ކުޅިވަރު / ސްޓީވެން ޖެރާޑް

ދެވަނަ މެޗުން ވެސް މޮޅުވެ، ޖެރާޑް އެސްޓަން ވިލާގެ ތާރީހުގެ ތެރެއަށް

ލަންޑަން (ނޮވެމްބަރު 28) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އެސްޓަން ވިލާ އިން ރަށުން ބޭރުގައި 2-1 އިން ކްރިސްޓަލް ޕެލަސް ބަލިކުރި މެޗާ އެކު، ސްޓީވަން ޖެރާޑް ކުލަބުގެ ތާރީހުން ޖާގަ ހޯދައިފި އެވެ.

ޖެރާޑްވެފައި ވަނީ އެސްޓަން ވިލާއާ އެކު ޕްރިމިއާ ލީގު ފުރަތަމަ ދެ މެޗު ކާމިޔާބުކުރި ދެވަނަ ކޯޗަށެވެ. ޖެރާޑުގެ ފުރަތަމަ މެޗުގައި ވިލާ ވަނީ އަމިއްލަ ދަނޑުގައި، ފޯމުގައި އޮތް ބްރައިޓަން ބަލި ކޮށްފަ އެވެ.

މީގެ ކުރިން ވިލާއާ އަލަށް ހަވާލުވެ، ލީގު ފުރަތަމަ ދެ މެޗުން މޮޅުކޮށްދިނީ 1998 ވަނަ އަހަރު ޖެނުއަރީގައި އެޓީމާ ހަވާލުވި ކޯޗު ޖޯން ގްރެގޮރީ އެވެ. އޭނާއާ އެކު ލީގުގެ ފުރަތަމަ ކުރިމަތިލުމުގައި އަމިއްލަ ދަނޑުގައި ލިވަޕޫލް ބަލިކުރިއިރު، ދެވަނަ މެޗުގައި ރަށުން ބޭރުގައި ބަލިކުރީ ޗެލްސީ އެވެ.

ވިލާގެ ފުރަތަމަ ލަނޑު މެޗުގެ 15 ވަނަ މިނިޓުގައި އޭޝްލީ ޔަންގް ނަގައިދިން ކޯނަރަކުން ޖަހައިދިނީ ފުލްބެކް މެތިއު ޓާގެޓް އެވެ. ފުރިހަމަ ވަގުތު ހަމަވާން ހަތަރު މިނިޓަށްވެފައި ވަނިކޮށް މިޑްފީލްޑަރު ޖޯން މެގިން އިތުރު ލަނޑެއް ޖަހައިދީ ލީޑު ފުޅާ ކޮށްދިންއިރު، ޕެޓްރިކް ވިއޭރާގެ އިރުޝާދުގެ ދަށުން ކުޅުނު ކްރިސްޓަލް ޕެލަސްގެ ހަމައެކަނި ލަނޑު މެޗުގެ އިތުރު ވަގުތުގައި ޖެހީ ޑިފެންޑަރު މާކް ގޭހީ އެވެ.

މެޗަށް ފަހު ޖެރާޑް ބުނީ، ދެ މެޗުން ވެސް މޮޅުވުމުން އުފާވާ ކަމަށާއި، ޓީމުގެ ކުރިއެރުމަށް އަދިވެސް އިތުރު މަސައްކަތްތައް ކުރަން ޖެހޭ ކަމަށެވެ.

މިއީ އެސްޓަން ވިލާ މިސީޒަނުގައި ރަށުން ބޭރުގައި ލީގުގައި މޮޅުވި ދެވަނަ މެޗެވެ. މިދިޔަ ސެޕްޓެމްބަރު މަހު ވިލާއިން ރަށުން ބޭރުގައި މެންޗެސްޓާ ޔުނައިޓެޑް 1-0 އިން ބަލިކުރި މެޗަށް ފަހު ވިދިވިދިގެން ފަސް މެޗުން ބަލިވުމުން، ޖެރާޑް ގެނައީ އޭރު ކޯޗަކަށް ހުރި ޑީން ސްމިތު މަގާމުން ދުރުކޮށްފަ އެވެ.

އެސްޓަން ވިލާ ވަނީ 10 ވަނައިގައި އޮތް ޕެލަސްއާ އެއްވަރަށް 16 ޕޮއިންޓް ހަމަކޮށްފަ އެވެ. ލީގުގައި ވިލާ އެންމެ އަވަހަށް ދެން ކުޅޭނީ އަންނަ ޑިސެމްބަރު 1 ވަނަ ދުވަހު މެންޗެސްޓާ ސިޓީއާ ދެކޮޅަށް އަމިއްލަ ދަނޑުގަ އެވެ.

ރޭ ޕްރިމިއާ ލީގުގައި ލިވަޕޫލާއި އާސެނަލް ވެސް ވަނީ ކުޅުނު މެޗުތަކުން މޮޅު ވެފަ އެވެ. ލިވަޕޫލުން ސައުތެމްޓަންއާ ވާދަކޮށް 4-0 އިން މެޗު ކާމިޔާބު ކުރިއިރު، އެޓީމުޖެ ޑިއޯގޯ ޖޮޓާ ވަނީ ދެ ލަނޑު ޖަހައިފަ އެވެ. ލިވަޕޫލްގެ އަނެއް ދެ ގޯލު ޖެހީ ތިއާގޯ އަލްކަންތާރާ އާއި ވާޖިލް ވެން ޑައިކެވެ.

މިއީ މިދިޔަ ސީޒަނުގައި ލީގު ފުރަތަމަ މެޗުގައި ލަނޑު ޖެހި ފަހުން ވެން ޑައިކު ޖެހި ފުރަތަމަ ލަނޑެވެ. މިދިޔަ ސީޒަނުގެ ލީގުގައި ކުޅުނު ފަސްވަނަ މެޗުގައި އޭނާއަށް ސީޒަން ނިމުނީ، އެޓީމުގެ ހަތުރުން ކަމަށްވާ އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗުގެ ހަވަނަ މިނިޓުގައި އެވަޓަންގެ ގޯލްކީޕަރު ޖޯޑަން ޕިކްފޯޑު ކުރި ނުރައްކާތެރި ފައުލަކުންނެވެ.

އާސެނަލް އިން ނިއުކާސަލް ޔުނައިޓެޑް 2-0 އިން ބަލިކުރި މެޗުގައި ލަނޑުތައް ޖަހައިދިނީ ބުޔަކޯ ސަކާ އާއި ގަބްރިއެލް މާޓިނެލީ އެވެ.

ވުލްވްސް އާއި ނޯވިޗް ބައްދަލުކުރި މެޗު ލަނޑެއް ނުޖެހި އެއްވަރު ވެގެން ނިމުނުއިރު، ބްރައިޓަން އާއި ލީޑްސް ޔުނައިޓެޑު ކުޅުނު މެޗު ވެސް ނިމުނީ ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ.

0 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 100%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454