ހޯމްސްޓޭގެ ވާހަކަ އާ އެކު އާސިމްގެ ދިރިއުޅުމަށް ވަނީ އުންމީދު ލިބިފައި. އޭނާ ދިރިއުޅެން ތައްޔާރުކުރި ގެ ދެން ބަދަލުވާނީ ހޯމްސްޓޭ ޓޫރިޒަމަށް. މަތީ ފެންވަރަށް ހަދާފައިވާ އެ ގެ އޭނާ ދޫކުރާނީ ރެއަކަށް 1200 ޑޮލަރަށް.
02 ފެބުރުއަރީ 2022 - 11:12
ޓޫރިޒަމްގެ ވިޔަފާރީގެ ތެރެއަށް ވަނުމަކީ ގއ. ގެމަނަފުށި ހިލިހިލާގޭ އާސިމް މުހައްމަދު ގިނަ ދުވަސްތަކެއް ވަންދެން ދެކެމުން އައި ހުވަފެނެކެވެ. ނަމަވެސް އެކި ސަބަބުތަކާހުރެ އޭނާ އަށް އެކަން ނުވެ އޮންނަތާ އެތައް އަހަރެއް ވެއްޖެ އެވެ. ރާއްޖޭގައި ހޯމް ސްޓޭ ޓޫރިޒަމް ރަސްމީކޮށް ފަށާނެ ކަމުގެ އަޑުތަކާ އެކު އޭނާގެ މި އުއްމީދު އަނެއްކާ ވެސް އާވެ، މި ފުރުސަތާ އެކު އޭނާ ވިސްނީ ރަށަށް ލަގްޒަރީ ހޯމްސްޓޭ ޓޫރިޒަމް ގެނައުމަށެވެ. އޭނާ ދިރިއުޅެން ތައްޔާރުކުރި ގެ ދެން ބަދަލުވާނީ ހޯމްސްޓޭ ޓޫރިޒަމަށެވެ.
ބޭރުން އާދައިގެ ގެއެއް ހެން ފެންނަން ހުރި ނަމަވެސް މިއީ ރިސޯޓުތަކުގައި ހުންނަ ޕްރައިވެޓް ބަންގްލޯ ފަދަ ގެއެކެވެ. އެގޮތުން 3،020 އަކަފޫޓުގެ މި ގެ ހުންނަނީ ޓޫރިސްޓުންނަށް ޕްރައިވެސީ ލިބޭ ސަރަހައްދެއްގައި ކަމަށް ވެފައި، އެ ތަނަށް ވަންނަ ކޮންމެ މީހަކަށް ވެސް ލަގްޒަރީކަން އިހުސާސް ކުރެވޭނެ އެވެ. އަދި ޓޫރިސްޓުންނަށް ބޭނުންވާނެ ހުރިހާ ހިދުމަތެއް މި ގެއިން ލިބެން ހުންނާނެ ކަމުގެ ޔަގީންކަން އާސިމް ދެ އެވެ. ދެ ބުރިއަށް ހަދާފއި ހުންނަ މި ގޭގައި ފަސް ކޮޓަރި ހުންނައިރު ބޮޑު ސިޓިން ރޫމަކާއި ލަގްޒަރީ ބަދިގެއެއް އަދި ލޯންޑްރީ އަށް ހާއްސަ ތަނެއް ހުރެ އެވެ. މިއީ ޓޫރިސްޓުންނަށް އަމިއްލަ ގެއެއްގެ ގޮތުގައި އުޅެވޭނެ ގޮތަށް ހަދާފައިވާ ގެއެކެވެ.
އާސިމް އޭނާގެ ގޭގެ ބޭރުގައި މަޑުކޮށްލައިގެން: މިގެއަކީ އޭނާ ވަރަށް ގިނަ ދުވަހުގެ ހުވަފެނެއް ކަމަށް ބުނި-- ފޮޓޯ: މިހާރު
ލަގްޒަރީ ޓޫރިޒަމަށް ހާއްސަ ކޮށްގެން ތައްޔާރު ކުރާ މި ގެ މުޅިން ހަދައި ނުނިމެވެ. ގޭގެ 95 ޕަސެންޓް މަސައްކަތް މިހާތަނަށް ނިމިފައިވާއިރު، ގެ އެއްކޮށް ނިންމައި މި މަހު އޮޕަރޭޝަން ފެށޭވަރު ވާނެ ކަމަށް އާސިމް ލަފާކުރެ އެވެ.
