އަޅުގަނޑަށް ނުވިސްނުނު ކަމެއް!

ގަތަރާ އެކު މީގެ 33 އަހަރު ކުރިން ރާއްޖެ އިން ގާއިމްކުރި ސިޔާސީ ގުޅުން މިދިޔަ ހޯމަދުވަހު ކަނޑާލުމަކީ ހައިރާންވާން ޖެހޭ ވަރުގެ ކަމެއް ނޫނެވެ. ރާއްޖެ އާއި އީރާނާ ދެމެދު އޮތް ސިޔާސީ ގުޅުން މިދިޔަ އަހަރުގެ މޭ 17 ގައި ރާއްޖެ އިސްވެ ކަނޑާލާފައިވާއިރު މިފަދަ ކަންކަން މި ސަރުކާރުން ނުކުރާނެ ކަމަށް ބެލުމަކީ މިހާރު ކުށްހީއެކެވެ. އީރާނާ އެކު އޮތް ޚާރިޖީ ގުޅުން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކަނޑާލީ ރިކޯޑަކާ އެކު އެވެ. އެއީ ގައުމަކާ އެކު ޚާރިޖީ ގުޅުން ގާއިމުކުރި ފަހުން، އެ ގުޅުން ރާއްޖެ އިން އިސްވެ ކަނޑާލި ފުރަތަމަ ފަހަރު ކަމަށް ވެ ތާރީޚުގެ ތެރެއަށް ވަދެގެންނެވެ. އިސްލާމީ ގައުމުތަކާ އެކު ގުޅުން ކަނޑާލުމަކީ ފަޚުރެއް ކަމަށް މި ސަރުކާރުން ދެކޭ ނަމަ އެކަމަށް މަރުހަބާ އެވެ.


އެކަމަކު އަޅުގަނޑު ހިތުން މިއީ އުފާކުރަން ޖެހޭ ވަރުގެ ކަމެއް ނޫނެވެ. މިއީ ބައިނަލްއަގްވާމީ ދުނިޔޭގައި ރާއްޖެ ފަހަތަށް އަޅާ ފިޔަވަޅެކެވެ. މީގެ އެތައް އަހަރެއް ކުރިއްސުރެ ފެށިގެން އިސްލާމީ ގައުމުތަކާ ދެމެދު ގުޅުން ގާއިމް ކުރުމުގައި ރާއްޖެ އިން ގެންގުޅެމުން އަންނަ ޚާރިޖީ ސިޔާސަތު ބޮޑު އޮޅުންބޮޅުންގަނޑެއްގެ ތެރެއަށް ވައްޓާލުމެވެ.

އަރަބި ގައުމުތަކުގެ މެދުގައި އުފެދިގެން އުޅޭ ބޮޑު ސިޔާސީ އަދި އިގުތިސޯދީ ނުތަނަވަސްކަމެއްގެ ތެރެއަށް އަޅުގަނޑުމެން ކަހަލަ ކުޑަކުޑަ އާބާދީއެއް އޮންނަ، އަދި އަމިއްލަ ފައިމައްޗަށް ނުތެދުވެ އުޅެން ޖެހޭ ގައުމަކުން ވަންނަން ޖެހޭ ސަބަބެއް ހަމަ އެއްގޮތަކަށް ވެސް ނުވިސްނެ އެވެ. ވިސްނާވިސްނާ ވެސް ހަމަ ނޭނގުނެވެ. ރާއްޖެ އަށް ވުރެ މާ ބޮޑެތި، އަދި ފުދުންތެރި ގައުމުތަކުން ވެސް މި މައްސަލާގައި ތިބީ ހިމޭނުންނެވެ.

