އުރީދޫގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން. އެކުންފުނީގެ އާންމު ހިއްސާދާރުންގެ ފަރާތުން ޑިރެކްޓަރުންގެ ބޯޑަށް އިންތިހާބު ކުރާ ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލުމުގެ މުއްދަތު ވަނީ އިތުރުކޮށްފައި--ފޮޓޯ:މިހާރު
22 ޖެނުއަރީ 2022 - 16:51
އުރީދޫގެ އާންމު ހިއްސާދާރުންގެ ފަރާތުން ޑިރެކްޓަރުންގެ ބޯޑަށް އިންތިހާބު ކުރާ ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި އެވެ.
މިދިޔަ މަހު އުރީދޫން ކުރި އިއުލާނުގައި ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލުމަށް މިމަހުގެ 19 އަށް ވަނީ ފުރުސަތު ހުޅުވައިލާފަ އެވެ. އެހެން ނަމަވެސް އެކުންފުނިން މިހާރު މިވަނީ އެ މުއްދަތުގެ މިމަހުގެ 27 އަށް އިތުރުކޮށްފަ އެވެ.
އާންމު ހިއްސާދާރުންގެ ފަރާތުން އިންތިހާބު ކުރާ ބޯޑު ޑިރެކްޓަރުކަމުގެ މަގާމަށް ކުރިމަތިލާ ފަރާތްތަކުން އުރީދޫގެ ހިއްސާދާރަކަށް ވާން ޖެހޭނެ އެވެ. އަދި ހިއްސާދާރުންގެ ތެރޭގައި ހިމެނޭ ގާނޫނީ ޝަހްސެއްގެ ފަރާތުން ހުށަހަޅާ ފަރާތަކަށްވާން ޖެހޭނެ އެވެ.
ކުންފުނީގެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުތަކާއި ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީން އާންމުކޮށްފައިވާ "ކޯޕަރޭޓް ގަވަނަންސް ކޯޑް" ގައި ބަޔާން ކޮށްފައިވާ ފެންވަރުތަކާއި ޝަރުތުތައް ހަމަވާ ފަރާތެއް ކަމުގައި ވެސް ވާން ޖެހޭނެ އެވެ.
އުރީދޫގެ ބޯޑުގައި ޖެންޑާ ޑައިވާސިޓީ ހިމެނުމަށް ބާރުއެޅުމުގެ ގޮތުން ބޯޑު ޑިރެކްޓަރު ކަމުގެ މަގާމަށް އަންހެން ބޭފުޅުން ކުރިމަތިލުމަކީ އެ ކުންފުނިން މަރުހަބާ ކިޔާ ކަމެކެވެ.
ބޯޑު ޑިރެކްޓަރުކަމަށް އެދި ހުށަހަޅާފައިވާ އެޕްލިކޭޝަން ފޯމުތައް، އުރީދޫގެ ނޮމިނޭޝަން އަދި ރެމިއުނަރޭޝަން ކޮމެޓީން ބަލައި، ޝޯޓް ލިސްޓު ކުރެވޭ ފަރާތްތައް އެ ކޮމެޓީން ޑިރެކްޓަރުންގެ ބޯޑަށް ހުށަހަޅާނެ އެވެ. އަދި 2022 ވަނަ އަހަރުގެ މާޗު މަހު ބޭއްވުމަށް ހަމަޖެހިފައިވާ އަހަރީ އާންމު ޖަލްސާގެ ނޯޓިސް އާއި އެޖެންޑާއާ އެކު، އާންމު ހިއްސާދާރުންގެ ފަރާތުން ބޯޑު ޑިރެކްޓަރެއްގެ ގޮތުގައި ބޯޑަށް އިންތިހާބު ކުރަން ޝަރުތު ހަމަވާ ފަރާތްތަކުގެ މައުލޫމާތު ޑިރެކްޓަރުންގެ ބޯޑުގެ ފަރާތުން ހިއްސާދާރުންނަށް އާންމުކޮށް އަންގައި 2022 ވަނަ އަހަރުގެ ފެބްރުއަރީ މަހު އިއުލާނު ކުރާނެ އެވެ.
އުރީދޫގެ އާންމު ހިއްސާދާރުގެ ގޮތުގައި ހޮވާ ފަރާތްތަކުން ދެ އަހަރު ވަންދެން އެ މަގާމުގައި ހުންނަން ޖެހޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުދުހޭ
22 January 2022
އަޅުގަނޑު ކިޔަވަން އުޅުން އިރު ކްލާހެއްގައި 30 ވަރަކަށް ކުދިން ތިބޭ. އެންމެންވެސް ތިބެނީ ބޯޑަށް ކުރިމަތިލައިގެން.