މި ގޭގެ ތިރީ ބުރި އެއްކޮށް ނިމިފައިވާއިރު ސިޓިން ރޫމުން އެކަނި ވެސް، އެ ގޭގެ ފެންވަރު އެނގެ އެވެ. ގެ ޒީނަތްތެރި ކޮށްފައި ވަނީ ޒަމާނީ އިންޓީރިއާ ޑިޒައިންތަކަށް ބަލައިގެންނެވެ. މި ގޭގެ ކޮޓަރިތައް ވެސް ހަދާފައި ވަނީ ދުނިޔޭގެ ބޮޑެތި ޓޫރިސްޓް ހޮޓާތަކުގެ ކޮޓަރިތަކާ އެއް ފެންވަރަށެވެ.
އާސިމްގެ ގޭގެ ސިޓިން ރޫމް: މުޅިގެ ހަދާފައި ވަނީ ލަގްޒަރީ އިހުސާސް ގެނުވައިދޭ ގޮތަށް-- ފޮޓޯ: މިހާރު
އާސިމް ބުނިގޮތުގައި އޭނާގެ މި ހުވަފެން ހަގީގަތަކަށް ވެގެން ދަނީ އޭނާގެ އަންހެނުން، އާމިނަތު ޝީނާގެ ވަރަށް ބޮޑު އެއްބާރުލުމަކާ އެކުގަ އެވެ. ގޭގެ ބޭރުގެ ޑިޒައިނުން ފެށިގެން އެތެރޭގެ ޑިޒައިނާއި ކޮޓަރިތަކާއި ގެއަށް ބޭނުންވާ ފަރުނީޗަރު އަދި ގޭގެ އެތެރެ ޒީނަތްތެރިކުރަން ބޭނުންވާ ހުރިހާ ސާމާނަކީ ވެސް އެ ދެމަފިރިންގެ ވިސްނުމާއި ޑިޒައިން އެވެ.
"އަޅުގަނޑާއި އަޅުގަނޑުގެ އަންހެނުންނާ ހިއްސާވެގެން މިކަން މިކުރަނީ. އަންހެނުންގެ ހިޔާލު ނެތި އެއްވެސް ކަމެއް ނުކުރަން. އިންޓީރިއާ ޑިޒައިންގައި ވެސް އަންހެނުންގެ ބޮޑު ހިއްސާއެއް އޮންނާނެ. މިތަނަށް ބޭނުންވާ ތަކެތި ވެސް ގަތީ އަޅުގަނޑުމެން ދެ މީހުން ޗައިނާ އަށް ގޮސް އަންހެނުން ތަކެތި ޗޫސްކޮށްގެން،" ރަށު ކައުންސިލްގައި ވަޒީފާ އަދާކުރާ އާސިމް ބުންޏެވެ.
އާސިމް އާއި އޭނާގެ އަންހެނުން، ދަރިފުޅާ އެކު: ހުވެފެން ހަގީގަތަކަށްވުމުގެ ޝުކުރު އޭނާ އަދާ ކުރީ އަންހެނުންނަށް--
މި ގެއަކީ އާސިމާއި އޭނާގެ އަންހެނުން ދެ މިލިއަން ރުފިޔާގެ ލޯނެއް ނަގައިގެން ހަދާ ގެއެކެވެ. ގެއަށް ދާ ހަރަދު ޓޫރިސްޓުން އަންނަން ފަށާތާ އަހަރެއްގެ ތެރޭގައި ރިކަވާ ކުރެވި، ފައިދާ ވާން ފަށާނެ ކަމަށް އާސިމް ލަފާ ކުރެ އެވެ. އޭނާ ނިންމާފައި ވަނީ މިގެ ރެއަކަށް 1200 ޑޮލަރު (18،504ރ.) އަށް ވިއްކުމަށެވެ. މިއީ ނިސްބަތުން ލަގްޒަރީ ބޮޑެތި ރިސޯޓްތަކުގައި ރޫމެއް ވިއްކާ އަގެވެ.
"ގާތްގަނޑަކަށް މިތަނަށް ހަރަދުވެފައި އެބަހުރި ދެ މިލިއަން ރުފިޔާ. އަޅުގަނޑުމެންނަށް ހޯމްސްޓޭ ފެށުނީމަ ގާތްގަނޑަކަށް އެއް އަހަރު ދުވަހުގެ ތެރޭގައި އަޅުގަނޑު އަތުން އެ ކުރެވުނު ހަރަދު އަޅުގަނޑަށް ލިބޭނެ،" އާސިމް ބުންޏެވެ.
ހޯމް ސްޓޭއަށް ހާއްސަ ކުރާ ގޭގެ ކޮޓަރި: ކޮޓަރި ވެސް ހަދާފައިވަނީ ބޮޑެތި ހޮޓަލްތަކުގެ ކޮޓަރިތަކުގެ ސްޓައިލަށް-- ފޮޓޯ: މިހާރު
"ފުރަތަމަ ވިސްނީ ވަކި ކޮޓަރިތައް ދެން. އެކަމަކު ގެ އެއްކޮށް ދެންޏާ ވާ ފައިދާ ވެސް ބޮޑުވާނެ. އެހެންވެ އަޅުގަނޑު ނިންމީ 1200 ޑޮލަރު ރެއަކަށް ހަދަން. އެ އަގުގައި މިތަން ވިއްކާލެވޭނެ ކަމުގެ ޔަގީންކަން އެބައޮތް."
އާސިމްގެ ގޭގެ ކޮޓަރިއެއްގެ ފާހާނާއެއް-- ފޮޓޯ: މިހާރު
ރާއްޖެއަށް އަންނަ ޓޫރިސްޓުން ރަށްތަކަށް ޒިޔާރަތް ކުރަނީ ރާއްޖޭގެ ސަގާފަތް އެންމެ ފުރިހަމަ ގޮތުގައި ތަޖުރިބާ ކުރަން ކަމަށްވާއިރު ގއ. ގެމަނަފުއްޓަކީ ކުރިއަށް އޮތްތަނުގައި ހޯމްސްޓޭގައި ވިދާލާނެ ރަށެއް ކަމަށް އާސިމް ގަބޫލު ކުރެއެވެ. އޭނާ ބުނީ އެ ރަށަކީ މެހެމާންދާރީގައި ނަމޫނާ ރަށަކަށްވާއިރު ޓޫރިސްޓުންނަށް ރައްކާތެރިކަން ވެސް އެންމެ ފުރިހަމައަށް އެ ރަށުން ލިބޭނެ ކަމަށެވެ. އަދި ގުދުރަތީ ރީތިކަން އެ ރަށާއި ރަށް ކައިރީ އޮންނަ ފަޅުރައްތަކުން ތަޖުރިބާ ކުރުމުގެ ފުރުސަތު ރަށަށް އަންނަ ޓޫރިސްޓުންނަށް ލިބޭނެ ކަމަށް އޭނާ ބުންޏެވެ.
"މި ރަށަކީ ގިނަބަޔަކު މިހާރު ވެސް ޒިޔާރަތް ކުރާ ރަށެއް. އެކަނި އުޅެން ވެސް އެހާ ރައްކާތެރިވާނެ މިރަށުގައި. ފިރިހެން ކުއްޖަކަސް އަންހެން ކުއްޖަކަސް ރަށުގައި އެކަނި ހިނގާފައި ދާއިރު ބެހޭނެ މީހަކު ނުހުންނާނެ. ގެ ވެސް މިހުންނަނީ އަބަދު ހުޅުވާފައި. އެކަމަކު ދުވަހަކު ވެސް މީހަކު ގެއަށް އަނިޔާއެއް ނުކުރޭ. ރަށުގެ ރައްޔިތުން ވެސް ބޭނުންވާނީ ރަށަށް ޓޫރިސްޓަކު އަޔަސް ރަށުގެ މެހެމާންދާރީ އެ މީހުންނަށް ދައްކަން،" އާސިމް ބުންޏެވެ.
