ކުޅިވަރު / ގައުމީ ފުޓްބޯޅަ ޓީމް

ލަންކާ މުބާރާތުގައި ނާޖީއާ ގޯލް ހަވާލުކުރަން ބިރެއްނެތް

"އެންމެ ރީސެންޓް ޕާފޯމަންސަށް ބަލާއިރު ގައުމީ ޓީމުގައި މިވަގުތު ތިބި ކީޕަރުންގެ ތެރެއިން އެންމެ ރަނގަޅު ލެވަލެއްގައި ހުރި ކީޕަރަކީ ނާޖީ"

ކީޕަރު އަލީ ނާޖިހް ލީގުގައި ކުޅުނު މެޗެއްގައި -- ފައިލް ފޮޓޯ: ނިޝާން އަލީ | މިހާރު

އަންނަ ހޯމަ ދުވަހު ލަންކާގައި ފަށާ، މަހިންދަ ރާޖަޕަކްސަ ޓްރޮފީގައި ވާދަކުރާ ރާއްޖޭގެ ޓީމުގައި ކީޕަރު މުހައްމަދު ފައިސަލް އަށް ބައިވެރިއެއް ނުވެވޭނެ އެވެ. މިދިޔަ މަހު ރާއްޖޭގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގައި ލަންކާއާ ދެކޮޅަށް ރާއްޖެ ކުޅުނު މެޗުގައި ފައިސަލްގެ ފަލަމަސްގަނޑަށް އަނިޔާވުމުން އޭނާ ބަދަލުކުރަން ޖެހުނެވެ. ޖެހިގެން އައި އިންޑިއާ މެޗުގައި އޭނާ ކުޅުނަސް މުޅިން ފިޓެއް ނޫނެވެ.

އޭރު ކުރިމަތިވި އަނިޔާއިން މުޅިން ރިކަވަ ނުވާތީ ލަންކާ މުބާރާތުގައި ކީޕަރުގެ ޖާގަ ފިލް ކުރަން ބަލާއިރު، މިދިޔަ މަހު ފަހުކޮޅު ބޭއްވި އޭއެފްސީ 23 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފިކޭޝަންގައި ގައުމީ ޓީމުގެ ގޯލް ބެލެހެއްޓި އަލީ ނާޖިހަކީ ރަނގަޅު ހޮވުމެކެވެ.

ކޮލިފިކޭޝަންގައި ކުޅުނު ދެ މެޗުގައި ވެސް ނާޖީގެ ފަރާތުން މޮޅު ކުޅުމެއް ފެނުނެވެ. ހާއްސަކޮށް، ބަހްރެއިން އާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. ނާޖިހް ދެއްކި ކުޅުން ފާހަގަކުރީ ކުރީގެ ކީޕަރު އިމްރާން މުހައްމަދެވެ. ޓީމުގެ ގޯލް ކީޕީން ކޯޗެއްގެ ގޮތުގައި ދިޔަ އިމްރާން ބުނީ، އިންޓަނޭޝަނަލް ތަޖުރިބާއެއް ނެތި ކޮލިފިކޭޝަނަށް ދިޔަ ރާއްޖޭގެ ޓީމުގެ ކުޅުމާ މެދު ހިތްހަމަ ޖެހޭ ކަމަށެވެ. އަދި ހާއްސަކޮށް ކީޕަރު ނާޖިހް ދެ މެޗުގައި ވެސް ދެއްކި ކުޅުން ފާހަގަކުރާ ކަމަށް އޭނާ ބުންޏެވެ.

ކީޕަރު މުހައްމަދު ފައިސަލް: ގައުމީ ޓީމުގައި ކުޅުނު މެޗެއްގެތެރެއިން

"ނިމިދިޔަ 23 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިން ގައި ޒުވާން ގައުމީ ޓީމް ކުޅުންތެރިންގެ ފަރާތުން އުއްމީދީ ކުޅުމެއް ފެނިގެން ދިޔަ. ވަކިން ހާއްސަކޮށް ކީޕަރު ނާޖިހްގެ ފަރާތުން މޮޅު ކުޅުމެއް ދެ މެޗްގައި ވެސް ފެނިގެން ދިޔުމުން އުފާކުރަން،" އިމްރާން އޭނާގެ ފޭސްބުކްގައި ލިޔެފައިވެ އެވެ.

