ކޮލަމް ފަސް މިނެޓް: ޔާމީންގެ މަރު، ކުރިންނާއި ފަހުން ވެސް އިހުމާލު!

އަނިޔާވެރި ހަމަލާތަކެއްގައި މަރައިލި ޔާމީން ރަޝީދުގެ މަރުގެ ހާދިސާ އަށް ދެ ހަފުތާ ވެގެންދާ އިރު، އެކަމާ ގުޅުވައިގެން ދެކެވޭ ވާހަކަތައް ވަރަށް ތަފާތެވެ. ހަގީގީ ގާތިލުން ހޯދިފައި ނުވާއިރު، އެ މައްސަލައިގެ ތަހުގީގަށް ހުރަސް އެޅުމަށް ނުވަތަ އެ މަރުގެ ހަގީގަތް އޮޅުވައިލުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން އެބަދެ އެވެ.


ޔާމީން ރަޝީދަކީ ސޯޝަލް މީޑިއާ އެކްޓިވިސްޓެކެވެ. ބްލޮގް ލިޔާ ލިޔުންތެރިއެކެވެ. އޭނާއާ މެދު ބަޔަކު ރުހުނަސް އަދި ނަފްތަރުވިޔަސް އެކަމެއް ހިނގަނީ ސޯޝަލް މީޑިއާގެ ތެރޭގަ އެވެ. އެހެންކަމުން މަޑުމައިތިރި މިޒާޖެއްގެ ޔާމީންގެ ހަގީގީ ދުނިޔެއަކީ ސޯޝަލް މީޑިއާ އެވެ. އޭނާގެ މަންމަ ސިފަކުރާ ގޮތުގައި ޔާމީން އަބަދު ވެސް "އުޅޭނީ އޭނާގެ ސްމާޓް ފޯނުގެ ތެރޭގަ" އެވެ.

ޔާމީންގެ މަރާ ގުޅިގެން ހިނގާ ކަންތަކާ މެދު ވިސްނައިލާ އިރު، ދެ މަރުހަލާއަކަށް ބަހައިލެވިދާނެ އެވެ. އެއީ ޔާމީންގެ މަރައިލުމުގެ ކުރި އާއި އޭގެ ފަހެވެ. މި ދެ މަރުހަލާގައި ވެސް ފާހަގަ ކުރެވިގެން ދަނީ ދައުލަތުގެ މުއައްސަސާތަކުގެ އިހުމާލުވުން އޮތް ވަރެވެ. ގާނޫނުގެ ރައްކާތެރިކަން ލިބިދިނުމުގައި ނުކުޅެދިފައިވާ ވަރެވެ. އެންމެ ފުރަތަމަ ޔާމީންގެ މަރުގެ ކުރިއަށް ވިސްނުން ހިންގަވާށެވެ!

އެންމެ ފުރަތަމަ ކަމަކީ ޔާމީނަށް ދިން މަރުގެ އިންޒާރުތަކެވެ. އެ ކަމުގައި ދައުލަތުގެ ކަމާ ބެހޭ އިދާރާތަކުން އެކަށީގެންވާ ފިޔަވަޅު އެޅި ހެއްޔެވެ؟ މީހަކަށް މަރުގެ އިންޒާރު ދިނުމަކީ ނުވަތަ ޖިސްމާނީ އަނިޔާއެއް ދޭނެ ކަމަށް އިންޒާރު ދިނުމަކީ، އިންޒާރު ދިން ކަމެއް ނުކުރި ކަމުގައި ވިޔަސް، އޭގެ ޒާތުގައި ކުށެކެވެ. އެހެންކަމުން އެ ކަން ކުރި ބަޔަކުގެ ގާނޫނުގެ ބާރުގެ ދަށަށް ނުގެނެވުމަކީ އިހުމާލެކެވެ. އެފަދަ ކަންކަމުގައި މީހަކު ފުލުހަށް ހާޒިރުކޮށް ސުވާލެއް ކޮށްލުމަކީ ގާނޫނު ތަންފީޒު ކުރުމެއް ނޫނެވެ.