ގޭގެ ދެވަނަ ބުރީގައި ހަދާފައިވާ ބަދިގެ: ބަދިގެ ހަދާފައި ވަނީ ޓޫރިސްޓުންނަށް ރީތި ވިއުއެއް ފެންނަ ގޮތަށް-- ފޮޓޯ: މިހާރު
ގެމަނަފުއްޓަކީ މިހާރު ވެސް މަދުން ނަމަވެސް ޓޫރިސްޓުން ޒިޔާރަތް ކުރާ ރަށެކެވެ. އެ ރަށް އެންމެ ބޮޑަށް ފާހަގަ ކުރެވިފައި އޮންނަނީ ދެކުނުގެ ރަށްތަކުން ޗުއްޓީއާ ދިމާކޮށް ދާ ރަށެއްގެ ގޮތުގަ އެވެ. ރަށުގެ މެހެމާންދާރިއަށް އެ ރަށަށް އަރާ ކޮންމެ މީހަކު ވެސް ތައުރީފު ކުރެ އެވެ.
ކޮޓަރީގެ ވާޑްރޯބް-- ފޮޓޯ: މިހާރު
ގެމަނަފުށީގެ ރައްޔިތުން އެ ރަށް ޕްރޮމޯޓު ކުރަނީ ވެސް "ދަ އައިލެންޑް އޮފް ހޮސްޕިޓަލިޓީ" (މެހެމާންދާރީގެ ރަށް) ގެ ގޮތުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރިޔަލިސްޓިކު
07 February 2022
ހޯމު ސްޓޭ ނާއްނާނެ މަހުޖަނުންނަށް......ތަންކޮޅެއް ރިޔަލިސްޓުކޮށް ވިސްނާފަ ތިކަންކުރަންފެނޭ....ބަޖެޓު ޓުރަވަލާސް ގިނަ ފަހަރު ތިމާކެޓަށް އަންނާނީ
ހަބަރޭ
03 February 2022
2 މިލިއަން ރުފިޔާ އަށް ތިވަރު ގެއެއްގެ ސްޓްރަކްޗާވެސް ނުހެދޭނެ. ޥަރައް އޮޅުވާލާ އެބަ
ައާކިޓެއްޗަރ
02 April 2022
އަސްލުވެސް. 2 މިލިއަންނައް ވުރެ ގިނަ ހަރަދު ދާނެ
ގެމަނަފުށީ ކަތީބު
03 February 2022
އާސިމު ދަރިޔާ. އެއްގޮތަކަށްވެސް ދެރަ ބަހެއް ބުނަންބުނާ އެއްޗެއްނޫން މިއީ އިނގޭ! ހީވަނީ އަދަދު ކީއިރު ކަރަންސީ އޮޅުނީކަމަށްވެދާނެ. ތިތަން އަސްލު ވޯތީ 1200 ދިވެހި ރުފިޔާއަށް ރެއަކަށް. އެއިރުން ދިވެހިން ވ.ގިނައިން ދާނެކަމަށް ބެލެވޭ. އަހަރަކު އެއްފަހަރު ބޮޑު އަދަދެއް ހޯދަން އުޅުމަށްވުރެ ތަންކޮޅެއް ރިއަލިސްޓިކު ގޮތަކަށް މަސައްކަތްކުރީމަ ލިބޭއެއްޗެއް ރަނގަޅުވާނެ.
ޖިލޭބީ
03 February 2022
ޜަށްރަށަށް ގޮސް އާދައިގެ ގޭގެވެސް ލިބޭނީ މިހާރު 1500/-.އަށް. ހަޖަމް ނުވީ ދޯ؟
ވަކީލްް
02 February 2022
ހުވަފެނުގައި ކުލަޖެއްސުމަށް ކުރާ މަސައްކަތަށް ސާބަސް ހައްގު . ވަކިންހާއްސަކޮށް އަންހެނުންގެ މަސައްކަތާއި ބައިވެރިވުން. ތަނުގައި އެބަހުރި ރަނގަޅުކުރަންޖެހޭ ކަންކަން ބައިވަރު ލަގުޒަރީ ނުވަތަ ރޯޔަލް ކިޔަން.