އަވައްޓެރި ޕާކިސްތާނާއި ބަންގްލަދޭޝް، އެއަށް ވުރެ ދުރުން ނަމަ އިންޑޮނީޝިއާ އާއި މެލޭޝިއާ ފަދަ މުސްލިމް ގައުމުތަކުން ވެސް ގަތަރާ އެކު އޮތް ސިޔާސީ ގުޅުން ކަނޑައެއް ނުލަ އެވެ. މުޅިން ވެސް މި ގުޅުން ކަނޑާލީ ބައެއް އަރަބި ގައުމުތަކުންނެވެ. ސައުދީ އަރަބިއާ، މިސްރު، ބަހުރޭން، ޔުނައިޓެޑް އަރަބް އެމިރޭޓްސް، ލީބިއާ، ޔަމަން އެވެ. އަޅުގަނޑުމެން ފަދަ އަމިއްލަ ހާލާއިގެން ނޫޅެވޭ މި ކުޑަކުޑަ ގައުމު މި ލިސްޓަށް އަރުވަން ޖެހޭ ސަބަބެއް ނޭނގެ އެވެ. އަރަބި ގައުމުތަކުގެ ކޯޅުންގަނޑުގެ ތެރެއަށް ރާއްޖެ ވަންނަނީ ހެއްޔެވެ؟

ސައޫދީގައި މިދިޔަ މަހު ބޭއްވި އަރަބް އިސްލާމިކް އެމެރިކަން ސަމިޓުގައި ބައިވެރިވެވަޑައިގެންނެވި ލީޑަރުންނާ އެކު ސައޫދީ ރަސްގެފާނު ސަލްމާނާއި އެމެރިކާގެ ރައީސް ޓްރަމްޕް ފޮޓޯއަކަށް ހުއްޓިވަޑައިގެން.--ފޮޓޯ: އޭއެފްޕީ

ގަތަރާ އެކު އޮތް ގުޅުން ކަނޑާލީ، މިދިޔަ މަހު ސައޫދީ އަރަބިއްޔާގައި ބޭއްވި "އަރަބް-އިސްލާމިކް އެމެރިކަން ސަމިޓް" ގައި ޓެރަރިޒަމާ ދެކޮޅަށް މަސައްކަތް ކުރުމަށް އަރަބި އިސްލާމީ ގައުމުތަކުން އެއްބަސްވެފައިވާތީ ކަމަށް ދިވެހި ސަރުކާރުން ބުނެ އެވެ. ގަތަރު ސަރުކާރުން ސަމިޓްގެ އެއްބަސްވުމާ ޚިލާފަށް މަސައްކަތް ކުރާތީ، އެ ގައުމާ ދެމެދު އޮތް ގުޅުން ރާއްޖެ އިން ކަނޑާލަން ނިންމިއިރު، އެ ބުނާ ސަމިޓްގައި ބައިވެރިވި އިސްލާމީ އެހެން ގިނަ ގައުމުތައް ކޮބައި ބާވަ އެވެ؟ އިސްލާމީ ގައުމުތަކުގެ ގުޅުން ނުވަތަ އޯއައިސީގެ ގިނަ ގައުމުތަކުން އެ ފިޔަވަޅެއް ނާޅަ އެވެ.

އަރަބް އިސްލާމިކް އެމެރިކަން ސަމިޓުގައި ޖޯޑަންގެ ރަސްގެފާނު އަބްދުﷲ (މ-ވ)، ކަޒަކިސްތާންގެ ރައީސް ނޫރްސުލްތާން ނަޒަރްބައީ އާ ސަލާމް ކުރައްވަނީ: މި ސަމިޓްގައި ބައިވެރިވި ގައުމުތަކުގެ ތެރެއިން ގަތަރާ ގުޅުން ކަނޑާލީ ރާއްޖެ ހިމެނޭ ގޮތަށް އެންމެ ހަތް ގައުމުން.---ފޮޓޯ: އޭއެފްޕީ

ރާއްޖެ އަށް ވުރެ ބޮޑެތި އެހެން ގައުމުތައް އިސްތިސްނާ ކޮށްފައި، މިހާ ކުރީ ބައިގައި ރާއްޖެ އިން މިކަމުގެ ތެރެއަށް ވަންނަން ޖެހޭ މަސްލަހަތަކީ ކޮބައި ހެއްޔެވެ؟ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިސްވެ ބޭއްވި މި ސަމިޓްގައި 50 އަށް ވުރެ ގިނަ އިސްލާމީ ގައުމުތައް ބައިވެރިވި އެވެ. އެކަމަކު ރާއްޖެ ހިމަނައިގެން އެންމެ ހަތް ގައުމު ފިޔަވައި އެހެން ގައުމުތަކުން ގަތަރާ އެކު އޮތް ގުޅުން ކަނޑައެއް ނުލަ އެވެ. ކުވޭތު ފަދަ ގައުމުތަކުން ވެސް މަސައްކަތް ކުރަނީ މައްސަލަ ހައްލު ކުރެވޭތޯ އެވެ. މަޝްވަރާގެ މޭޒު އިޚުތިޔާރު ކުރުމަށާއި އިސްލާމީ ގައުމުތަކުން ގުޅުން ކަނޑާނުލުމަށް ތުރުކީ ފަދަ ގައުމުތަކުން ގޮވާލާއިރު، އަމިއްލަ ބާރެއް ނެތް، މި ގައުމު ބަލަނީ ގަތަރާ އެކު އޮތް ސިޔާސީ ގުޅުން ކަނޑާލައި މި މާތް ރޯދަމަހު ވެސް އިތުރަށް ހަލަބޮލި ކުރެވޭތޯ އެވެ. މިއީ ކިހާ ހެއްވާ ކަމެއް ހެއްޔެވެ؟

ގަތަރާ އެކު އޮތް ސިޔާސީ ގުޅުން ކަނޑާލުމުގައި އެއްވެސް ބައެއްގެ ނުފޫޒެއް ނެތް ކަމަށް ދިވެހި ސަރުކާރުން ބުންޏަސް އެއީ ގަބޫލުކުރަން ތަންކޮޅެއް ދަތި ވާހަކައެކެވެ. ކަންކަން ހިނގާފައިވާ ގޮތުންނެވެ. ކޮންމެ ކަމެއް ވެސް ނިންމަނީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލާއި ދިވެހިވަންތަކަމާ އެކު ކަމަށް ސަރުކާރުން ބުންޏަސް އެކަމެއް ނުފެނެ އެވެ. ފެންނަނީ ވަކި ގައުމަކުން ބޭނުންވާހާ ކަމަކަށް ތާއީދު ކުރާ ތަނެވެ.

ރާއްޖެ އިން އިސްވެ އީރާނާ ގުޅުން ކަނޑާލިއިރު ވެސް އެ ފިޔަވަޅު އެޅީ ސައޫދީ އަރަބިއްޔާގެ ފަހަތުންނެވެ. މި ފަހަރު ވެސް ރާއްޖެ އިން ގަތަރާ މެދު ފިޔަވަޅު އެޅީ ހަމަ ސައޫދީގެ ފަހަތުންނެވެ. ރާއްޖެ އިން ގަތަރާ އެކު އޮތް ސިޔާސީ ގުޅުން ކަނޑާލިކަން ފުރަތަމަ އިއުލާން ކުރީ ވެސް ސައޫދީގެ މީޑިއާގަ އެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީގެ އިސް އޮފިޝަލުން މިދިޔަ ހޯމަދުވަހުގެ ހެނދުނުއްސުރެ ފޯނަށް ޖަވާބު ނުދެއްވައި ތިއްބެވުމަށް ފަހު، މީޑިއާތަކަށް ޖަވާބު ދެއްވަން ފެއްޓެވީ ރާއްޖެ އިން ގަތަރާ އެކު ގުޅުން ކަނޑާލިކަން ސައޫދީގެ މީޑިއާ އިން ބްރޭކް ކުރުމުންނެވެ. އެހާ ހިސާބަށް ރާއްޖޭގެ ފޮރިން މިނިސްޓްރީގެ އިސް އޮފިޝަލުން ތިއްބެވީ މީޑިއާ އަށް "ފިއްލަވައިގެން" ނެވެ. ކަމެއް ވެއްޖެކަން ދިވެހި ސަރުކާރުން އިއުލާން ކުރީ ސައޫދީގެ ރަސްމީ މީޑިއާގެ ފަހަތުންނެވެ. ދިވެހި ބައެއް މީޑިއާތަކުން ގުޅުމުން ޖަވާބު ނުދެއްވާފައި ތިއްބެވުމަށް ފަހު، އޭގެ ފަހުން ބައެއް އޮފިޝަލުން އަމިއްލަ އަށް މީޑިއާތަކަށް، ކުރުކުރު ބަޔާނަކާ އެކު، ގުޅުއްވަން ފެއްޓެވި އެވެ. ރޭވުންތެރިކަން ކިހާ ސަޅި ހެއްޔެވެ؟

