ކުޅިވަރު / ކްރިކެޓް

އޮސްޓްރޭލިއާގެ ކުރީގެ ދެ ކްރިކެޓް ކުޅުންތެރިން މަރުވެއްޖެ

ޝޭން ވޯން (ކ) އާއި ރޮޑް މާޝް (ވ).-- ފޮޓޯ: އޭއެފްޕީ

އޮސްޓްރޭލިއާގެ ކުރީގެ މަޝްހޫރު ދެ ކްރިކެޓް ކުޅުންތެރިން ކަމަށްވާ ރޮޑް މާޝް އާއި ޝޭން ވޯން އިއްޔެގެ ވަގުތެއްގައި މަރު ވެއްޖެ އެވެ.

އުމުރުން 74 އަހަރުގައި މާޝް މަރުވީ ހާޓްއެޓޭކެއް ޖެހިގެން އޭނާއަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ. ހާޓް އެޓޭކެއް ޖެހިގެން އޮސްޓްރޭލިއާގެ ކުއީންސްލަންޑުގެ ރޯޔަލް އަޑެލައިޑް ހޮސްޕިޓަލުގައި އޭނާ އެޑްމިޓް ކުރީ މިދިޔަ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު އެވެ. އަދި އޭނާ މަރުވިއިރު ވެސް އޮތީ ލައިފް ސަޕޯޓުގަ އެވެ.

ލެޖެންޑަރީ ރޮޑް މާޝް އަކީ ޓެސްޓް މެޗެއްގައި 100 ލަނޑު ހަމަކޮށް ސެންޗަރީއެއް ހެދި ފުރަތަމަ އޮސްޓްރޭލިއާގެ ވިކެޓް ކީޕަރެވެ. އޭނާ ވަނީ 1970 އާއި 1984 އާ ދެމެދު އޮސްޓްރޭލިއާ އަށް ކުޅެދިން 96 ޓެސްޓް މެޗުގައި އެޓީމުގެ ފާސްޓް ބޯލަރު ޑެނިސް ލިލޭއާ އެކު 95 ވިކެޓު ނަގައިފަ އެވެ. މި މުއްދަތުގައި މާޝް ހިއްސާވެގެން ނެގި 355 ވިކެޓަކީ އޭނާ ރިޓަޔާ ކުރަންދެން ވެސް ދުނިޔޭގެ ރެކޯޑެކެވެ.

ރޮޑް މާޝް އޮސްޓްރޭލިއާ އަށް ކުޅެނީ.-- ފޮޓޯ: ގެޓީ އިމޭޖަސް

އޮސްޓްރޭލިއާ އަށް 92 ވަން ޑޭ އިންޓަނޭޝަނަލް ކްރިކެޓް މެޗު ވެސް ކުޅުނު މާޝް ރިޓަޔާ ކުރުމަށް ފަހު ވަނީ އޮސްޓްރޭލިއާ ކްރިކެޓް އެކަޑަމީގެ ޑިރެކްޓަރު ކަަމާއި ހެޑް ކޯޗުކަން ކުރުމުގެ އިތުރުން، އިންގްލެންޑާއި ވޭލްސް ކްރިކެޓް ބޯޑުގެ އެކަޑަމީގެ ޑިރެކްޓަރުކަން ވެސް ކޮށްފަ އެވެ. އަދި 2011 ވަނަ އަހަރު އޮސްޓްރޭލިއާ ކްރިކެޓް ބޯޑުގެ ސިލެކްޝަން ޕެނަލްގައި ޕާޓް ޓައިމްކޮށް ކޯޗުން ތަމްރީނު ކުރަން އުޅުމަށް ފަހު، 2014-2016 އަށް އޮސްޓްރޭލިއާގެ ގައުމީ ޓީމަށް ކުޅުންތެރިން ހޮވާ ސިލެކްޓާސް ބޯޑުގެ ޗެއާމަންކަން ވެސް ކޮށްފަ އެވެ.

