ނާބާހާ: ކުޅުނު ފައިނަލެއްގައި ކާމިޔާބު ހޯދުމަށް ފަހު އުފާފާޅު ކުރަނީ --- ފޮޓޯ: ނިޝާން އަލީ | މިހާރު
15 ނޮވެމްބަރ 2021 - 05:59
ރޭ ނިމުނު 47 ވަނަ ގައުމީ ބެޑްމިންޓަން މުބާރާތުގައި ފާތިމަތު ނަބާހާ އަބްދުއްރައްޒާގް ވާދަކުރި ހުރިހާ ފައިނަލެއް ކާމިޔާބުކޮށް، މި އަހަރުގެ މުބާރާތުގައި ވެސް ތިން ތަށި އުފުލާލައިފި އެވެ.
އެންމެ ފަހުން 2019 ގައި ބޭއްވި ގައުމީ މުބާރާތުގައި ވެސް ނަބާހާ ވަނީ އޭނާ ވާދަކުރި ތިން ފައިނަލް ކާމިޔާބު ކޮށްފަ އެވެ. އޭގެ ތެރެއިން ސިންގަލްސް ފައިނަލް އެންމެ ހާއްސަ ވީ ނަބާހާއާ އެއްމާބަނޑު އާމިނަތު ނަބީހާ އަބްދުއްރައްޒާގާ ދެކޮޅަށް ކުޅެން ޖެހުމުންނެވެ. އެ ފަހަރު އޭނާ ވަނީ 21-19، 17-21، 21-14 އިން ނަބީހާގެ މައްޗަށް ކާމިޔާބު ހޯދައިފަ އެވެ.
ރޭގެ ޑަބަލްސް ފައިނަލްގައި ނަބާހާ އާއި ނަބީހާ އެކުގައި ކުޅެ ބަލި ކުރީ އާމިނަތު ޝަހުރުނާޒް މޫސާ އާއި މައިސާ ފަތުހުﷲ އިސްމާއީލްގެ ޕެއާ އެވެ. ނަބީހާ އާއި ނަބާހާ ސެޓްތައް ގެންދިޔައީ 21-12 އަދި 21-19 އިންނެވެ.
މިކްސް ޑަބަލްސް ފައިނަލުގައި ނާބާހާ އާއި ޒަޔާން ޒަކީ ނުކުތީ މުހައްމަދު ހިޝާމާއި މައިސާ ފަތުހުﷲގެ ޕެއާ އާ ދެކޮޅަށެވެ. ނާބާހާ އާއި ޒަޔާންގެ ޕެއާ މެޗު ކާމިޔާބުކުރީ 21-14 އަދި 21-9 އިންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy