ގއ. ވިލިނގިލީގެ މަގެއް މަތިން މީހަކު ސައިކަލު ދުއްވަނީ: ކޮވިޑް-19 އިން ރައްކާތެރިވުމަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅަން ވަނީ އިދާރާތަކަށް އަންގާފައި--ފޮޓޯ: ނިޝާން އަލީ/މިހާރު
20 ފެބުރުއަރީ 2022 - 12:26
ދިރިއުޅުމުގެ ބޭނުން ނޫން އެހެން ބޭނުންތަކަށް ރަށްރަށުން ދޫކުރާ ބިމުގެ އެންމެ ކުޑަ ކުލި ކަނޑައެޅުމުގެ ބާރު އެ ރަށެއްގެ ކައުންސިލަށް ދޭ ގޮތަށް ގަވައިދު އިސްލާހުކޮށްފި އެވެ.
ދިރިއުޅުމުގެ ބޭނުމަށް ނޫން އެހެނިހެން ބޭނުންތަކަށް ބިން ދޫކުރުމުގެ ގަވައިދުގައި ކުރިން އޮންނަ ގޮތުން ނަމަ ރަށަކުން ނުވަތަ ސިޓީއަކުން ބިން ދޫކުރެވޭނެ އެންމެ ކުޑަ ކުލި ކަނޑައަޅާނީ ޕްލޭނިން މިނިސްޓްރީގެ ލޭންޑް ވެލުއޭޝަން ކޮމިޓީންނެވެ. ބިން ދޫކުރާނެ މުއްދަތު ކަނޑައަޅާނީ މިނިސްޓްރީގެ ހުއްދައާއެކު، ރަށެއްގައި ނަމަ އެ ރަށެއްގެ ރަށު ކައުންސިލް ނުވަތަ އެ ރަށެއްގައި ބިމުގެ ކަންކަން ބެލެހެއްޓުމަށް ހަވާލުކޮށްފައިވާ އިދާރާއަކުން ކަމަށް އެ ގަވައިދުގައި އޮވެ އެވެ.
ނަމަވެސް ގަވައިދަށް މިއަދު ގެނައި އިސްލާހުގައި ބުނީ، އެކި ބޭނުންތަކަށް ދޫކުރާނެ އެންމެ ކުޑަ ކުލި ކަނޑައަޅާނީ ލޭންޑް ޔޫސް ޕްލޭނުގައި ބަޔާން ކޮށްފައިވާ ސަރަހައްދުގެ ބިމުގެ އަގަށް ރިއާޔަތްކޮށް، ރަށެއް ނަމަ އެ ރަށުގެ ކައުންސިލުން އަދި ސިޓީއެއް ނަމަ އެ ސިޓީ ކައުންސިލަކުން ކަމަށެވެ.
އެންމެ ކުޑަ ކުލި ކަނޑައެޅުމުގައި އެ ރަށާއި ސިޓީގެ ލޭންޑް ޔޫސް ޕްލޭނުގައިވާ ގޮތުގެ މަތިން، އެ ސަރަހައްދުގެ ބިމުގެ އަގު ކަމަށް ކަނޑައަޅާފައިވާ އަގަށް ރިއާޔަތްކޮށް، އެ އަގަށް ވުރެ ކުޑަ ނުވާނެ ގޮތަށް ހިސާބުކޮށް، ކުލި ކަނޑައެޅޭނެކަން ރަށާއި ސިޓީ ކައުންސިލުން ކަށަވަރު ކުރަންޖެހޭނެ ކަމަށް ވެސް ގަވައިދުގައި ބުނެ އެވެ.
އެ ރަށެއްގެ ނުވަތަ ސިޓީއެއްގެ ބިމުގެ ތަނަވަސްކަމަށާއި އިގްތިސޯދީ ފުދުންތެރިކަން އަދި ބިމުގެ ޑިމާންޑަށް ބަލައި ކޮންމެ ދެ އަހަރަކުން އެއް ފަހަރު އަގު މުރާޖައާކޮށް، ބަދަލު ގެނައުމުގެ އިހުތިޔާރު ކައުންސިލަށް ލިބެ އެވެ.
އެ ގަވައިދުގެ ދަށުން ކަނޑައަޅާ ބިމުގެ އެންމެ ކުޑަ ކުލި ގެޒެޓުގައި ޝާއިއުކުރަން ޖެހެ އެވެ.
މާލެ އަށް ބަރޯސާވުން ކުޑަކުރުމަށް ލޯކަލް ކައުންސިލްތަކަށް ބާރު ދިނުމަކީ މި ސަރުކާރުގެ އެންމެ ބޮޑު އެއް ވައުދެވެ. އޭގެ ދަށުން މިހާރު ވެސް ކައުންސިލްތަކަށް ބާރުތައް ދޫކޮށްފައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖަމަލު
20 February 2022
މާލެ ސިޓީއަށް ވެސް ލިބޭނެތަ؟ ހުޅުމާލެ އަށް ވާނެތަ؟
ބިލް ކުލިންޓަން
20 February 2022
މުއިއްޒުއަށް ހާދައަސަރެއްކުރާނެއޭ.