ ނިސްބަތުން ޒުވާން ކުޅުންތެރިން ހިމެނުނު ޓީމެކެވެ. ގޯލް ކީޕަަރުންގެ ގޮތުގައި އަސްލަމް އަބްދު ރަހީމާއި ކ. ހުރާގެ އިސްހާގު އީސާ އަށް ފުރުސަތު ދިނެވެ. އީރާންއާ ދެކޮޅަށް ކުޅުނު މެޗުގައި ރާއްޖޭގެ ގޯލް ބެލެހެއްޓި ކީޕަރު މުހައްމަދު އިގްބާލް ގައުމީ ޓީމަށް ކުޅުން ހުއްޓާލި ހިސާބުން އޭނާ މަސައްކަތް ކުރަން ފެށީ ޓީމުގެ ކޯޗިން ސްޓާފެއްގެ ގޮތުގަ އެވެ. އިގްބާލަކީ އަސްލަމް އެންމެ ބޮޑަށް ފޮލޯ ކުރި ކީޕަރެވެ. ފަހުން އޭނާގެ ކޯޗު ކަމުގެ ދަށުގައި ޓްރޭނިން ހެދުމުގެ ފުރުސަތު ހަމަޖެހުމުން ލިބުނު ހިތްހަމަޖެހުން ވެސް ބޮޑުވި އެވެ.

"އަޅުގަނޑު ވަރަށް އެޑްމަޔާ ކުރި ކީޕަރެއް އައިކިއު (އިގްބާލް) އަކީ. އޭރު ކީޕަރަކަށް ކުުޅެން ބޭނުންވި ގިނަ ކުދިން ވެސް ފޮލޯ ކުރީ އައިކިއު. އަޅުގަނޑު ގޯލް ކީޕަރު ޓްރޭނަރަކަށް ވީފަހުން ވެސް އައިކިއުގެ ޓްރޭނިންތައް ފޮލޯ ކުރަން،" އަސްލަމް ބުންޏެވެ.

ނޭޕާލްގައި 1997 ގައި ބޭއްވި ސާފް ޗެމްޕިއަންޝިޕަށް ދިއުމުގެ ކުރިން ޓްރޭނިން އަށް އިންޑިއާގެ ބެންގަލޫރުގައި ޓީމު ކޭމްޕްކުރި އެވެ. ގައުމީ ޓީމު އެއްކޮށް އެއްތަނެއްގައި ތިބެ ޓްރޭނިން ހެދުމުން މުޅި ޓީމް އެކަތިގަނޑެއްގެ ސިފަ ޖެހުނެވެ. އެކަމަކު ރާއްޖެއާ މެދު ދެކުނު އޭޝިއާގެ އެެހެން ގައުމުތަކުން ދެކޭ ގޮތް ބަދަލެއް ނުވި އެވެ. ގުރޫޕް ސްޓޭޖުގައި އިންޑިއާ އާއި 2-2 އިން ރާއްޖެ އެއްވަރު ކުރި އެވެ. އަދި ބަންގްލަދޭޝް އަތުން ވެސް ރާއްޖެ ޕޮއިންޓް ހޯދި އެވެ.

އަސްލަމް (ކ) 1997 ގެ ސާފް ޗެމްޕިއަންޝިޕްގައި ކުޅެނީ
އަސްލަމް (ކ) 1997 ގެ ސާފް ޗެމްޕިއަންޝިޕްގައި ކުޅެނީ

އެކަމަކު ސެމީ ފައިނަލުގައި، އޭރު ދެކުނު އޭޝިއާގެ ފުޓްބޯޅައިގެ ގަދަ ބާރު ސްރީ ލަންކާ ބަލިކޮށް ރާއްޖެ ފައިނަލަށް ދިޔަ ހިސާބުން ރާއްޖޭގެ ފުޓްބޯޅައާ މެދު ސަރަހައްދުގެ ގައުމުތަކުން ސީރިއަސްކޮށް ވިސްނަން ފެށި އެވެ. ފައިނަލުގައި ރާއްޖެއާ ކުޅެން ޖެހުނީ އިންޑިއާއާ އެވެ. އަސްލަމް ދެކޭ ގޮތުގައި އެ ފަހަރުގެ މުބާރާތް ރާއްޖެއަށް ކާމިޔާބު ކުރެވުނީހެވެ.

"އަޅުގަނޑުމެން ބަލިވީ އަމިއްލަ މިސްޓޭކުތަކުން. އާދައިގެ މިސްޓޭކުތަކުން ބަލިވީ. ހަގީގަތުގައި އެއީ ރާއްޖެއަށް ތަށި ހޯދޭނެ ފަހަރެއް،" އިންޑިއާއާ ދެކޮޅަށް 1997 ގައި ކުޅުނު ފައިނަލްގައި ރާއްޖޭގެ ގޯލު ބެލެހެއްޓި އަސްލަމް ބުންޏެވެ.

