ކުޅިވަރު / ޓްވެންޓީ 20 ކްރިކެޓް ވޯލްޑް ކަޕް

ޕާކިސްތާނަށް ގުރޫޕްގެ އެއްވަނަ، އިންޑިއާ ކަޓައިފި

އިންޑިއާއަށް ބާކީ އެއް މެޗު އޮއްވައި މުބާރާތުން ކެޓިއިރު، ޕާކިސްތާނުން ސެމީ ފައިނަލަށް ދަތުރުކުރީ ކުޅުނު ހުރިހާ މެޗެއް ކާމިޔާބު ކޮށްގެން

ގުރޫޕް ސްޓޭޖުގައި އިންޑިއާ އާއި ޕާކިސްތާން ބައްދަލުކުރި މެޗަށް ފަހު. މި މެޗް ސީދާ 10 ވިކެޓުން ޕާކިސްތާން ކާމިޔާބު ކުރި.-- ފޮޓޯ: އޭޕީ

އަބޫދާބީ (ނޮވެމްބަރު 7) - އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލް (އައިސީސީ) އިން ކުރިޔަށް ގެންދާ ޓީ20 ކްރިކެޓް ވޯލްޑް ކަޕްގައި، އިންޑިއާ ހިމެނޭ ގަދަ 12 ޓީމު ވާދަކުރާ ގުރޫޕް 2 ގައި މިއަދު ނިއުޒިލެންޑުން އަފްގާނިސްތާން ބަލި ކުރުމާ އެކު، ބާކީ އެއް މެޗު އޮއްވައި އިންޑިއާ މުބާރާތުން ކަޓައިފި އެވެ.

އަފްގާނިސްތާނުން މިއަދުގެ މެޗުގައި ނިއުޒިލެންޑް ބަލިކުރި ނަމަ، ސެމީގެ ޖާގައެއް މި ގުރޫޕުން ކަށަވަރު ކުރާނެ ޓީމެއް ޔަގީން ވާނީ މާދަމާރޭ އިންޑިއާ އާއި ނަމްބިއާ ބައްދަލުކުރާ ގުރޫޕް ސްޓޭޖު ފަހު މެޗަށް ފަހު އެވެ. ނަމަވެސް ނިއުޒިލެންޑުން ވަނީ ފަސޭހަކަމާ އެކު އަށް ވިކެޓުން އަފްގާނިސްތާން ބަލިކޮށް، ސެމީގެ ޖާގަ ޔަގީން ކޮށްފަ އެވެ.

މި ގުރޫޕުގައި ހިމެނޭ ޕާކިސްތާން ވަނީ މިދިޔަ އަންގާރަ ދުވަހުގެ ރޭ ސެމީގެ ޖާގަ ޔަގީން ކޮށްފަ އެވެ. އަދި މިރޭ، ޕާކިސްތާނުން ގުރޫޕް ސްޓޭޖުގައި ކުޅުނު ފަހު މެޗު ވެސް ކާމިޔާބު ކޮށްގެން އެ ޓީމު ވަނީ ސައްތައިން ސައްތަ ރެކޯޑަކާ އެކު ގުރޫޕުގެ އެއްވަނަ ކަށަވަރު ކޮށްފަ އެވެ. ޕާކިސްތާން ކުޅުނު ފަސް މެޗް ވެސް ކާމިޔާބު ކޮށްގެން 10 ޕޮއިންޓް ހޯދިއިރު، ނިއުޒިލެންޑަށް ލިބެނީ އަށް ޕޮއިންޓެވެ.

ނިއުޒިލެންޑާއި އަފްގާނިސްތާން ބައްދަލުކުރި މެޗުގެ ތެރެއިން.-- ފޮޓޯ: އޭޕީ

މުބާރާތުގައި އިންޑިއާގެ ފެށުން ދިޔައީ ހީކުރިވަރަށް ވުރެ ދަށް ކޮށެވެ. އެ ޓީމު އޮތީ ދެ މެޗު ކާމިޔާބު ކޮށް، ދެ މެޗުން ބަލިވެގެން ހަތަރު ޕޮއިންޓާ އެކު ތިން ވަނައިގަ އެވެ. ފުރަތަމަ މެޗުގައި ޕާކިސްތާނުން ފަސޭހަ ކަމާއެކު ސީދާ 10 ވިކެޓުން އިންޑިއާ ބަލިކުރި އެވެ. ދެވަނަ މެޗުގައި ނިއުޒިލެންޑް އަތުން އިންޑިއާ ބަލިވީ އަށް ވިކެޓުންނެވެ. ނަމަވެސް ފަހުން ކުޅުނު ދެ މެޗުން ވެސް އިންޑިއާ ވަނީ އަފްގާނިސްތާނާއި ސްކޮޓްލެންޑާ ވާދަކޮށް މޮޅުވެފަ އެވެ.