ސޮރާ
02 February 2022
ދޮންނަ މެޝިން ފެނިފަ ކިރިޔާ މޫނުމައްޗައް އަދިރިވާ ގޮށްނުވީ. ކިހާދެރަކަމެއްމީ
އާޒިމާ
02 February 2022
ރަގަޅު!! ދެން ތިތަން 1200 ޑޮލްރަށް ކުއްޔަށް ދީފަ އައިސް މާލޭގަ އުޅޭ… މާލޭ ބޭފުޅުން ނަންވާނީ…މާލޭ ކުލިކުޑަކުރަން އަދިވެސް މުޒާހަރާ ކުރާތި، ތަނެއް ލިބުނީމަ ހަދަން ލާރިވެސް ހުރޭ، ކުއްޔަށްވެސް ދެވޭ…،
ރާއްޖެ ތެރެ
02 February 2022
ހާދަ ހީވެޔޭ ގެ ކުލިން އުޅޭ މީހެއެހެން. ދެން ލަލަލާ!
ނިކަމެތިރައްޔިތުމީހާ
02 February 2022
މިއީ 5 ކޮޓަރީގެ ބޮޑު ގެޔެއް! ކޮންމެ މީހަކު ވެސް އެކަކު އަނެކަކަށް ހިއްވަރު ދޭންވީ ވީހާވެސް ބޮޑު އަގެއްގަ ވިއްކަން. މިއީ ރާއްޖޭގެ އިގްތިސޯދަށް ވަންނަ ޑޮލަރު. މިއިން ހިއްވަރު ލިބިގަނެ އެންމެން ވެސް ކުރިޔަށް ދާންވީ! މިއީ މަލާމާތް ކުރަންވީ ކަމެއް ނޫން. ގާތްގަޑަކަށް %45 ގެ އޮކިއުޕެންސީއެއްގަ 740 ވަރަކަށް ޑޮލަރަށް ރެޔަކަށް ވިއްކިޔަސް 2 މިލިއަންގެ ރެވެނިއު ހަދާ ލެވޭނެ. އަދި މި ގޮތަށް އާއިލާތަކަށް އެކްސްކާޝަންސް ވިއްކައިގެން ރަނގަޅު އާމްދަނީއެއް ލިބޭނެ.
ގަދަ
02 February 2022
މާށާﷲ ރަނގަޅު ފެށުމެއް. ކޮންމެވެސް ހިސާބަކުން ފަށައިގެން އެހިސާބަށް ދެވޭނީ. އެބަހުރި ބައެއް ކުދި ކުދި ކަންކަން ލަގްޒަރީ ކޮންސެޕްޓަށް ދާއިރު އަދި ރަނގަޅުކޮށްލަން. މަރާމާތުގެ ތެރެއިން މިވަގުތަށް އެންމެ މުހިންމީ އިސްތިރިކުރާ މޭޒު ހުރި ކޮޓަރީގެ އެއަރކޯންއާ ވީފަޅީގެ ސީލިންގ ކުޑަކޮށް މަރާމާތުކޮށްލުން. ދެން ޚިދުމަތްތައް ޖެހޭނެ މެކުހަށް ޖަހަން، ކެއުމާއެކީ. އޭރަށް ތިޔަތަން ހިނގައިގަތީމާ ލިބޭ ލާރިން އިތުރު ކަންކަން ފުރިހަމަކޮށްލާނީ ދޯ.
ސެމި
02 February 2022
ހޯމްސްޓޭގް މުޅިމީނިން މިއޮތީ އޮޅުވާލާފަ! ބަލަ ހޯމްސްޓޭ ހަދަންދަނީ ކޮންމެހެން ލަގްޒަރީހޯދާކަށްނުން! 1200 ދީފަ ރިިސޯޓްގަ މާއަރާމްކޮށް ރީތިކޮށްހުރެވޭނެ!
ހުސެން
02 February 2022
ގެސްޓުހައުސްތަކަށާއި ހޯމްސުޓޭއަށް އާންމުކޮށް އަންނަނީ ތަންކޮޅެއް ހަރަދަށްބަލާމީހުން، މިފަދަގިނަމީހުން މުޅިޗުއްޓީގައި ކަނީވެސް ކަޕުނޫޑުލުސް، އެހެންވީމާ ރެޔަކަށް 12000 ޑޮލަރު ހަރަދުކޮށްލަންކެރޭ މީހުން މަދުވާނެކަމަށްފެނޭ، ބޮޑަށް އިޝްތިހާރުކުރަނިކޮށް ކާމިޔާބުވުންވެސް އެކަށީގެންވޭ، ވިޔަފާރިކާމިޔާބުވުމުގެ %99 ބިނާވަނީ އިޝްތިހާރު ކުރާމިންވަރާ ކުރާގޮތަށް