ސަސްގެ އަތީގު، އީގަލްސްހެ ރާއިފް ކައިރިން ބޯޅަ ހޯދަން މަސައްކަތް ކުރަނީ.-- ފޮޓޯ: އެފްއޭއެމް
30 ޑިސެމްބަރ 2021 - 21:56
ޕްރެޒިޑެންޓްސް ކަޕް ފުޓުބޯޅަ މުބާރާތުގައި މިއަދު ހަވީރު ކްލަބް އީގަލްސް އިން ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާ ވާދަކޮށް 2-0 އިން ބަލިވެއްޖެ އެވެ.
މި ބައްޔާ އެކު އީގަލްސް އޮތީ ކުޅުނު ތިން މެޗުން ވެސް ޕޮއިންޓެއް ނުލިބި، މި ސީޒަނުގައި ލީގު އުސޫލުން ކުޅޭ ޕްރެޒިޑެންޓްސް ކަޕް ލީގު ތާވަލުގެ ފުލުގަ އެވެ. އެ ޓީމު ފުރަތަމަ މެޗުގައި ޓީސީ ސްޕޯޓްސް ކްލަބް އަތުން ބަލިވި އިރު ދެވަނަ މެޗުގައި ބަލިވީ މާޒިޔާ އަތުންނެވެ.
އީގަލްސް އޮތީ ހަ ޕޮއިންޓާ އެކު ތާވަލުގެ ހަތަރު ވަނައިގަ އެވެ. ފުރަތަމަ މެޗުގައި މާޒިޔާ އަތުން ބަލިވި ނަމަވެސް ސަސް ވަނީ ދެވަނަ މެޗުގައި ޓީސީ ސްޕޯޓްސް ބަލިކޮށްފަ އެވެ.
ސަސްގެ އައިހަމް ބޯޅަ ހިފައިގެން ކުރިޔަށް ދަނީ.-- ފޮޓޯ: އެފްއޭއެމް
ފުރަތަމަ ހާފުގައި އީގަލްސް އަށް ސަސްގެ ގޯލަށް ނުރައްކަލެއް ނުކުރެވެ އެވެ. އެހެން އޮއްވައި ސަސް އިން ލީޑު ނެގީ މެޗުގެ 34 ވަނަ މިނިޓުގަ އެވެ. އަހުމަދު ނަޝާހު (ނައްޓު)ގެ އެހީތެރިކަމާއެކު މި ލަނޑު ޖެހީ އިބްރާހިމް އަތީގް (އިއްބެ) އެވެ. މިއީ އިއްބެ މި މުބާރާތުގައި ޖެހި ތިންވަނަ ލަނޑެވެ.
ދެވަނަ ހާފު ފެށިގެން ތިންވަނަ މިނިޓުގައި ސަސް ގެ ދެވަނަ ލަނޑު ޖަހައިދިނީ ޔަސްފާދު ހަބީބު (މުލަކޭ) އެވެ. މިއީ މުލަކޭ މި ސީޒަނުގައި ސަސް އަށް ބަދަލުވެ، އެ ޓީމަށް ޖަހައިދިން ފުރަތަމަ ލަނޑެވެ.
މުލަކޭއަށް ލަނޑުޖަހަން ފުރުސަތު ތަނަވަސް ކޮށްދިނީ ދެވަނަ ހާފަށް ކުޅެން އެރި މުހައްމަދު ސަހާއު (ބޭލް) އެވެ. އީގަލްސްގެ ތިން ކުޅުންތެރިން ކައިރިން ނައްޓާފައި ބޭލް ދިން ބޯޅަ މުލަކޭ އަމާޒު ކޮށްލީ ގޯލުގެ މަތީ ކަނަށެވެ. މުލަކޭ އާއެކު ބޭލް ވެސް މިދިޔަ ސީޒަނުގައި ކުޅުނީ ދަ ގްރާންޑޭ ސްޕޯޓްސް ކުލަބަށެވެ.
ސަސް އިން ގޯލު ޖެހިތާ ތިން މިނިޓު ފަހުން އީގަލްސް އިން ވަނީ ފޯވާޑް އަހުމަދު ރިޒްވާން (ރިޒޭ) ކުޅެން އަރުވައިފަ އެވެ. މިއީ މިދިޔަ އަހަރު ލީގުގައި ވެލެންސިއާއާ ދެކޮޅަށް ކުޅުނު މެޗުގައި ރިޒޭގެ ކަކުލަށް އަނިޔާވެ، ސާޖަރީއަށް ފަހު ރަނގަޅު ވެގެން އޭނާ ކުޅުނު ފުރަތަމަ މެޗެވެ.
މުބާރާތުގައި މިރޭ ބައްދަލުކުރާނީ މާޒިޔާ އާއި ޓީސީ ސްޕޯޓްސް ކުލަބެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބިލް ކުލިންޓަން
30 December 2021
މިސަސޭކިޔާމިހުން ހާދަ ވަރުގަދަކޮށްފިއޭ.