މިއަދުގެ މެޗުގައި އަފްގާނިސްތާނަށް ޓޮސް ދިމާވުމުން އެޓީމުން ނިންމީ ފުރަތަމަ ކުޅެން އަރާށެވެ. ފުރަތަމަ ކުޅެން އަރައި 20 އޯވަރުން އަށް ކުޅުންތެރިން ނުބައިވެގެން އެޓީމަށް ހެދުނީ 124 ލަނޑެވެ. އަފްގާނިސްތާނުން އެންމެ ރަނގަޅަށް ކުޅުނު ނަޖީބުﷲ ޒަދްރާން ވަނީ 48 ބޯޅައިން 73 ލަނޑު ހަދައިފަ އެވެ.

ނިއުޒިލެންޑުން މެޗް ކާމިޔާބުކުރީ، ޖަވާބުގައި ކުޅެން އަރައި 18.1 އޯވަރު ތެރޭގައި ދެ ކުޅުންތެރިން ނުބައިވެގެން 125 ލަނޑު ހަދައިގެންނެވެ. ނިއުޒިލެންޑުންް އެންމެ ރަނގަޅަށް ކުޅެފައި ވަނީ، ނުބައި ނުވެ 42 ބޯޅައިން 40 ލަނޑު ހެދި ކެޕްޓަން ކޭން ވިލިއަމްސަން އެވެ. މި އިނިންސްގައި އަފްގާނިސްތާނުގެ ރާޝިދު ޚާން، 23، ވަނީ ނިއުޒިލެންޑްގެ އޯޕަނިން ބެޓްސްމަން މާޓިން ގުޕްޓިލް ނުބައިކޮށް، ޓީ20 ކްރިކެޓުގައި އޭނާގެ 400 ވަނަ ވިކެޓު ހަމަކޮށްފަ އެވެ.

ޕާކިސްތާނާއި ސްކޮޓްލެންޑް މިރޭ ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: އޭއެފްޕީ

ޕާކިސްތާނުން ގުރޫޕުގެ އެއްވަނަ ހޯދީ މިރޭ ސްކޮޓްލެންޑާ ވާދަކޮށް 72 ލަނޑުން ކާމިޔާބު ކޮށްގެންނެވެ. ޕާކިސްތާނަށް ޓޮސް ދިމާވުމުން ވަނީ ފުރަތަމަ ކުޅެން އަރައި 20 އޯވަރުތެރޭ ހަތަރު ކުޅުންތެރިން ނުބައިވެގެން 189 ލަނޑު ހަމަކޮށްފަ އެވެ. އެންމެ ރަނގަޅަށް ކުޅުނީ 47 ބޯޅަިއން 66 ލަނޑު ހެދި ކެޕްޓަން ބާބާ އަޒާމް އެވެ. މީގެ އިތުރުން ޝުއައިބް މަލިކް ވެސް ވަނީ ނުބައި ނުވެ، 18 ބޯޅައިން 54 ލަނޑު ހަދައިފަ އެވެ. އޭނާ ވަނީ މެޗުގައި ހަ ބޯޅައެއް ހަޔަކަށް ޖަހައިފަ އެވެ.

ޖަވާބުގައި ކުޅެން އަރައި ހަ ކުޅުންތެރިން ނުބައިވެގެން ސްކޮޓްލެންޑަށް ހަމަކުރެވުނީ 117 ލަނޑެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ، ނުބައި ނުވެ 37 ބޯޅައިން 54 ލަނޑު ހެދި ރިޗީ ބެރިންގްޓަން އެވެ.

މުބާރާތުގެ ސެމީފައިނަލުގެ ފުރަތަމަ މެޗުގައި އަންނަ ބުދަ ދުވަހު އިންގްލެންޑާއި ނިއުޒިލެންޑު ބައްދަލު ކުރާއިރު، ދެވަނަ މެޗުގައި ބުރާސްފަތި ދުވަހު ބައްދަލުކުރާނީ ޕާކިސްތާނާއި އޮސްޓްރޭލިއާ އެވެ.

1 ކޮމެންޓް, 12 ރިއެކްޝަންސް

icon happy icon happy 83%
icon sad icon sad 8%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 8%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބަބްޖީ ކުމާރު

07 November 2021

ހަހަަހަ، އިންޑިޔާ އައުޓްވެއްޖެ . ވަރަށް ކަޑަވާނެ ވާދަވެރި ޕާކިސްތާން ސާފުރެކޯޑަކާއެކު ތަށި ގެންދާތަން ފެނުމުން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454