އަސްލަމް ކުރިން ބުނެފައި ވަނީ ރާއްޖެ ފައިނަލަށް ދިއުމުން ސަރުކާރާއި ބައެއް ވިޔަފާރިވެރިން ޓީމުގެ ކުޅުންތެރިންނަށް ފައިސާގެ އިނާމު ދޭނެ ވާހަކަ ކުރިން ބުނުމުން ކުޅުންތެރިންގެ ސިކުނޑީގައި ހުރީ އެކަންތައް ކަމަށެވެ. އެހާ ހިސާބުން މެޗަށް ދިވެހި ޓީމުގެ ފޯކަސް ކުޑަވީ އެވެ.

އަސްލަމްގައުމީ ޓީމުގެ ޓްރޭނިންތަކުގައި --- ފައިލް ފޮޓޯ: އެފްއޭއެމް
އަސްލަމްގައުމީ ޓީމުގެ ޓްރޭނިންތަކުގައި --- ފައިލް ފޮޓޯ: އެފްއޭއެމް

ފައިނަލަށް ދެވި ރިހި މެޑަލް ލިބުމަކީ އޭރު ކާމިޔާބެއްގެ ގޮތުގައި ބެލި ކަމެކެވެ. އެކަމަކު އަސްލަމް ބޭނުންވީ ތައްޓެވެ. އެކަން ހާސިލު ނުވުމުން އޭނާ ދެރަވި އެވެ. އަސްލަމް ބެލެހެއްޓި ގޯލަށް އިންޑިއާގެ ފުޓްބޯޅަ ކިންގް ބައިޗަން ބުޓިއާ ލަނޑު ޖެހައި ރާއްޖެ ފައިނަލުން ބަލިވުމަކީ އަސްލަމަށް ހިތްދަތިވި ކަމެކެވެ. އޭނާ ދެރަވީ ރާއްޖެއަށް ކާމިޔާބު ކުރެވެން އޮތް މުބާރާތެއް ޓީމަށް ހެދުނު މިސްޓޭކުތަކުން ބަލިވުމުންނެވެ. އޭނާ އަށް ރޮވުނެވެ.

އޭގެ 21 އަހަރު ފަހުން އުފަލުން ރޮވުނީ

ކްލަބު ލެވަލްގައި، ވެލެންސިއާ އާއި ނިއު ރޭޑިއަންޓްގައި ކާމިޔާބު ހޯދި އަސްލަމް ކުޅުން ހުއްޓާލުމަށް ފަހު އޭނާ ބަދަލުވީ ގޯލް ކީޕަރު ކޯޗަކަށެވެ. މި ސަރަހައްދުގައި ހުރި އެންމެ ކާމިޔާބު ގޯލް ކީޕަރު ކޯޗަކީ އަސްލަމް ކަމަށް ގިނަ ބަޔަކު އެއްބަސްވެ އެވެ. ލަންކާގެ އެއްވަނަ ކީޕަރު ސުޖަން ޕެރޭރާ "މީހަކަށް" ހެދީ އަސްލަމް އެވެ. އީގަލްސްގައި ހަތަރު އަހަރު ވަންދެން އަސލަމް ވަނީ ސުޖަންގެ ޓްރޭނިންތައް ކުރިއަށް ގެންގޮސްފަ އެވެ. ކީޕަރެއްގެ ގޮތުގައި އޭނާ އަށް ލިބުނު ކުރި އެރުމުގައި އެންމެ ބޮޑު ކްރެޑިޓެއް ސުޖަން ދެނީ ވެސް އަސްލަމަށެވެ.

އެކަމަކު އަސްލަމްގެ އަސްލު ކާމިޔާބަކީ އެއް މުބާރާތެއްގައި ދެ ޝަރަފު ހޯދި ހަމައެކަނި ދިވެއްސަކީ އޭނާ ކަމަށް ވުމެވެ. އެންމެ ފަހުގެ ސާފް ޗެމްޕިއަންޝިޕަށް ރާއްޖެ ވަރުގަދަ އަށް ތައްޔާރުވިއިރު ކީޕަރު ޓްރޭނިންއާ މެދު އަސްލަމް ދިން ޔަގީންކަން އޭނާ ސާބިތު ކޮށްދިނެވެ.

އަސްލަމް (ކ) އާއި ފައިސަލް. -- ފައިލް ފޮޓޯ: އެފްއޭއެމް
އަސްލަމް (ކ) އާއި ފައިސަލް. -- ފައިލް ފޮޓޯ: އެފްއޭއެމް

"ހަމަގައިމު ވެސް މިފަހަރު ކީޕަރުންގެ ފެންވަރު ތަފާތު ވާނެ،" 2018 ގެ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރު ވަމުން ދިޔައިރު އެފްއޭއެމްގެ މީޑިއާ އަށް އަސްލަމް ދިން ވީޑިއޯ އިންޓަވިއުގައި ބުންޏެވެ.

އަސްލަމް ބުނި ބަސް 100 ޕަސެންޓް ދިމާވި އެވެ. ރާއްޖެއިން އެ ފަހަރުގެ މުބާރާތުގައި ޗެމްޕިއަންކަން ހޯދުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރީ ކީޕަރު މުހައްމަދު ފައިސަލް އެވެ. ރާއްޖެ ޗެމްޕިއަންކަން ހޯދުމުގެ އިތުރަށް، މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް އަސްލަމް ޓްރޭން ކުރި ކީޕަރު މުހައްމަދު ފައިސަލް ހޯދުމުން، އޭގެ އެންމެ ބޮޑު ކްރެޑިޓެއް ފައިސަލް ދެނީ ވެސް އަސްލަމަށެވެ.

"އެ އިންޓަވިއު ދީފައި އައިސް އަސްލަމް ކޯޗު ބުނި މި އައީ އެގޮތަށް ބުނެފައޭ. އެހެން ބުނީމަ ވެސް ހިތަށް އެރި އިތުރަށް މަސައްކަތް ކުރާނަމޭ. ހަގީގަތުގައި އަސްލަމް ކޯޗު އެ ޗެލެންޖު އެގޮތަށް ނެގީމަ އެފަހަރު ކާމިޔާބުވީ ވެސް،" ފައިސަލް ބުނެފައިވެ އެވެ.

ގައުމީ ޓީމުގެ ގޯލްކީޕަރު ކޯޗު އަސްލަމް އަބްދު ރަހީމް. -- ފައިލް ފޮޓޯ: އެފްއޭއެމް
ގައުމީ ޓީމުގެ ގޯލްކީޕަރު ކޯޗު އަސްލަމް އަބްދު ރަހީމް. -- ފައިލް ފޮޓޯ: އެފްއޭއެމް

މޮޅު ކުޅުންތެރިޔާގެ އެވޯޑާ ފައިސަލް ހަވާލުވާން ދިޔަ ވަގުތު އަސަލަމް ފެންކަޅި ކޮށްލި އެވެ. ސާފް ޗެމްޕިއަންޝިޕްގެ ތާރީހުގައި މޮޅު ކުޅުންތެރިޔާގެ އެވޯޑް ރާއްޖެއިން ހޯދި ދެ ކުޅުންތެރިންގެ ތެރެއިން އެއް ކުޅުންތެރިޔަކަށް އޭނާ ޓްރޭން ކުރި ކީޕަރު ވުމަކީ ބޮޑު ކާމިޔާބެކެވެ. ބޮޑު ޝަރަފެކެވެ. ސާފުގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދި ދިވެހި އަނެއް ކުޅުންތެރިޔަކީ ދެކުނު އޭޝިއާގެ އެންމެ މޮޅު ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) އެވެ. ސާފުގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް އޭގެ ކުރިން ކީޕަރުންނަށް ލިބުނީ ދެ ފަހަރު އެވެ. ތިން ވަނަ ކީޕަރެއްގެ ގޮތުގައި ފައިސަލް ވުމަކީ ދެކުނު އޭޝިއާގެ އެންމެ މޮޅު ގޯލްކީޕަރު ކޯޗުގެ ޝަރަފު އަސްލަމަށް ހައްގުވާ ސަބަބެކެވެ.

"ވަރަށް ވަރަށް ބޮޑަށް އުފާވި ވަގުތު ކޮޅެއް އެއީ. އުފަލުން ފެންކަޅިވި،" ސާފުގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ފައިސަލް އުފުލާލުމުން އެ ވަގުތު ކޮޅު ސިފަކޮށް ދެމުން އަސްލަމް ކިޔައި ދިނެވެ. "ކޯޗެއްގެ ގޮތުގައި ލިބޭނެ އެންމެ ބޮޑު ހިތްހަމަޖެހުމަކަށް ވާނީ އެ ކޯޗަކު ޓްރޭން ކޮށްދޭ ކުޅުންތެރިޔަކަށް މުބާރާތުގެ މޮޅު ކުޅުންތެރިޔާ ލިބުން. އެގޮތުން ވެސް ލިބުނު ހިތްހަމަޖެހުން ބޮޑުވި."

އެންމެ ފަހުގެ ސާފް ޗެމްޕިއަންޝިޕްގައި އަސްލަމް ކުރީ އަދާޔާ ހިލާފް މަސައްކަތެކެވެ. އޭރު ރާއްޖޭގެ ކޯޗިން ޓީމުގައި ހިމެނުނު މެންބަރުންނަށް އިންތިހާ އަށް ޕްރެޝަރު ކުރިމަތިވި ވަގުތު އެމީހެއްގެ މަސައްކަތާ މެދު ސުވާލު ނުއުފައްދާ ކޯޗަކަށް ހުރީ އަސްލަމް އެކަންޏެވެ. އެ ތަޖުރިބާއާ އެކު އޭނާ ކުރިމަތިލާނީ ރާއްޖޭގައި އަންނަ ހުކުރު ދުވަހު ފަށާ ސާފް ޗެމްޕިއަންޝިޕަށެވެ. އަމިއްލަ ގައުމުގައި ކުޅޭ މުބާރާތަށް ކުރާ އުންމީދު އެހެން ހުރިހާ ފަހަރުތަކަށް ވުރެ ބޮޑެވެ.