ކުޅިވަރު

އެފްރިކަން ކަޕް: ކެމަރޫން އާއި އަލަށް ވާދަކުރާ ގެމްބިއާ ކުއާޓަ އަށް

ގެމްބިއާ އިން ގިނީ ކޮޅަށް ލަނޑުޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ކެމަރޫން (ޖެނުއަރީ 25) - މި އަހަރުގެ އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ކުއާޓަ ފައިނަލުން، މުބާރާތުގައި އަލަށް ވާދަކުރާ ގެމްބިއާ އާއި ކެމަރޫން ޖާގަ ހޯދައިފި އެވެ.

ގެމްބިއާ އިން ގަދަ 16 ޓީމު ވާދަކުރާ ބުރުގައި، ގުރޫޕް ބީގެ ދެވަނަ ހޯދައިގެން ދެވަނަ ބުރަށް ދަތުރުކުރި، ގިނީއާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކުރީ 1-0 އިންނެވެ. ގެމްބިއާ އަކީ މުބާރާތުގައި ވާދަކުރާ ޓީމުތަކުގެ ތެރެއިން ފީފާ ރޭންކިންގެ އެނެމެ ދަށުގައި އޮތް ޓީމެވެ. އެޓީމު އޮތީ ދުނިޔޭގެ ރޭންކިންގެ 150 ވަނައިގަ އެވެ.

މުބާރާތަށް ގެމްބިއާ ކޮލިފައިވީ މީގެ ކުރިން އެފްރިކަން ކަޕް އޮފް ނޭޝަންގްސައި ގިނަ އަހަރުތަކަކު ވާދަކޮށް ރަނގަޅު ނަތީޖާތަކެއް ނެރެފައިވާ ގެބޮން އާއި ކޮންގޯ އަދި އެންގޯލާ ފަހަތަށް ޖައްސާލައި ކޮލިފައިން ގުރޫޕުގެ އެއްވަނަ ހޯދައިގެންނެވެ. އެ ގުރޫޕުގެ ދެވަނަ ހޯދައިގެން މުބާރާތަށް ކޮލިފައިވި ގެބޮން ވަނީ ބުރްކީނާ ފާސޯ އަތުން ބަލިވެ، ކުއާޓާ ފައިނަލަށް ނުގޮސް ކަޓައިފަ އެވެ.

ގެމްބިއާ އާއި ގިނީ ބައްދަލުކުރި މެޗުގެ ތެރެއިން.-- ފޮޓޯ: އޭއެފްޕީ

ގިނީގެ ކެޕްޓަން ލިވަޕޫލްގެ ނަބީ ކެއިޓާ އަށް ދެ ރީނދޫ ކާޑު ހަމަވެފައި ވާތީ ރޭގެ މެޗުގައި އޭނާއަށް ނުކުޅެވުނެވެ. މެޗުގައި ގެމްބިއާގެ ކަމައެކަނި ލަނޑު 71 ވަނަ މިނިޓުގައި ޖަހައިދިނީ އިޓަލީގެ އެޓަލާންޓާ އިން ސީނިއާ ކެރިއަރު ފަށައި، މިހާރު ބޮލޯނިއާ އަށް ކުޅެމުން އަންނަ ފޯވާޑް މޫސާ ބަރޯ، 23، އެވެ. ގިނީގެ ޑިފެންޑަރު އެޓީމަށް އެއްވަރު ކޮށްދޭން ލަނޑެއް ޖެހި ނަމަވެސް ރެފްރީ ވަނީ އޭނާ އޮފްސައިޑު ކަމަށް ނިންމައިފަ އެވެ.

ގެމްބިއާ އިން ލަނޑު ޖެހުމަށް ފަހު ކުޅެން އެރުވި ފޯވާޑް ޔޫސުފާ ޖިއޭ އަށް މެޗު ނިމެން ތިން މިނިޓަށް ވެފައި ވަނިކޮށް ދެވަނަ ރީނދޫ ކާޑަކާ އެކު ރަތް ކާޑެއް ދެއްކިއިރު، އިތުރު ވަގުތުގައި ގިނީގެ ޑިފެންޑަރު ކޮނާޓޭ އަށް ވެސް ވަނީ ދެ ރީނދޫ ކާޑާ އެކު ރަތް ކާޑެއް ދައްކައިފަ އެވެ.

ކުއާޓަ ފައިނަލުގައި ގެމްބިއާ ވާދަކުރާނީ މުބާރާތް ބާއްވާ ގައުމު ކަމަށްވާ ކެމަރޫންއާ ދެކޮޅަށެވެ. މިހާތަނަށް ފަސް ފަހަރު މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާ ކެމަރޫން ވަނީ ރޭ، ގެމްބިއާގެ އިތުރުން މި އަހަރު އަލަށް ވާދަކުރާ ކޮމޮރޯސްއާ ދެކޮޅަށް ކުޅެ 2-1 އިން މެޗު ކާމިޔާބުކޮށްފަ އެވެ.

ކެމަރޫންގެ ކެޕްޓަން ރޭގެ މެޗުގައި ލަނޑުޖެހުމަށް ފަހު.-- ފޮޓޯ: އޭއެފްޕީ

ކޮމޮރޯސް މުބާރާތަށް ކޮލިފައިވީ، ކޮލިފައިން ގުރޫޕުގައި ވާދަކުރި މިސްރު ޓީމުގެ ފަހަތުން ގުރޫޕްގެ ދެވަނަ ހޯދައިގެންނެވެ. އަދި އެޓީމު ވަނީ މޮރޮކޯ އާއި ގެބޮން އަދި ގާނާ ހިމެނުނު ގުރޫޕުން ގާނާ ކަޓުވާލައި ގުރޫޕުގެ ތިންވަނަ ޓީމުގެ ގޮތުގައި މުބާރާތުގެ ގަދަ 16 އިން ޖާގަ ހޯދައިފަ އެވެ.

ކެމަރޫންއާ ދެކޮޅަށް ކޮމޮރޯސް ނުކުތީ އެއްވެސް ކީޕަރެއް ނުލަ އެވެ. އެޓީމުގެ ގިނަ ކުޅުންތެރިންތަކެއް ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު އޭގެ ތެރޭގައި ދެ ގޯލްކީޕަރުން ވެސް ހިމެނެ އެވެ. އެންމެ ފަހުން ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި، ގާނާ ބަލިކުރި މެޗު، ސްޓާޓްކުރި ގޯލްކީޕަރު ވަނީ އަނިޔާ ވެގެން އެ މެޗުގެ ވަރަށް ކުރީކޮޅު ބަދަލުކޮށްފަ އެވެ. ރޭގެ މެޗުގައި ކޮމޮރޯސްގެ ގޯލު ބެލެހެއްޓީ އެޓީމުގެ ވާތު ބެކް ޗަކަރު އަލްހަދޫރު އެވެ.

ކޮމޮރޯސްގެ ގޯލު ރޭ ބެލެހެއްޓި ޑިފެންޑަރު އަލްހަދޫރު ބޮލުން ދިފާއު ކުރަނީ.-- ފޮޓޯ: އޭއެފްޕީ

މެޗުގެ ހަތްވަނަ މިނިޓުގައި ކޮމޮރޯސްގެ ކެޕްޓަން ޖިމީ އަބްދޯ އަށް ރަތްކާޑު ދެއްކުމުން، ބާކީ ބައި އެކަކު މަދުކޮށް ކުޅެން ޖެހުމުން ވެސް ކޮމޮރޯސް އިން ވަނީ ކެމަރޫންއާ ރަނގަޅު ވާދައެއް ކޮށްފަ އެވެ. އެޓީމުގެ ޑިފެންޑަރުން ވަނީ ކެމަރޫން އިން އުފައްދަން މަސައްކަތް ކުރި ގިނަ ހަމަލާތައް ގޯލާ އަމާޒުކޮށްލުމުގެ ކުރިން ދިފާއު ކޮށްފަ އެވެ. ގޯލުގައި ހުރި އަލްހަދޫރް ވެސް ވަނީ ގިނަ ވަގުތު ގޯލް ލައިން ދޫކޮށް، ފަހަތުގައި ވަރަށް ރަނގަޅަށް ސްވީޕަރެއްގެ ރޯލު އަދާ ކޮށްފަ އެވެ.

ކެމަރޫން އިން މެޗުގައި ލީޑު ނެގީ 29 ވަނަ މިނިޓުގައި ކެޕްޓަން ވިންސެންޓް އަބޫބަކާގެ އެހީތެރިކަމާ އެކު، ފްރާންސްގެ ލިޔޯން އަށް ކުޅޭ ފޯވާޑް ކާލް ޓޮކޯ އެކަމްބީ އެވެ. މި ލަނޑު ޖެހިތާ މާގިނައިރެއް ނުވެ ކޮމޮރޯސް އިން ވަނީ ނުރައްކާތެރި ދެ ހަމަލާއެއް ކެމަރޫންގެ ގޯލަށް ފޮނުވާލައިފަ އެވެ. ނަމަވެސް ނެދަލެންޑްސްގެ އަޔެކްސް އަށް ކުޅޭ ކީޕަރު އަންޑްރޭ އޮނާނާ ވަނީ ގާތްގާތުގައި ފޮނުވާލި ދެ ހަމަލާ ވެސް ހުޝިޔާރުކަމާ އެކު ދިފާއުކޮށްފަ އެވެ.

ކެމަރޫންގެ ދެވަނަ ލަނޑު 70 ވަނަ މިނިޓުގައި ޖަހައިދިނީ ކެޕްޓަން އަބޫބަކާ އެވެ. ކެމަރޫން އިން މުބާރާތުގައި މިހާތަނަށް ޖެހި ނުވަ ގޯލު ވެސް ޖަހައިފައި ވަނީ އަބޫބަކާ އާއި އެކަމްބީ އެވެ. މިހާތަނަށް ކުޅުނު ހަތަރު މެޗުގައި ވެސް ލަނޑު ޖެހި ކެޕްޓަން އަބޫބަކާ ރޭ ޖެހީ އޭނާ މި އަހަރުގެ މުބާރާތުގައި ޖެހި ހަވަނަ ލަނޑެވެ.

ކޮމޮރޯސްގެ ހަމައެކަނި ލަނޑު 81 ވަނަ މިނިޓުގައި، ލިބުނު ހިލޭޖެހުމަކުން ޖަހައިދިނީ ޔޫސުފް އެމްޗަންގަމާ އެވެ.

ކޮމޮރޯސް ކެމަރޫން ކޮޅަށް ލަނޑު ޖެހުމަށް ފަހު.-- ފޮޓޯ: އޭއެފްޕީ

ކެމަރޫންގެ ޕޯލް ބިޔާ ސްޓޭޑިއަމްގައި ކުޅުނު މި މެޗު ބަލަން ގިނަ އަދަދެއްގެ ސަޕޯޓަރުން ގަދަކަމުން ވަންނަން އުޅުމުގެ ތެރޭގައި ދަނޑު ބޭރުން ވަނީ ގިނަ ސަޕޯޓަރުންތަކެއް ފިތި ތާށިވެ، ނުރައްކާތެރި ހާދިސާއެއް ހިނގައިފަ އެވެ. އެތައް ބަޔަކަށް އަނިޔާވެ، އަށް މީހުން މަރުވެފައިވާ ކަމަށް ރިޕޯޓް ކޮށްފައިވެ އެވެ. އަދި މަރުވި މީހުންގެ ތެރޭގައި ކުޑަ ކުއްޖަކު ހިމެނޭ ކަމަށާއި، ގިނަ ކުޑަކުދިންތަކެއް ހޭނެތިފައިވާ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.

ގާތްގަނޑަކަށް 60،000 ސަޕޯޓަރުންގެ ޖާގައިގެ ސްޓޭޑިއަމްގައި ކޮވިޑުން ރައްކާރެތިވާން އަޅާފައިވާ ފިޔަވަޅުތަކުގެ ދަށުން ރޭގެ މެޗުގައި، ބެލުންތެރިންނަށް ބޭނުން ކުރެވޭނީ 80 ޕަސެންޓުގެ ޖާގަ އެވެ.

މުބާރާތުގެ ދެ މެޗެއް މިރޭ ވެސް ކުޅޭނެ އެވެ. ކުއާޓާ ފައިނަލުން ޖާގަ ހޯދަން މިރޭ ފުރަތަމަ މެޗުގައި ސެނެގާލް އާއި ކޭޕް ވާޑޭ ބައްދަލުކުރާއިރު، ދެވަނަ މެޗުގައި މޮރޮކޯ ނުކުންނާނީ މަލާވީއާ ދެކޮޅަށެވެ.

2 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 75%
icon sad icon sad 0%
icon angry icon angry 25%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރަދީފްއޮފިޝިއަލް

25 January 2022

ރާއްޖެ މުބާރާތްތަކުގަ ވާދަކުރާތާ ކިތައް އަހަރު!!.އަބަދުވެސް ކޮންމެވެސް މޮޅު ސްލޯގަންއެއް ޖަހައިގެން ދަނީ ޗޮކުން ދޯ.އެންމެ ފަހުން ވެސް މިއީ އަހަރުމެންގެ ފަހަރޭ ، 03 ފަހަރުން 2 ފަހަރު ކަށި ޖަހާ ފަހަރޭ ކޮމާންޑޭ ކިޔައިގެން ތެޅި ބާލަނިކޮށް ދިޔައީ ހުޅުނބު.ކިރިޔާ ކަރުތާފަތް ގަނޑުވެސް ސަލާމަތްވީ.ވ.ވެދުން

The name is already taken The name is available. Register?

ގަޅޮލުދަނޑުން

25 January 2022

މޮރޮކޯ މެޗް ބަލާނަން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454