ބަހްރެއިނާ ދެކޮޅަށް ކުޅުނު މެޗުގެ 53 ވަނަ މިނެޓްގައި ބަހްރޭނުން ފޮނުވާލި ޕެނަލްޓީ ނާޖީ ވަނީ ދިފާއުކޮށްފަ އެވެ. އޭނާ ޕެނަލްޓީ ދިފާއުކުރުމުން ދިވެހި ކުޅުންތެރިން އޭނާ ވަށާލައި އޭނާގެ ގައިގައި ބައްދައިލި އެވެ. މިދިޔަ ސީޒަންގެ ދިވެހި ޕްރިމިއާ ލީގުގެ ދެ ވަނަ ބުރުގައި އެންމެ ބޮޑަށް ވިދާލި ކީޕަރަކީ ވެސް ނާޖިހެވެ. މުޅި ސީޒަންގައި މޭން އޮފް ދަ މެޗު އިނާމު ހޯދި ދިވެހި ހަމައެކަނި ކީޕަރަކީ އޭނާ އެވެ. ދެ ވަނަ ބުރުގައި ވެލެންސިއާ އަތުން ޔުނައިޓެޑް ވިކްޓަރީ މޮޅުވި މެޗުގެ މޭން އޮފްދަ މެޗު އިނާމް ހޯދީ ނާޖިހް އެވެ.

ގައުމީ ޓީމާ ހަމައަށް ނާޖިހް ދާނެ ކަމަށް އެންމެ ފުރަތަމަ ބުނީ އެކަކީ ކުރީގެ ކީޕަރު އިސްމާއީލް ޒަރިއަންދެވެ. މޮޅު ކީޕަރަކަށް ނާޖިހް، ހެދުމުގައި ޒަރިއަންދު އަދާކުރި ދައުރު ބޮޑެވެ. ޔޫވީގައި ނާޖީގެ ފަރާތުން ފެނުނު ކުޅުމުގެ ކްރެޑިޓް، އެ ޓީމުގެ ކޯޗް އިހްސާން އަބްދުލް ގަނީ (ސާންތީ) ދެނީ ޒަރިއަންދަށެވެ.

"ގައުމީ ޓީމުގައި ނާޖީ ފުރަތަމަ 11 ގައި ކުޅެން ނުޖެހޭ އެއްވެސް ސަބަބެއް މަށަކަށް ނުވިސްނޭ. ފްރީ އޮފް ޗާޖުގައި ޔުނައިޓެޑް ވިކްޓަރީގައި އަހަރެން މަސައްކަތް ކުރީ އޭނާ ޔުނައިޓެޑް ވީކްޓަރީގައި ކުޅެ ނިންމާލާކަށް ނޫނޭ. މިހާރު އަހަރެން ގަބޫލު ކުރަނީ ރާއްޖޭގެ ގައުމީ ޓީމަކަށް ނެތޭ ނާޖީ ވަރުގެ ކީޕަރެއް،" ޒަރިއަންދު ބުންޏެވެ.

