ނަޑާލް ސެމީ ފައިނަލް މެޗު ކާމިޔާބު ކުރުމަށް ފަހު.-- ފޮޓޯ: އޭއެފްޕީ
29 ޖެނުއަރީ 2022 - 10:10
މެލްބަން (ޖެނުއަރީ 29) - އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގެ ފައިނަލުގައި ރަފައެލް ނަޑާލް އާއި ދުނިޔޭގެ ރޭންކިންގެ ދެވަނައިގައި އޮތް ރަޝިއާގެ ޑެނީލް މެޑްވެޑޭވްއާ ކުރިމަތިލާން ޖެހިއްޖެ އެވެ.
މުބާރާތުގެ ފައިނަލަށް ނަޑާލް ދިޔައީ އިއްޔެ ކުޅުނު ސެމީ ފައިނަލުގައި ހަތްވަނަ އަށް ސީޑް ކޮށްފައިވާ އިޓަލީގެ މަޓެއޯ ބެރެޓިނީ، 25، އާ ވާދަކޮށް 3-2 ސެޓުން މެޗު ކާމިޔާބު ކޮށްގެންނެވެ. ކުއާޓާ ފައިނަލުގައި ފްރާންސްގެ ގައެލް މޮންފިލްސް ބަލިކޮށް ސެމީއަށް ދަތުރުކުރި ބެރެޓިނީއާ ދެކޮޅަށް ކުޅެ ނަޑާލް ވަނީ ފުރަތަމަ ދެ ސެޓް 6-3، 6-2 އިން ކާމިޔާބު ކޮށްފަ އެވެ. ތިންވަނަ ސެޓް 3-6 އިން ބެރެޓިނީ ގެންދިޔަ ނަމަވެސް ނަޑާލް ވަނީ ހަތަރުވަނަ ސެޓް 6-3 އިން ކާމިޔާބުކޮށް ފައިނަލުގެ ޖާގަ ޔަގީން ކޮށްފަ އެވެ.
"މި މެޗުގެ (ސެމީ ފައިނަލުގެ) ފުރަތަމަ ދެ ސެޓަކީ ގިނަ ދުވަސްތަކަކަށް ފަހު އަހަރެންނަށް ވަރަށް ރަނގަޅަށް ކުޅެވުނު ދެ ސެޓް. އިދިކޮޅުން ކުޅުނީ ވަރަށް މޮޅު ކުޅުންތެރިޔެއް. ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިންގެ ތެރެއިން އެކެއް އެއީ (ބެރެޓިނީ). ރަނގަޅަށް ކުޅެވުމުން ވަރަށް ހިތްހަމަ ޖެހޭ،" މިދިޔަ އަހަރު އަނިޔާގެ ސަބަބުން ހަ މަސް ދުވަސް ކުޅުމާ ދުރުގައި ހުރި ނަޑާލް، 35، ބުންޏެވެ.
މި އަހަރުގެ އޮސްޓްރޭލިއަން އޯޕަން ފައިނަލް ވެގެންދާނީ، 2009 ވަނަ އަހަރު އޮސްޓްރޭލިއަން އޯޕަން ކާމިޔާބުކުރި ނަޑާލްގެ ކެރިއަރުގެ 29 ވަނަ ގްރޭންޑް ސްލޭމް ފައިނަލަށެވެ. ނަޑާލް އާއި ރޮޖާ ފެޑެރާ އަދި ނޯވަކް ޖޮކޮވިޗް ވަނީ 20 ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބު ކޮށްފަ އެވެ.
މެޑެވެޑޭވް ސެމީ ފައިނަލް މެޗަށް ފަހު.-- ފޮޓޯ: އޭއެފްޕީ
ރަޝިއާގެ ޑެނީލް މެޑްވެޑޭވް، 25، ފައިނަލުން އިއްޔެ ޖާގަ ހޯދީ ސެމީ ފައިނަލުގައި، ހަތަރު ވަނައަށް ސީޑް ކޮށްފައިވާ ގްރީސްގެ ސްޓެފަނޯސް ސިޓްސިޕާސް، 23، އާ ވާދަކޮށް 3-2 ސެޓުން މެޗު ކާމިޔާބު ކޮށްގެންނެވެ. އޭނާ ސެޓުތައް ގެންދިޔައީ، 7-6 (7-5)، 4-6، 6-4، 6-1 އިންނެވެ.
މި ފައިނަލް ވެގެންދާނީ މެޑްވެޑޭވްގެ ހަތަރުވަނަ ގްރޭންޑް ސްލޭމް ފައިނަލަށެވެ. އަދި މިއީ އޮސްޓްރޭލިއަން އޯޕަންގެ ފައިނަލަށް މެޑްވެޑޭވް ދަތުރުކުރި ފުރަތަމަ ފަހަރެވެ. މީގެ ކުރިން ދެ ފަހަރު ޔޫއެސް އޯޕަން ފައިނަލުގައި ވާދަކުރި މެޑްވެޑޭވް ވަނީ މިދިޔަ އަހަރުގެ ޔޫއެސް އޯޕަން ފައިނަލުގައި ޖޮކޮވިޗް ބަލިކޮށް، އޭނާ ފުރަތަމަ ފަހަރަށް ގްރޭންޑް ސްލޭމް މުބާރާތެއް ކާމިޔާބު ކޮށްފަ އެވެ.
ބާޓީ އަންހެން ސިންގަލްސް ސެމީ ފައިނަލުގައި ކުޅެނީ.-- ފޮޓޯ: އޭއެފްޕީ
މުބާރާތުގެ އަންހެން ސިންގަލްސް ފައިނަލަށް ހޮވުނީ އޮސްޓްރޭލިއާގެ އެޝްލިއޭ ބާޓީ، 25، އާއި އެމެރިކާގެ ޑެނިއޭލީ ކޮލިންސް، 28 އެވެ. ދުނިޔޭގެ އެއްވަނަ އަންހެން ޓެނިސް ކުޅުންތެރިޔާ ބާޓީ ފައިނަލަށް ދަތުރުކުރީ އެމެރިކާގެ މެޑިސަން ކީޒް އާ ވާދަކޮށް ސީދާ ދެ ސެޓުން ސެމީ ފައިނަލްގެ މެޗް ކާމިޔާބު ކޮށްގެންނެވެ. މިއީ އޭނާ އޮސްޓްރޭލިއަން އޯޕަން މުބާރާތުގެ ސިންގަލްސް ފައިނަލަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ.
ބާޓީއާ ދެކޮޅަށް ފައިނަލުގައި ވާދަކުރާ ޑެނިއޭލީ ކޮލިންސް ވަނީ ހަތްވަނައަށް ސީޑް ކުރެވުނު ޕޮލެންޑުގެ އިގާ ސްވިންޓެކް، 20، އާ ވާދަކޮށް ސީދާ ދެ ސެޓުން ސެމީ ފައިނަލް މެޗު ކާމިޔާބު ކޮށްފަ އެވެ. މިއީ ދުނިޔޭގެ ރޭންކިން 30 ވަނައިގައި އޮތް ކޮލިންސް ގްރޭންޑް ސްލޭމް މުބާރާތެއްގެ ފައިނަލަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ. އަންނަ ހަފްތާގެ އަންހެން ރޭންކިންގެ ގަދަ 10 އިން ކޮލިންސް އަށް ޖާގަ ޔަގީންވެފައިވާ އިރު، އޭނާ ވާނީ އެމެރިކާގެ އެއްވަނަ އަންހެން ޓެނިސް ކުޅުންތެރިޔާއަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy