ރަފޭލް ނަޑާލް މިއަހަރުގެ އޮސްޓްރޭލިއަން އޯޕަން މުބާރާތުގެ ތަށި ހިފައިގެން. --ފޮޓޯ:އޭއެފްޕީ
30 ޖެނުއަރީ 2022 - 19:54
މެލްބަން (ޖެނުއަރީ 30) - އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގެ ފައިނަލުގައި ދުނިޔޭގެ ދެވަނައިގައި ރޭންކްކޮށްފައިވާ ރަޝިއާގެ މެޑްވެޑޭވް ބަލިކޮށް ސްޕެއިންގެ ރަފައެލް ނަޑާލް 21 ވަނަ ގްރޭންޑް ސްލޭމް މުބާރާތް މިރޭ ކާމިޔާބު ކޮށްފި އެވެ.
މި ފައިނަލް ކާމިޔާބު ކޮށްގެން ނަޑާލް، 35، ވަނީ އެންމެ ގިނަ ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބުކުރި ކުޅުންތެރިޔާގެ ޝަރަފް ހޯދައިފަ އެވެ. މިއަދުގެ ފައިނަލްގެ ކުރިން ނަޑާލް އާއި ރޮޖާ ފެޑެރާ އަދި ނޯވަކް ޖޮކޮވިޗް ވެސް ވަނީ 20 ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބު ކޮށްފަ އެވެ. ނަމަވެސް މި ތިން ކުޅުންތެރިންގެ ތެރެއިން މި މުބާރާތުގައި ވާދަކުރީ ހަމައެކަނި ނަޑާލް އެވެ. ވިސާގެ މައްސަލައިގައި ޖޮކޮވިޗަށް މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ނުލިބުނުއިރު ފެޑެރާ ވާދަނުކުރަނީ އަނިޔާގެ ސަބަބުންނެވެ.
މީގެ ކުރިން އޮސްޓްރޭލިއަން އޯޕަން މުބާރާތް ނަޑާލް ކާމިޔާބުކުރީ 2009 ވަނަ އަހަރު އެވެ. މި އަހަރުގެ ފައިނަލަކީ އޭގެ ފަހުން ނަޑާލް މި މުބާރާތުގެ ފައިނަލުގައި ކުޅުނު ފަސްވަނަ ފަހަރެވެ. އޮސްޓްރޭލިއަން އޯޕަން ދެ ފަހަރު ހޯދުމާ އެކު ނަޑާލް ވަނީ ޓެނިސް ތާރީހުގައި ގްރޭންޑް ސްލޭމް ހަތަރު މުބާރާތް އެއް ފަހަރަށް ވުރެ ގިނަ ފަަހަރު ހޯދި ހަތަރު ކުޅުންތެރިންގެ ތެރޭގައި ވެސް ހިމެނިފަ އެވެ.
ނަޑާލް މިއަދުގެ ފައިނަލް މެޗް ކާމިޔާބު ކުރުމަށް ފަހު. --ފޮޓޯ:އޭއެފްޕީ
ފަޔަށް ދިމާވި އަނިޔާއަކާ ގުޅިގެން މިދިޔަ އަހަރުގެ ޔޫއެސް އޯޕަން ޓެނިސް މުބާރާތުގެ ކުރިން ސީޒަން ނިންމާލި ނަޑާލް މިއަދު ކުޅުނު ފައިނަލުގެ ފުރަތަމަ ސެޓުގެ ދެ ޕޮއިންޓް ހޯދާފައި ވަނިކޮށް މެޑްވެޑޭވް ވަނީ ނަޑާލް އަށް އިތުރު ފުރުސަތެއް ނުދީ 6-2 އިން ސެޓް ކާމިޔާބު ކޮށްފަ އެވެ.
ދެވަނަ ސެޓުގެ ފުރަތަމަ ޕޮއިންޓް ހޯދީ ވެސް މެޑްވެޑޭވް އެވެ. ނަމަވެސް ނަޑާލް ފަހަތުން އަރައި ލީޑު ނެގި އެވެ. ލީޑު ނެގި ޕޮއިންޓް ހޯދީ 40 ބޯޅައިގެ ދިގު ރެލީއަކަށް ފަހު އެވެ. އޭގެ ފަހުން ވާދަވެރި ކުޅުމަކަށް ފަހު މެޑްވެޑޭވް އެއްވަރުކޮށް އޭނާ ސެޓް ގެންދިޔައީ ޓައި ބްރޭކާ އިން ކުރި ހޯދައި، 7-6 (7-5) އިންނެވެ.
ފުރަތަމަ ދެ ސެޓު ގެއްލުމާ އެކު ޕްރެޝަރުގައި ތިންވަނަ ސެޓު ފެށި ނަޑާލް ވަނީ މި ސެޓުގައި މިސްޓޭކުތައް މަދުކޮށް 6-4 އިން ސެޓު ގެންގޮސްފަ އެވެ. ހަތަރުވަނަ ސެޓުގައި ވެސް ވަނީ ނަޑާލްގެ މާސްޓާ ކްލާސް ކުޅުން ތަކުރާރުކޮށް، އެ ސެޓް ވެސް 6-4 އިން ގެންގޮސްފަ އެވެ.
ފަހު ސެޓުގައި ނަޑާލް ފަސް ޕޮއިންޓް ނަގައިފައި ވަނިކޮށް މެޑްވެޑޭވް ވަނީ އޭނާގެ ކުޅުން ރަނގަޅުކޮށް ނަޑާލްއާ އެއްވަރު ވެސް ކޮށްފަ އެވެ. ނަމަވެސް 7-5 އިން ސެޓު ކާމިޔާބު ކޮށް ނަޑާލް ވަނީ އޭނާގެ 21 ވަނަ ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބު ކޮށްފަ އެވެ.
ނަޑާލް އާއި މެޑްވެޑޭވް.-- ފޮޓޯ: އޭއެފްޕީ
މި ކާމިޔާބީއާ އެކު ނަޑާލް ވެފައިވަނީ ޓެނިސްގެ އޯޕަން އެރާ (1968 ގެ ފަހުން) އޮސްޓްރޭލިއަން އޯޕަންގެ ފައިނަލުގައި ފުރަތަމަ ދެ ސެޓުން ބަލިވެގެން ފަހަތުން އަރައި ތިން ސެޓު ނަގައިގެން މުބާރާތް ކާމިޔާބުކުރި ހަމައެކަނި ކުޅުންތެރިޔާއަށެވެ. ފަސް ގަޑިއިރާއި 24 މިނިޓަށް ދެމިގެން ދިޔަ މިރޭގެ ފައިނަލް ކާމިޔާބު ކުރުމާ އެކު އޭނާ ވަނީ ކެރިއަރުގައި 90 އޭޓީޕީ ޓައިޓަލް ހަމަކޮށްފަ އެވެ.
ރަޝިއާގެ މެޑްވެޑޭވް، 25، ވަނީ މިދިޔަ އަހަރު ވެސް އޮސްޓްރޭލިއަން އޯޕަން ފައިނަލުގައި ވާދަކޮށްފަ އެވެ. ފައިނަލުގައި ޖޮކޮވިޗް އަތުން ބަލިވި ނަމަވެސް މިދިޔަ އަހަރުގެ އެންމެ ފަހު ގްރޭންޑް ސްލޭމް މުބާރާތް ކަމަށްވާ ޔޫއެސް އޯޕަން ފައިނަލުގައި އޭނާ ވަނީ ސީދާ ތިން ސެޓުން ޖޮކޮވިޗް ބަލިކޮށް، ފުރަތަމަ ފަހަރަށް ގްރޭންޑް ސްލޭމް މުބާރާތެއް ކާމިޔާބު ކޮށްފަ އެވެ.
މެޑްވެޑޭވް ވަނީ މެޗުގައި އޭނާ ސާވްކުރާ ވަގުތު ސްޓޭޑިއަމް އަށް މެޗުބަލަން އެއްވެ ތިބި 40،000 އެއްހާ ސަޕޯޓަރުންގެ އަޑު ގަދަވުމުން އުނދަގޫވާ ކަމަށް ބުނެ މެޗުގެ އަމްޕަޔަރު ގާތުގައި ތަކުރާރުކޮށް ޝަކުވާ ކޮށްފަ އެވެ.
އޮސްޓްރޭލިއާގެ އެޝްލިއޭ ބާޓީ
އޮސްޓްރޭލިއަން އޯޕަން އަންހެން ސިންގަލްސް ކާމިޔާބުކުރީ، އެމެރިކާގެ ޑެނިއޭލީ ކޮލިންސްއާ ވާދަކޮށް އޮސްޓްރޭލިއާގެ އެޝްލިއޭ ބާޓީ އެވެ. މިއީ ދުނިޔޭގެ އެއްވަނަ އަންހެން ޓެނިސް ކުޅުންތެރިޔާ ބާޓީ މި މުބާރާތުގެ ފައިނަލުން ވެސް ޖާގަ ހޯދި ފުރަތަމަ ފަހަރެވެ.
ކުޅުނު ހުރިހާ މެޗެއްގެ ހުރިހާ ސެޓެއް ވެސް ފަސޭހަކަމާ އެކު ކާމިޔާބުކޮށް ފައިނަލަށް ދަތުރުކުރި ބާޓީ އަށް އެންމެ ވާދަވެރި ސެޓަކަށްވީ ފައިނަލުގެ ފަހު ސެޓެވެ. ފައިނަލްގެ ސެޓްތައް ބާޓީ ގެންދިޔައީ 6-3، 7-6 (6-2) އިންނެވެ.
މިއީ 1978 ވަނަ އަހަރަށް ފަހު އޮސްޓްރޭލިއަން އޯޕަން އަންހެން ސިންގަލްސް ޗެމްޕިއަންކަން އެ ގައުމަށް އުފަން ކުޅުންތެރިޔަކު ހޯދި ފުރަތަމަ ފަަހަރެވެ. މީގެ 44 އަހަރު ކުރިން އެންމެ ފަހުން މުބާރާތް ކާމިޔާބުކުރި އޮސްޓްރޭލިއާގެ ކުޅުންތެރިޔަކީ ކްރިސްޓީން އޮނީލް އެވެ. އޭނާ ގެ ކެރިއަރުގެ ހަމައެކަނި ގްރޭންޑް ސްލޭމް މުބާރާތް އެ ފަހަރު ކާމިޔާބުކުރީ ވެސް އެމެރިކާ ކުޅުންތެރިއެއް ބަލިކޮށްގެންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖުހާނާ
30 January 2022
މި ލިޔުނު މީހާ ފުރަތަމަ ދަސްކުރަންވީ ޓެނިހުގައި ޕޮއިންޓަކީ ކޮބައިކަމާއި، ގޭމަކީ ކޮބައިކަން. 2 ޕޮއިންޓް، 5 ޕޮއިންޓޭޭ ލިޔެފައިއެވަނީ ގޭމަށް. ގޭމެއް ލިބެނީ އެތައް ޕޮއިންޓެއް ލިބިގެން. ގޭމްތަކެއް ލިބިގެން ސެޓެއް ލިބެނީ. ޢާންމު ގޮތެއްގައި ސެޓެއް ނިމޭނީ ސެޓް ކާމިޔާބުކުރާ މީހާއަށް މަދުވެގެން 6 ގޭމް ލިބިގެން. 6 ގޭމް ލިބޭއިރު އަނެއް ކުޅުންތެރިޔާއަށް ގިނަވެގެން ލިބެންޖެހޭނީ 4 ގޭމް. 2 ކުޅުންތެރިން 5-5 ގޭމުން އެއްވަރުވެއްޖެނަމަ އިތުރަށް ކުޅެންޖެހޭނެ.
ރަދީފްއޮފިޝިއަލް
31 January 2022
ސާބަހޭ ސިސްޓާ.ކުޅިވަރު އެއީ ކޯޗެއްކަމެއް ނޭނގި ލިޔަން އުޅުނީމަ ވާނީ ބޭޒާރު އެެހެން ނޫންތޯ..ވެދުން