ރައީސް ޔާމީން މިދިޔަ އަހަރުގެ އޮކްޓޯބަރުމަހު ސައޫދީ އަށް ވަޑައިގަތުމުން، ‏އެ ގައުމުގެ ރަސްގެފާނު ސަލްމާން އެ މަނިކުފާނަށް ރަސްމީ ގޮތުން މަރުޙަބާ ދެންނެވުމަށް ރަސްގެފާނުގެ ޝާހީ ގަނޑުވަރުގައި ބޭއްވި ހަފްލާ އަށް ރައީސް ޔާމިން ވަޑައިގަންނަވަނީ.--ފޮޓޯ: ރައީސް އޮފީސް

ރާއްޖެ އާއި ސައޫދީގެ ގުޅުން ގާތްވެފައިވާ މިންވަރަށް ބަލާއިރު، އީރާން އަދި ގަތަރާ އެކު އޮތް ސިޔާސީ ގުޅުން ކަނޑާލީ ސައޫދީގެ ނުފޫޒެއް ނެތި ކަމަށް ދިވެހި ސަރުކާރުން ބުންޏަސް ގަބޫލުކުރަން އުނދަގުލެވެ. ގިނަ ބަޔަކަށް އެކަން އެގޮތަށް ނުހިނގާނެ ކަމަށް ގަބޫލުކުރަން ދައްޗެވެ. ޚާއްސަކޮށް އަރަބި ގައުމުތަކުގެ ސިޔާސީ ތަޅާފޮޅުންގަނޑު ރަނގަޅަށް ދިރާސާކުރާ މީހުންނަށް މިކަން އެނގޭނެ އެވެ. އީރާނާއި ސައޫދީގެ ގުޅުން ގޯސްވުމާއި އަދި ގަތަރާއި އީރާންގެ ގުޅުން ވަރުގަދަވާތީ، އެކަމާ ސައޫދީ ހިތްހަމަނުޖެހޭ ވަރު އެނގޭނެ އެވެ.

މިއީ ކަންކަން ބަލައި ދިރާސާ ކުރުމުގެ ފުރުސަތު އޮތް ޒަމާނެކެވެ. ހޯދައި ބެލެން އޮތް ދުވަސްވަރެކެވެ. އެހެންވީމާ އަސްލު މަންޒަރު އެހެން ގޮތަކަށް ކުރަހަން އުޅުނަސް ގިނަ ފަހަރަކު އެހެންނެއް ނުވާނެ އެވެ. ސައޫދީގެ ނުފޫޒު ރާއްޖޭގެ ޚާރިޖީ ކަންކަމުގެ ތެރެއަށް ވަންނަކަން ދޭހަވާ ގޮތަށް ކަންކަން ވާ ނަމަ އެއީ ވަރަށް ބޮޑު މައްސަލައެކެވެ. ސައޫދީގެ ގޮނޑިކޮއްކޮ ސަރުކާރެއްގެ ގޮތުގައި ދިވެހި ސަރުކާރު ބައިނަލްއަގްވާމީ ދުނިޔޭގައި ލޭބަލް ކުރާ ހިސާބަށް ހިނގައްޖެ ނަމަ، އެ ހިސާބުން އިތުބާރު ގެއްލުނީ އެވެ. މިހާރު ވެސް މިވަނީ އެ ދިމާލަށް މިސްރާބު ޖަހައިފަ އެވެ. ކިތަންމެހާ ވެސް ދެރަ އެވެ. އެކަމަކު ނޭނގޭ އެއްޗަކީ ރާއްޖެ އަށް ސައޫދީ މިހާ މުހިންމު ވެގެން އުޅޭ ސަބަބެވެ.

