ކުޅިވަރު / ޓޭބަލް ޓެނިސް

ބޮޑު ޓާގެޓްތަކަކާ އެކު ޓީޓީ ކޯޗު ކޮސްޓޯ އަލުން ގައުމީ ޓީމަށް

ގައުމީ ޓީޓީ ޓީމުގެ ކޯޗް، ގްރީސްގެ ކޮންސްޓަންޓީނޯސް ކޮސްޓޯޕޮލްސް (ކޮސްޓޯ) އެއް އަހަރު ދުވަހުގެ އެއްބަސްވުމަކަށް އޭނާ ވަނީ އަލުން ގައުމީ ޓީމަށް ހަމަޖައްސާފަ --- ފައިލް ފޮޓޯ: : އަހްމަދު އަވްޝަން އިލްޔާސް | މިހާރު

13 ޖެނުއަރީ 2022 - 11:23

1 comments

މި އަހަރު ރާއްޖޭގައި ބާއްވާ، ސައުތު އޭޝިއަން ޖޫނިއާ ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕުން ކާމިޔާބު ހޯދުމުގެ އަމާޒުގައި، ގައުމީ ޓީޓީ ޓީމުގެ ކޯޗަކަށް ގްރީސްގެ ކޮންސްޓަންޓީނޯސް ކޮސްޓޯޕޮލްސް (ކޮސްޓޯ) އަލުން ހަމަޖައްސައިފި އެވެ.

ގްރީސްގެ ޖުނީއާ ގައުމީ ޓީމުގެ ކުރީގެ ކޯޗު، ރާއްޖޭގެ ކޯޗުކަމާ އެންމެ ފުރަތަމަ ހަވާލުވީ މިދިޔަ އަހަރު އެވެ. އޭރު ހަ މަސް ދުވަހުގެ މުއްދަތަށް ކޯޗު ހަމަޖެއްސީ، މިދިޔަ އަހަރަށް ރާވާފައި ހުރި މުބާރާތްތަކަށް އަމާޒުކޮށްގެންނެވެ. އެކަމަކު ކޮވިޑް-19 އާ ގުޅިގެން މިދިޔަ އަހަރު އެ މުއްދަތުގައި ރާއްޖެ ބައިވެރިވާ އެއްވެސް މުބާރާތެއް ނުބާއްވަ އެވެ.

ޓީޓީއޭއެމްގެ ރައީސް، އަލީ ރަޝީދު ވިދާޅުވީ، ކޮސްޓޯއާ އެކު އަލުން އެއްބަސްވެފައި ވަނީ އެއް އަހަރުގެ މުއްދަތަށް ކަމަށެވެ.

"މި އަހަރު ރާއްޖެއިން ވާދަކުރާ ހުރިހާ މުބާރާތަކުން ކާމިޔާބު ހޯދަން ޓާގެޓެއްގެ ގޮތުގައި ކަނޑައެޅީ. ހާއްސަކޮށް މި އަހަރު ރާއްޖޭގައި ބާއްވާ ސައުތު އޭޝިއަން ޖޫނިއާ ޗެމްޕިއަންޝިޕުން ކާމިޔާބު ހޯދުން ހާއްސަގޮތެއްގައި ފާހަގަކޮށްފައި ވާނެ،" ކޮސްޓޯ އަށް ދިން ޓާގެޓްތަކާ ބެހޭ ގޮތުން އަލީ ވިދާޅުވި އެވެ.

ގައުމީ ކޯޗު ކަމަށް ކޮސްޓޯ ހަމަޖެއްސުމުގެ ކަންތައްތައް ހަމަޖައްސަވައި ދިނުމުން، އަލީ ވަނީ ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހްލޫފް އަށް ޝުކުރު އަދާކުރައްވައިފަ އެވެ.

ގައުމީ ޓީޓީ ޓީމުގެ ކޯޗް ކޮސްޓޯ (ވ) "މިހާރު" އަށް އިންޓަވިއު ދެނީ --- ފައިލް ފޮޓޯ: އަހްމަދު އަވްޝަން އިލްޔާސް | މިހާރު

"މިހާރު" އަށް ކުރިން ދީފައިވާ އިންޓަވިއުއެއްގައި ކޮސްޓޯ ބުނީ، ރާއްޖޭގެ ޓީޓީ އަށް އޭނާގެ ޝައުގުވެރިކަން އުފެދުނީ، ޗައިނާގައި އޮތް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޗެމްޕިއަން ދީމާގެ ކުޅުން ފެނިގެން ކަމަށެވެ. އަދި އެ ދަތުރުގައި އޭރު ރާއްޖޭގެ ކޯޗަކަށް ދިޔަ އިބްރާހިމް ޝިއުރީއާ އެކު ގިނަ ވަގުތުތަކެއް ހޭދަކޮށް ރާއްޖޭގެ ޓީޓީއާ ބެހޭގޮތުން މައުލޫމާތު އޮޅުންފިލުވަން ފުރުސަތު ލިބުނު ކަމަށް ކޮސްޓޯ ބުނެފައިވެ އެވެ. އޭރު ކޮސްޓޯ ކޯޗްކޮށްދިން ގްރީސްގެ ކުޅުންތެރިޔާ ބަލިވީ ދީމާ އަތުން އެކަންޏެވެ.

އިންޓަވިއުގައި އޭނާ ބުނެފައި ވަނީ ދިވެހި ކުޅުންތެރިންގެ ވިސްނުން ބަދަލުކޮށް، މަސައްކަތް ކޮށްފި ނަމަ ކާމިޔާބު ހޯދޭނެ ކަމަށެވެ.

"ވާރޭ ވެހުނީމަ ބައެއް ފަހަރު މާލޭގައި އުޅޭ ބައެއް ކުދިން ބުރަ ކަމެއްކަމަށް ދެކޭ ބްރިޖް ހުރަސް ކޮށްފައި ހުޅުމާލޭގައި ހުންނަ ޓީޓީ ޓްރޭނިން ސެންޓަރަށް ދާން. އެވިސްނުން ބަދަލު ކުރަންވީ. ކޮންމެ ދުވަހަކީ ޕްރެކްޓިހަށް ގަވާއިދުން ހާޒިރުވާ ދުވަހެއް ކަމުގައި ހަދަން ޖެހޭ،" ކޮސްޓޯ ބުނެފައިވެ އެވެ.

"ވެހިކަލެއްގައި 20 މިނިޓް ދުއްވާފައި ދިއުން ބުރަކަމަކަށް ނުވާންވީ. އެ ވިސްނުން ދޫކޮށްލަންވީ. އަބަދުވެސް ކާމިޔާބު ހޯދަން އެދިއެދި ތިބޭ އުތުލީޓުންތަކަކަށް ކުޅުންތެރިން ވާންވީ. އަހަރެން ކުޅުންތެރިންނަށް އެގޮތަށް އެބަ ވިސްނައިދެން."

ސައުތު އޭޝިއަން ޖޫނިއާ ޗެމްޕިއަންޝިޕް ރާއްޖޭގައި ބާއްވާނީ މާޗު މަހު އެވެ. އަދި މި އަހަރަކީ ރާއްޖޭގެ ޓުއަރިޒަމަށް 50 އަހަރު ފުރޭ އަހަރު ކަމަށްވުމުން، ޓޫރިޒަމް ގޯލްޑަން ޖުބުލީ ފާހަގަކުރުމަށް އިންޓަނޭޝަނަލް ޓީޓީ މުބާރާތެއް ރާއްޖޭގައި ބާއްވާ ގޮތަށް ވެސް ވަނީ ހަމަޖައްސައިފަ އެވެ.

އަލީ، ކުރިން ވިދާޅުވެފައި ވަނީ އެ މުބާރާތަށް އެހެން ސަރަހައްދުތަކުގެ ގައުމީ ޓީމުތަކަށް ވެސް ދައުވަތު ދޭނެ ކަމަށެވެ.

1 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މީސްމީޑިއާ.

13 January 2022

ހިވާވެލާނެ ތަނެއްގައި ޓީޓީ މޭޒެއް ބަގައްޓައިދީފިނަމަ ރަނގަޅު ޒުވާން ކުޅުންތެރިން އުފެދިދާނެ ކިތަންމެ ރަށެއް ރާއްޖޭގައި އެބައޮތް. އެކަމަކު ކ.އަތޮޅު މާލެ ނޫން ރަށެއްގައި އެއްވެސް ކަމެއް ނުކުރާތީ ދީމާ ފަދަ ޒުވާން ކުޅުންތެރިން ގިނަ އަދަދަކަށް ނުފެންނަނީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454