"އެއީ އިމްރާން ވެސް ގައުމީ ޓީމަށް ކުޅެން ފެށީ ގާތްގަނޑަކަށް 20 އަހަރުގައި ގައުމީ ޓީމަށް. ލީގުގެ ޕާފޯމަންސަށް ބަަލައިފިއްޔާ ވެސް އެންމެ މޮޅީ ނާޖީ. ދެން އަނެއްކާ މިވަގުތައް އެންމެ ރަނގަޅު ކީޕަރަކަށް މިއިނީ ނާޖީ. ޒުވާން ކީޕަރެއް ވީމަ ފުރުސަތު ދޭން ބިރުގަނެގެން ނުވާނެދޯ. އެއީ ޔުނައިޓެޑް ވިކްޓަރީގައި ވެސް ކޯޗުން އުޅެނީ އޭނަ ޒުވާންވީމާ އަރުވަން ޖެހިލުވެގެން. އަހަރެން ބުނިން ކުޅެވޭނެޔޭ. އެހެންވީމާ އަހަންނަކަށް ނުފެނޭ މިވަގުތަށް ބަލާއިރު ނާޖީ ނޫން ކީޕަރެއް ފުރުސަތު ދޭކަށް."

ކީޕަރު ނާޖީ، ލަންކާ މުބާރާތަށް މާލެއިންފުރުމުގެ ކުރިން --- ފޮޓޯ: އެފްއޭއެމް

ފުޓްބޯޅައިގެ ތަޖުރިބާކާރު އެހެން މީހަކު ބުނީ އެންމެ ފަހުން ދެއްކި ކުޅުމަށް ބަލާއިރު ގައުމީ ޓީމަށް މިވަގުތު އޮތް އެންމެ ރަނގަޅު ކީޕަރަކީ ނާޖިހް ކަމަށެވެ.

"މިހާރު އެ ހުރީ 23 އަހަރުން ދަށުގެ ކޮލިފިކޭޝަންގައި ވެސް ވަރަށް ރަނގަޅު ޕާފޯމަންސެއް ދައްކާފައި. އެންމެ ރީސެންޓް ޕާފޯމަންސަށް ބަލާއިރު ގައުމީ ޓީމުގައި މިވަގުތު ތިބި ކީޕަރުންގެ ތެރެއިން އެެންމެ ރަނގަޅު ލެވަލެއްގައި ހުރި ކީޕަރަކީ މިހުރީ ނާޖީ. މިހާރު އެއިން ލެވަލް މެދުކަނޑާނުލާ ނާޖީ އަށް ފުރުސަތު ދޭންވީ. އެއީ ގައުމީ ޓީމުގައި އެބަޖެހޭ ފައިސަލްގެ ރިޕްލޭސްމަންޓެއް ވެސް ހޯދަން. އެގޮތަށް ބަލާއިރު ވެސް މިވަގުތު ނާޖީ އަށް ފުރުސަތު ދޭންވީ،" ފުޓްބޯޅައިގެ ތަޖުރިބާކާރު ބުންޏެވެ.

ނިއު ރޭޑިއަންޓްގެ ޔޫތު ޓީމުގައި ހިމެނުނު، ނާޖީގެ ފުރަތަމަ ގޯލްކީޕަރު ޓްރެއިނަރަކީ ކުރިން ނިއުގައި މަސައްކަތް ކުރި ހަސަން ހަމީދު (ޑަކޭ) އެވެ. ކޮލިފައިންގައި ޒުވާން ޓީމުގެ ގޯލްކީޕިން ކޯޗެއްގެ ގޮތުގައި އޭނާ ވެސް ބަހްރޭނަށް ޓީމާ އެކު ދިޔަ އެވެ.

ކިރިގިސްތާންގެ ކީޕަރު ރުސްލާން އަމީރޯވްއާ އެކު މިދިޔަ ސީޒަނާ ކުރިމަތިލި ޔުނައިޓެޑް ވިކްޓަރީގެ ޓީމުން، ނާޖީ އަށް މިދިޔަ ސީޒަންގައި ފުރަތަމަ ފަހަރަށް މެޗަކުން ފުރުސަތު ދިނީ، ލީގުގެ ދެ ވަނަ ބުރުގައި، ކްލަބު އީގަލްސް އާ ދެކޮޅަށް ކުޅުނު މެޗުންނެވެ. ނާޖީގެ ފަރާތުން ފެނުނު ކުޅުމާ އެކު ޑިސެމްބަރު މަހު ފަށާ އާ ސީޒަނަށް ޔޫވީ އަށް ބިދޭސީ ކީޕަރަކު ނުގެންނަން އޮތީ ނިންމައިފަ އެވެ.

ލަންކާ މުބާރާތަށް ކީޕަރުގެ ގޮތުގައި ދިޔައީ ނާޖީގެ އިތުރުން 19 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކީޕަރު ޔޫސުފް މީސަމް އަބްދުﷲ އާއި ލަންކާ މެޗުގައި ފައިސަލް އަށް އަނިޔާވެގެން ބަދަލުގައި ކުޅެން އެރި ތަޖުރިބާކާރު ކީޕަރު މުހައްމަދު ޝަފީއު (ޗެކް) އެެވެ. ޒުވާން ކީޕަރު މީސަމް ސީނިއާ ޓީމުގައި ހިމެނިގެންދާ ފުރަތަމަ މުބާރާތަކަށް މިފަހަރުގެ މުބާރާތް ވާނެ އެވެ. ފައިނަލުގެ ކުރިން ކޮންމެ ޓީމެއް ތިން މެޗު ކުޅޭނެ އެވެ. އޭގެ ތެރެއިން އެއް މެޗުގައި ކީޕަރު މީސަމް އަށް ފުރުސަތު ދިނުމަކީ ވެސް ކުރެވިދާނެ ކަމެކެވެ.

3 ކޮމެންޓް, 18 ރިއެކްޝަންސް

icon happy icon happy 33%
icon sad icon sad 6%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 61%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޢެދުރުބެ

07 November 2021

ފައިސަލް ގެ ބަދަލުގަ ޗެކް ކީޕަރަކައް ލައިގެން އިންޑިޢާ މެޗް ގަ ކުޅުން ނަމަ އެ މެޗުން މޮޅުވެ ފައިނަލް ވެސް ރާއްޖެ ޓީމް ކުޅުނީސް

The name is already taken The name is available. Register?

ނަގިއްޔާ

06 November 2021

ގައުމީޓީމުގެ ކީޕަރު ފައިސަލްގެ ރިކަވަރީ ލަސްވުމުގެ ޒިންމާ ނަގަންޖެހޭނީ ސުޒޭނު. އޭނަ ރަގަޅަށް ފިޓްނުވަނީސް އޭނަ ލައްވާކުޅުވީ ސުޒޭނު، އެކަމުގެ ސަބަބުން ވީގޮތްބަލާ! ދެކޮޅުންވެސް ލިބުނީ ގެއްލުން. އިންޑިއާ މެޗުގައި ތަފާތު ބޮޑުކޮށް ބަލިވީ، އޭގެ އިތުރަށް މިހާރު ރިކަވަރީވެސް ލަސްވީ. ސުޒޭނު ކަހަލަ ތަޖުރިބާކާރު ކޯޗަކު މިކަހަލަ ޅައެއްޗެ އެޅުމަކީ މައްސަލައެއް. މީހާ ވާހަކަ ދައްކާއިރު ހީވަނީ މަޝްހޫރު މޮރީނިއޯއަކީ ސުޒޭނުގެ އެސިސްޓެންޓްހެން، ނޭގޭ އެއްޗެއްނެތް!

The name is already taken The name is available. Register?

ޝޯމޭން

06 November 2021

ވަރަށް ރަނގަޅު ނިންމުމެއް. ނާޖީގެ ކުޅުން ވަރަށް ސަޅި. ހާއްސަ ހާލަތެއް ދިމާނުވިޔަސް އެއް ފެންވަރެއްގަ ކުޅެވޭ ވަރުގެ 2 ކީޕަރުން މަދުވެގެން ތިބެންވާނެ ޤައުމީޓީމެއްގަ ވެއްޖެއްޔާ ކަމެއްނުވިޔަސް އެކިފަހަރު މަތިން ފުރަތަމަ 11ގަ ހިމެނޭ ގޮތައް. ޤައުމީ ޓީމަށް ކާމިޔާބީ އަށް އެދެން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454