ދެވަނަ ކަމަކީ އޭނާ މަރައިލަން މެދުވެރިވި ސަބަބެވެ. އެކަން އަދި އޮތީ ނޭނގުމެއްގެ ތެރޭގަ އެވެ. ކޮންމެ ސަބަބަކާ ހުރެ ވިޔަސް، ގާނޫނީ ގޮތުންނާއި ޝަރުއީ ހަމަތަކުން ވެސް، ޔާމީންގެ މަރަކީ ބަޔަކު ހިންގި ޖިނާއީ ކުށެކެވެ. ގާނޫނީ ގޮތުންނާއި ޝަރުއީ ގޮތުން އެންމެ މަތީ ދަރަޖައިގެ އަދަބު ހައްގުވާ ކުށެކެވެ. މީހެއްގެ މަރު ހިފޭނީ ގާނޫނީ ގޮތުންނާއި ޝަރުއީ ގޮތުން ވެސް ވަކި ޝަރުތުތަކަކާއި ވަކި ރުކުންތަކެއް ފުރިހަމަވެގެންނެވެ.

އެއް ބަޔަކު ބުނާ ގޮތުގައި ޔާމީންގެ މަރަކީ ސިޔާސީ ޖަރީމާއެކެވެ. އެއީ އޭނާއަކީ ސަރުކާރާ ދެކޮޅަށް ފާޅުގައި ފާޑުކިޔާ މީހަކަށް ވާތީ ކަމަށް އެ މީހުން ދެކެ އެވެ. ރާއްޖޭގެ މިހާރުގެ ހާލަތުގައި ސަރުކާރަށް ފާޑުކިޔާ މީހުންގެ ލިސްޓެއް ހެދިޔަސް އޭގެ ފަހަތުކޮޅުން ނޫނީ ޔާމީނަށް ޖާގައެއް ލިބޭނެ ކަމަކަށް ނުބެލެވެ އެވެ. އެއީ އޭނާ ފާޑުކިޔަނީ ހަމައެކަނި ސަރުކާރުގެ ސިޔާސަތުތަކަށް އެކަނި ކަމަށް ނުވާތީ އެވެ. މުޖްތަމައުގައި ހުރި ނުރަނގަޅު ކަންކަމަކީ ވެސް އޭނާ އެންމެ ފާޑުކިޔާ ކަންތަކެވެ. އަދި އަމުދުން މީހުން މެރުމަކީ ފާޑު ކިޔުން ހުއްޓުވޭނެ ގޮތެއް ވެސް ނޫނެވެ.

ޔާމީން ރަޝީދު މަރާލި ކަމަށް ތުހުމަތު ކުރެވޭ ދެ މީހުން: ފުލުހުން ފުރަތަމަ ހެދީ ދޮގު

އަނެއް ބަޔަކު ދެކޭ ގޮތުގައި ޔާމީންގެ މަރަކީ ދީނީ މައްސަލައެކެވެ. އެހެންކަމުގައި ވިޔަސް އޭނާގެ މަރު ހިފުމަކީ އެ ކަމުގެ ހައްލެއް ނޫނެވެ. އަދި އެއީ މަރު ހިފޭނެ ގޮތެއް ވެސް ނޫނެވެ. އޭނާގެ ދީނީ ފިކުރު ކޮންމެ ގޮތަކަށް ހުއްޓަސް، އޭނާ އެ ގޮތަށް މަރައިލުމަކީ އިސްލާމީ ޝަރީއާގެ ހަމަތަކުން ބެއްޔަސް ހުއްދަވާނެ ކަމެއް ނޫނެވެ.

އެއީ ދީނީ މައްސަލަތަކެއްގެ ނަތީޖާ ކަމަށް ބަޔަކު ބެއްޔަސް، އެކަމުން ވެސް ފެންނަނީ ދައުލަތުގެ އިދާރާތައް ފެއިލްވެފައިވާ މަންޒަރެވެ. މިއަދު ސޯޝަލް މީޑިއާގައި އިސްލާމް ދީނާ ދެކޮޅަށް ފާޅުގައި ފާޑު ކިޔައި ޖޯކު ޖަހައި މަލާމާތް ކޮށް، އަދި އެއްވެސް ބިރެއް ނެތި، ﷲ އާއި އެކަލާނގެ ރަސޫލާ އަށް ހަޑިހުތުރު ބަސްތައް ރައްދުކުރަމުންދާ ދިވެހިން މަދެއް ނޫނެވެ. ގަބޫލުކުރަން ބޭނުން ނުވިޔަސް މިއީ ހަގީގަތެވެ.

ނަމަވެސް ދައުލަތުގެ ހަމައެކަނި ޒިންމާއެއް ކަމުގައި ފެންނަނީ، މީހުން ކާފަރު ކުރުމެވެ. މީހެއްގެ ދީނީ ވިސްނުން ގޯސްވެގެން ދާ ދަނޑިވަޅުގައި އެމީހަކު ހޯދައިގެން ގެނެސް އެމީހަކާ ބައްދަލުކޮށް، ދީނުގައި އެކަން އޮންނަ ގޮތް ބުނެދީ އޭނާ ތެދު މަގަށް އަނބުރާ ގެނައުމަށް ކުރެވެނީ ކޮން މަސައްކަތެއް ހެއްޔެވެ؟ ޖަވާބުގައި ވިދާޅުވާނެ އެވެ؛ ބައިވަރު ޓީވީ ޕްރޮގްރާމްތަކާއި ރޭޑިއޯ ޕްރޮގްރާމްތައް ހިންގައި ޖަލަށް ޒިޔާރަތް ކޮށް ނަސޭހަތްދީ ހަދަމެވެ.

އެ ނޫން ވާހަކައެއް ނޫނެވެ. ދާދި ފަހުން ވެސް މީހަކު ރަސޫލު ކަމަށް ދައުވާ ކޮށް ސޯޝަލް މީޑިއާގައި ވީޑިއޯއެއް އާންމު ކުރުމާ އެކު، 24 ގަޑިއިރުގެ ތެރޭގައި އިވިގެން ދިޔައީ، އޭނާއަކީ މުރުތައްދެއް ކަމަށް ސަރުކާރުން އިއުލާން ކުރި އަޑެވެ. އޭގެ ކުރިން، އޭނާގެ ހާލަތު ދެނެގަތް ހެއްޔެވެ؟ އޭނާއާ ބައްދަލުކޮށް ނަސޭހަތް ދިން ހެއްޔެވެ؟ އޭނާ އެނބުރި ދީނަށް ރުޖޫއަވުމަށް މަގުދައްކައިދިން ހެއްޔެވެ؟ އޭނާގެ ސިކުނޑީގެ ހާލަތު ވަޒަން ކުރެވުނު ހެއްޔެވެ؟

ދީނަށް ފުރައްސާރަ ކުރުމަކީ ރާއްޖޭގެ އެތައް ގާނޫނަކުން މަނާ ކަމެކެވެ. ގާނޫނުލް އުގޫބާތުގައި އެއީ ކުށެކެވެ. ދީނީ އެއްބައިވަންކަން ހިމާޔަތް ކުރުމުގެ ގާނޫނުގައި އެއީ ކުށެކެވެ. މިހާރު ލައްކަ އިން މިލިއަނުން މީހުން ޖޫރިމަނާކުރަމުން ތިޔަ ގެންދާ އަބުރުގެ ގާނޫނުގައި ވެސް އެއީ ބޮޑު ކުށެކެވެ.

މިއިން ގާނޫނެއްގެ ދަށުން، އެ ފަރާތްތަކާ މެދު އެޅި ފިޔަވަޅަކީ ކޮބައި ހެއްޔެވެ؟ އިސްލާމް ދީނަށް ފުރައްސާރަކުރާ މީހުން އެކަން ކުރަނީ ފޮރުވިގެން ތިބެއެއް ނޫނެވެ. ފާޅުގަ އެވެ. އެއީ ކޮން ބައެއްކަން އެނގެ އެވެ. އެ ވެބްސައިޓްތައް އާންމުކޮށް ދޫކޮށްލެވިފައި ހުންނަނީ ކޮން ހަމައަކުން ހެއްޔެވެ؟ މި ގާނޫނުތަކުގެ ދަށުން ފިޔަވަޅު ނޭޅޭ ނަމަ އެއީ އިހުމާލެވެ.

ސޯޝަލް މީޑިއާ އެކްޓިވިސްޓް ޔާމީން ރަޝީދުގެ ޖަނާޒާ ބާއްވަނީ. -- ފޮޓޯ: ހުސެން ވަހީދު/މިހާރު

ދެން އޮތީ ޔާމީންގެ މަރަށް ފަހު މި ހިނގާ މަރުހަލާ އެވެ. އެންމެ ފުރަތަމަ ކަމަކަށް އޭނާގެ މަރާ ގުޅިގެން ފުލުހުން އަމަލު ކުރި ގޮތާއި ފުލުހުން އާންމު ކުރި ބަޔާނެވެ. ދެން ތިބި އެހެން މީހުންގެ އިހުސާސްތަކަށް ބެލުމެއް ނެތި އޮޅުވައިލީ އެވެ. ޔާމީން މަރައިލިތާ ތިން ދުވަސް ފަހުން ޓީވީތަކުން ވަގުތުން ދުރަށް ދައްކަމުން ނޫސްވެރިންގެ ކުރިމަތީ ފުލުހުން ބުނީ، އޭނާގެ ގާތިލުން ދެނެގަނެވިއްޖެ ކަމަށެވެ. ދެން އޮތީ އެމީހުން އަތުލައިގަތުމުގެ މަރުހަލާ ކަމަށެވެ.

ނަމަވެސް އެވަރުގެ ބޮޑު ކަމެއްގައި ހެދީ ބުހުތާނު ދޮގެއް ކަމަށް ފުލުހުން އަމިއްލަ އަށް ވަނީ އެއްބަސްވެފަ އެވެ. ޔާމީންގެ އާއިލާއާ ފުލުހުން ބައްދަލުކޮށް، ޔާމީންގެ ގާތިލުން ދެނެނުގަނެވޭ ކަމަށް ބުނި ކަމަށް ނޫސްތަކުގައި ވަނީ ޖަހައިފަ އެވެ. އާއިލާގެ އެ ބުނުން ފުލުހުން މިހާތަނަށް ދޮގެއް ނުކުރެ އެވެ.

ގާނޫނު ތަންފީޒު ކުރުމުގެ އެންމެ މަތީ ޒިންމާއާ ހަވާލުވެފައިވާ މުއައްސަސާ އިން އެ ވަރުގެ ދޮގެއް ހަދަން ޖެހޭ ސަބަބެއް ނޯންނާނެ އެވެ. ރައްޔިތުން ހިމާޔަތް ކުރުމާއި ރައްޔިތުންނަށް ޚިދުމަތް ކުރުމަކީ މޮޓޯ ކަމުގައި އަޑު އުފުލުމުގެ ހައްގެއް ދިވެހި ފުލުހުންނަކަށް މިހާރު ނެތެވެ. މީހެއްގެ މަރުގެ މައްސަލައިގައި ތިޔަހާ ބޮޑު އޮޅުވައިލުމެއް އޮޅުވައިލަން ޖެހޭ ވަރަށް ވުރެ ތިޔަ މުއައްސަސާގެ ފޯރުންތެރިކަމާއި ހައިބަތު މާ ބޮޑު ކަމުގައި ދެކެމެވެ. ނަމަވެސް މިފަހަރު ތިޔަ ވެވުނީ ވަރަށް ބޮޑު އިހުމާލެކެވެ.