ގަތަރު ސަރުކާރުން ލ. ގަމުގައި އިމާރާތް ކޮށްފައިވާ ގަތަރު އަމީރު ސްކޫލް ނުވަތަ ހަމަދު ބިން ހަލީފާ އަލް ތާނީ ސްކޫލް

ސައޫދީ އަށް ވުރެ މާ ބޮޑެތި އެހީތައް، އުމްރާނީ ގޮތުންނާއި އިގުތިސޯދީ ގޮތުން ވެސް ރާއްޖެ އަށް ވާ ގައުމުތައް އެބަ ހުއްޓެވެ. ފައިސާގެ ގޮތުން ބެލި ކަމަށް ވިޔަސް އެހެން ގައުމުތަކުން ރާއްޖެ އަށް ދޭ އެހީތައް ވަކި ކުޑައެއް ނޫނެވެ. ދިވެހިން ހައްޖަށް ދިއުމަށްޓަކައި ކޯޓާގެ ފުރުސަތު ސައޫދީން ފަހިނުކޮށްދޭ ވާހަކައެއް ނޫނެވެ. ކޮންމެ ރޯދަމަހަކު ކަދުރު ނުދޭ ވާހަކައެއް ވެސް ނޫނެވެ. ސަތޭކަ ޕަސެންޓް އިސްލާމީ ދެ ގައުމު ކަމަށް ވުމުން، އިސްލާމީ އަޚުވަންތަ ކަމުގެ ގުޅުން ވެސް އޮންނާނެ އެވެ. އެކަމަކު މި ބުނި ކަންތައްތަކަކީ ވަކި ސަބަބެއް މެދުވެރިކޮށް، އެހެން އިސްލާމީ ގައުމަކާ ސިޔާސީ ގުޅުން ކަނޑާލަން ޖެހޭ ސަބަބެއް ކަމަށް ހަމަ ނުވިސްނެނީ އެވެ.

ގަތަރު ސަރުކާރުން ހުޅުމާލޭގައި އިމާރާތް ކޮށްދީފައިވާ މިސްކިތް.

ގަތަރަކީ އީރާނަށް ވުރެ މާ ބޮޑަށް ވެސް ރާއްޖެއާ ގާތް ގުޅުމެއް އޮތް ގައުމެކެވެ. ނިސްބަތުން ރާއްޖެ އަށް ބޮޑެތި އެހީތަކެއް ވެ ދީފައިވާ ގައުމެކެވެ. މިސްކިތްތަކާއި ސްކޫލް އިމާރާތްތައް ގަތަރު ސަރުކާރުގެ ހިލޭ އެހީގައި އަޅައިދީފައި އެބަ ހުއްޓެވެ. ބަޖެޓް ސަޕޯޓަށް އެ ގައުމުގެ އެހީތެރިކަން ހޯދުމަށް އެކި ފަހަރު މަތިން ދެ ގައުމުން މަޝްވަރާ ކުރި އެވެ. އަދި ނުވިތާކަށް ގަތަރުގެ އުރީދޫ ގްރޫޕުން ހުޅުމާލޭގައި ދުނިޔޭގެ ފެންވަރުގެ ފުޓުބޯޅަ ސްޓޭޑިއަމެއް އަޅައިދޭން މިދިޔަ އަހަރު ވަނީ ނިންމައިފި އެވެ. ގަތަރަކީ އިގުތިސޯދީ ގޮތުން މައި ހަބެއް ކަމަށް ދިވެހި ސަރުކާރުން ދެކޭތީ، މި އަހަރުގެ އިންވެސްޓްމަންޓް ފޯރަމް ބާއްވަން ވެސް ނިންމާފައި ވަނީ އެ ގައުމުގަ އެވެ.

ގަތަރު އެއާވޭސްގެ ބޯޓަކުން މީހުން ފައިބަނީ: ގަތަރު އެއާވޭޒް އިން ހަފުތާއަކު 14 ދަތުރު ރާއްޖެ އަށް ބާއްވާ.---އޭއެފްޕީ ފައިލް ފޮޓޯ

ގަތަރުން ރާއްޖެ އަށް ދެމުން އަންނަ އެހީތެރިކަން، އަޅުގަނޑު ހިތުން ސައޫދީ އަށް ވުރެ ވަކި ކުޑައެއް ނުވާނެ އެވެ. ވިއްޔާ ވާނީ ބޮޑެވެ. ގަތަރު އެއާވޭޒް އިން ރާއްޖެ އަށް ކޮންމެ ދުވަހަކު ދެ ދަތުރު އަަޅާއިރު، އެއީ ރާއްޖެ އާއި ޓޫރިސްޓުން ގުޅުވައިދޭ މައި އެއް ފާލަމެވެ.

ރާއްޖޭގެ މުވާސަލާތީ ޚިދުމަތަށް ބޮޑު އިންގިލާބެއް ގެނައި އުރީދު އަކީ ގަތަރުގެ ކުންފުންޏެކެވެ. މިއީ ގަތަރުގެ ސަރުކާރާ ގުޅުމެއް ނެތް އަމިއްލަ ވިޔަފާރި ކަމަށް ވިޔަސް ރާއްޖޭގެ އިގުތިސޯދަށް ފައިސާ ވައްދާ އެއް ބަޔަކަށް ގަތަރު އެއާވޭޒް އާއި އުރީދޫ ހިމެނޭނެ އެވެ. މިދިޔަ 10 އަހަރުގެ ތެރޭގައި އެކަނި ވެސް، ރާއްޖޭގައި ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން މުވާސަލާތީ ހިދުމަތް ދިނުމަށް 250 މިލިއަން ޑޮލަރު (3.8 ބިލިއަން ރުފިޔާ) އުރީދޫން ވަނީ އިންވެސްޓް ކޮށްފަ އެވެ. ރާއްޖެ އިން ގަތަރާ އެކު އޮތް ޑިޕްލޮމެޓިކް ގުޅުން ކަނޑާލިކަން އިއުލާން ކުރިތާ 24 ގަޑިއިރު ނުވަނީސް، ރާއްޖޭގެ ހޯމް މިނިސްޓަރު އަޒްލީން އަހުމަދު، އުރީދޫގެ ސީއީއޯ ނަޖީބް ޚާންއާ ބައްދަލުކުރެއްވީ ވެސް އެ ކުންފުނިން ރާއްޖެ ދޫނުކުރާނެ ކަމުގެ ޔަގީންކަން ހޯދުމަށް ކަމަށް ވެދާނެ އެވެ. ގަތަރުގެ މުހިންމުކަން އަދިވެސް އެނގިވަޑައިގަންނަވާތީ ކަމަށް ވެދާނެ އެވެ.

ގަތަރާއި ރާއްޖެއާ ދެމެދު އޮތް ސިޔާސީ ގުޅުން ކަނޑާލުމާ އެކު، މިއިން އެއްވެސް ވިޔަފާރިއަކުން އަޅާ ފިޔަވަޅަކުން ރާއްޖޭގެ އިގުތިސޯދަށް ގުޑުން ނާރާނެ ގޮތެއް ނޯންނާނެ އެވެ. އެކަމަކު އެ ކަމަށް ވެސް މި ސަރުކާރަށް އެންމެ ރަނގަޅަށް ވިސްނާލެވުނުހެނެއް ހިއެއް ނުވެ އެވެ.

ގަތަރުގެ މައްސަލާގައި މާދަމާ ވެސް މަސްރަހު ބަދަލުވާ ގޮތަކުން އެންމެ ކުޑަމިނުން ގަތަރު އެއާވޭޒްގެ މަތިންދާބޯޓު ރާއްޖެ އަށް ހުއްޓާލިޔަސް ޓޫރިޒަމަށް ހީނަރުކަން އަންނާނެ އެވެ. ވައިގެ ދަތުރުފަތުރަށް ގޮންޖެހުމެއް އައިސް އޭގެ ނޭދެވޭ އަސަރު ކުރާނެ އެވެ. ގަލްފް ސަރަހައްދުގައި ކަންކަން ބަދަލުވާނެ ގޮތެއް ނޭނގޭނެ އެވެ.

ރާއްޖެ އިން ގަތަރާ އެކު ސިޔާސީ ގުޅުން ކަނޑާލުމާ ގުޅިގެން މިދިޔަ ހޯމަދުވަހުގެ ރޭ ރައީސް އޮފީހުގައި ބޭއްވި ޕްރެސް ބްރީފިންގައި ފޮރިން މިނިސްޓަރު އާސިމް ވާހަކަ ދައްކަވަނީ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު

ދެން މި ބުނަނީ ސިޔާސީ ގޮތުން ގުޅުން ކަނޑާލިޔަސް ރާއްޖެ އާއި ގަތަރާ ދެމެދު އޮންނަ ވިޔަފާރީގެ ގުޅުމަށް ބުރޫ ނާރާނެ ކަމަށެވެ. ވިޔަފާރީގެ ގުޅުން އޮންނާނެ ކަމަށެވެ. ސިޔާސީ ގުޅުން ކަނޑާލައިފި ނަމަ، ދެން އިތުރަށް ބާއްވާނީ ކޮން ގުޅުމެއް ހެއްޔެވެ؟ ކުރިން ބޭއްވި މިންވަރަށް އެއްވެސް ކަހަލަ ގުޅުމެއް އެ ގައުމަކުން ރާއްޖެއާ އެކު ބާއްވަން ހިތެއްނުރުހޭނެ އެވެ. ގަތަރު ސަރުކާރުން ޔަގީނުން ވެސް ރާއްޖެއާ މެދު ހިތްހަމައެއް ނުޖެހޭނެ އެވެ. ދެ ސަަރުކާރުގެ ދެމެދުގައި އެއްވެސް މުއާމަލާތެއް ނުކުރެވޭނެ އެވެ. ގަތަރު ސަރުކާރުގެ ރަސްމީ އެއްވެސް އެހީތެރިކަމެއް ރާއްޖެ އަކަށް ނުލިބޭނެ އެވެ. ދެން ކޮންމެހެން ވިޔަފާރީގެ ގުޅުމުގެ ވާހަކަ ދައްކަން ޖެހޭ ހެއްޔެވެ؟

ގަތަރުން ޓެރަރިސްޓް ޖަމާއަތްތަކަށް ވާގިވެރިވާ ކަމަށް ބުނެ އެ ގައުމާ އެކު އޮތް ގުޅުން ކަނޑާލުން ހަމަނުޖެހޭ ކަމަކަށް ވަނީ ހަމަ އެ ތުހުމަތު ސައޫދީގެ ބޮލުގައި ވެސް، ބައެއް ފަރާތްތަކުން، އަޅުވާތީ އެވެ.

ރާއްޖެ އިން އިސްވެ އީރާނާ ގުޅުން ކަނޑާލިތާ އަހަރެއްހާ ދުވަސް ފަހުން އަނެއް އިސްލާމީ ގައުމު ގަތަރާ ގުޅުން ކަނޑާލުމަކީ ރާއްޖޭގެ ގިނަ ބައެއްގެ ނަޒަރުގައި ވަރަށް ބޮޑު ގޯހެކެވެ. އެކި ފޯރަމްތަކުގައި އާންމުންގެ ޝުއޫރުތައް ކެކިގެންފައިވާ މިންވަރުން މިކަން ކިތަންމެ ރަނގަޅަކަށް ވެސް އެނގެ އެވެ. އެކަމަކު ހަމައެކަނި ކެބިނެޓްގައި ވަރަށް "ފުޅާ ދާއިރާއެއް"ގައި މަޝްވަރާ ކުރެއްވުމަށް ފަހު، ގާނޫނުއަސާސީން ރައީސަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން މިފަދަ ބޮޑެތި ފިޔަވަޅުތައް އަޅުއްވާއިރު، އާންމުންގެ ވިސްނުމާއި ޝުއޫރު ހުރި ގޮތް ބައްލަވާލެއްވޭހެން ހިއެއް ނުވެ އެވެ. އެއަށް ވުރެ އެހެން ގައުމުތަކުގެ މަސްލަހަތު ރާއްޖެ އަށް މުހިންމީ ކަމަށް ވެސް ވެދާނެ އެވެ. އެކަމަކު އަޅުގަނޑަށް ނުވިސްނެނީ އިސްލާމީ ބޮޑެތި އެހެން ގައުމުތައް ފަހަތަށް ޖައްސާލައި، މިފަދަ މައްސަލަތަކުގައި ރާއްޖެ ކުރިއަށް އަރަން ޖެހޭ ސަބަބެވެ. ބޭކާރު ކަމެއްގައި އިސްލާމީ އެހެން ގައުމުތަކުގެ އިތުރުން އަމިއްލަ ގައުމުގެ ގިނަ ބައެއްގެ ރުޅިވެރިކަމާއި ހިތްހަމަނުޖެހުން ލިބިގަންނަން ޖެހޭ ސަބަބެވެ.