ކުޑަ ކާއްޓޭ އާއި އެޑަމް: ސެންޓްރަލް ޒޯން ބީޗް ވޮލީ މުބާރާތުގައި މިއަދު ވަނީ ލަންކާގެ ޕެއާ ބަލިކޮށްފަ
18 ފެބުރުއަރީ 2022 - 15:08
ސްރީ ލަންކާގައި މިހާރު ކުރިއަށްދާ ސެންޓްރަލް ޒޯން ބީޗް ވޮލީ މުބާރާތުގައި ރާއްޖޭގެ އާދަމް ނަސީމް އާއި އިސްމާއީލް ސާޖިދު (ކުޑަ ކާއްޓޭ) ލަންކާގެ ޕެއާގެ މައްޗަށް ކާމިޔާބު ހޯދައިފި އެވެ.
މިއަދު ހެނދު ކުޅުނު މެޗުގައި އެޑަމް އާއި ކުޑަ ކާއްޓޭއާ ދެކޮޅަށް ނުކުތީ ލަންކާގެ ނިލަން އާއި މަލިންތަ ޔަޕާގެ ޕެއާ އެވެ. އެޑަމް އާއި ކުޑަ ކާއްޓޭގެ ޕެއާ މެޗު ގެންދިޔައީ ސީދާ ދެ ސެޓުންނެވެ. ސެޓްތައް ގެންދިޔައީ 21-18 އަދި 21-19 އިންނެވެ.
ކުޑަ ކާއްޓޭ އާއި އެޑަމްގެ ޕެއާ މިއަދު ހަވީރު ނުކުންނާނީ ޕާކިސްތާންގެ މުބައްޝިރު އަދި އަބޫ ޒައްރުގެ ޕެއާއާ ދެކޮޅަށެވެ.
މޮރިޝަސްގައި 2019 ގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމެސްގެ ބީޗް ވޮލީން ރާއްޖެ އަށް ރިހި މެޑަލް ހޯދައިދިން ބީޗް ވޮލީ ޓީމުގައި އެޑަމްއާ އެކު ހިމެނުނު އަބްދުލް ވާހިދު (މަންކޭ) އާއި މުހައްމަދު އަލީ (ޑެންޒޯ)، އިރާންގެ އަލީ އާއި މަހްދީގެ ޕެއާ އަތުން ވަނީ ބަލިވެފަ އެވެ. އަލީ އާއި މަހްދީގެ ޕެއާ މެޗް ކާމިޔާބު ކުރީ 3-1 ސެޓުންނެވެ. ބީޗް ވޮލީގެ ސީނިއާ ގައުމީ ޗެމްޕިއަންކަން ހޯދި މަންކޭ އާއި ޑެންޒޯ އިރާންގެ ޕެއާ އަތުން މޮޅުވީ ދެވަނަ ސެޓްގަ އެވެ. އެ ސެޓް ކާމިޔާބު ކުރީ 21-16 އިންނެވެ. ފުރަތަމަ ސެޓުން ބަލިވީ 21-9 އިންނެވެ. ތިންވަނަ ސެޓްގައި ބަލިވީ 15-10 އިންނެވެ.
ސެންޓްރަލް ޒޯންގެ ރައީސްކަމާ ރާއްޖޭގެ މުހައްމަދު ލަތީފު ހަވާލުވެ ވަޑައިގެން އޭނާ ވަނީ ގިނަ މުބާރާތްތަކެއް ކާވާގެ ކަލަންޑަރުގައި ހިމަނައިފަ އެވެ. ލަންކާގައި ކުރިއަށްދާ މުބާރާތަކީ ސެންޓްރަލް ޒޯން ބީޗް ވޮލީގެ ފުރަތަމަ މުބާރާތެވެ. އާދިއްތަ ދުވަހުގެ ނިޔަލަށް މުބާރާތް ކުރިއަށްދާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖުހާނާ
19 February 2022
3 ސެޓް ކުޅެގެން 3-1 ސެޓުން މޮޅުވަނީ ކިހިނެއް؟ 3-1 ވީމާ އެ ވަނީ 4 ސެޓް. އެކަމަކު މަންކޭ އާއި ޑެންޒޯ އީރާނުގެ ޕެއަރއާއެކު ކުޅުނުކަމަށް އޮތީ 3 ސެޓް. އޭގެތެރެއިން 2 ސެޓް އީރާނުގެ ޕެއަރއަށް ލިބުނުކަމަށް ވަންޏާ ރާއްޖޭގެ ޕެއަރ ބަލިވިކަމަށް ކިޔާނީ 2-1 ސެޓުން.
އަންބޮޑި
19 February 2022
ކުޑަކާއްޓޭ! ބޮޑު ސޯޓު! ގަމަރުލް ބީތާ! ވެދާނެ ބައެއްމީހުން ނައް ވަރައް ސަޅި ވަނަންނަމައް. ކަމަކު ނުދޭ ބޮޑު އޯޑިއެންސްގެ މީޑިއާގަ މިފަދަ ވަނަމުން ލިޔެ އިސްތިހާރު ކުރާކައް.