އުމުރުން 52 އަހަރުގައި ޝޭން ވޯން މަރުވެފައި އޮއްވައި ފެނުނީ ތައިލެންޑުގަ އެވެ. އޭނާ ވެސް މަރުވި ކަމަށް ލަފާކުރެވެނީ ހާޓް އެޓޭކެއް ޖެހިގެންނެވެ. އަދި ވޯން މަރުވުމުގެ ކުރިން އޭނާގެ ރަސްމީ ޓްވިޓާ އެކައުންޓުގައި ވަނީ އިއްޔެ ފަތިހު މަރުވި ރޮޑް މާޝް އަށް ތައުޒިޔާ ވެސް ކިޔައިފަ އެވެ.

ކްރިކެޓް ކުޅުން ހުއްޓާލުމަށް ފަހު ވޯން ވަނީ ކޯޗެއްގެ ގޮތުންނާއި ޓީވީ ކޮމެންޓޭޓަރެއްގެ އިތުރުން އެނަލިސްޓެއްގެ ގޮތުގައި ވެސް މަސައްކަތް ކޮށްފަ އެވެ. އޭނާ ތައިލެންޑަށް ދިޔައީ ޖެނުއަރީ މަހު ނިމުނު އޭޝަސް ސީރީޒްގައި ފޮކްސް ކްރިކެޓް ޓީވީ ޗެނަލްއާ އެކު މަސައްކަތް ކުރުމަށް ފަހު އެވެ.

ލެޖެންޑަރީ ލެގް ސްޕިނާ ވޯން ވަނީ އޮސްޓްރޭލިއާއާ އެކު 1999 އަދި 2003 ވަނަ އަހަރުގެ އައިސީސީ ކްރިކެޓް ވޯލްޑް ކަޕް (50 އޯވަރުގެ ވޯލްޑް ކަޕް) ކާމިޔާބު ކޮށްފަ އެވެ. އަދި 1993 އިން 2005 އާ ދެމެދު އޭނާ ކުޅުނު 194 ވަންޑޭ އިންޓަނޭޝަނަލް (އޯޑީއައި) މެޗުން ވަނީ 293 ވިކެޓު ނަގައިފަ އެވެ. ދުނިޔޭގައި މިހާތަނަށް ދެވަނައަށް އެންމެ ގިނަ ޓެސްޓް ވިކެޓު ނަގާފައިވާ ކުޅުންތެރިޔަކީ ވެސް ވޯން އެވެ. އޭނާގެ 15 އަހަރުގެ އިންޓަނޭޝަނަލް ކެރިއަރުގައި ވޯން ވަނީ 145 ޓެސްޓު މެޗު ކުޅެ 708 ޓެސްޓް ވިކެޓު ނަގައިފަ އެވެ.

ވޯން އަކީ 36 ޓެސްޓުން 195 ވިކެޓު ނަގައިގެން ކްރިކެޓްގެ ތާރީހުގައި ވެސް އެންމެ ގިނަ އޭޝަސް ވިކެޓު ނެގި ކުޅުންތެރިޔާ އެވެ. އެންމެ ފުރަތަމަ ޓެސްޓް މެޗު ކުޅުނީ އިންޑިއާއާ ދެކޮޅަށް 1992 ގަ އެވެ. އަދި އެންމެ ފުރަތަމަ އޭޝަސް ސީރީޒެއްގައި ކުޅުނީ ޖެހިގެން އައި އަހަރު އިންގްލެންޑާ ދެކޮޅަށެވެ. އުމުރުން 24 އަހަރުގައި އެ ސީރީޒްގައި ވޯން އުކި ފުރަތަމަ ބޯޅައިގައި ވެސް އޭނާ ވަނީ އިންގްލެންޑުގެ މައިކް ގަޓަންގް ނުބައި ކޮށްލައިފަ އެވެ. އެ ބޯޅަ މަޝްހޫރުވެފައި ވަނީ "ބޯލް އޮފް ދި ސެންޗަރީ" ގެ ނަމުންނެވެ.

ޝޭން ވާން އޮސްޓްރޭލިއާ ގައުމީ ޓީމަށް ކުޅުނު މެޗެއްގެ ތެރެއިން.-- ފޮޓޯ: އޭއެފްޕީ

ފުރަތަމަ އޭޝަސް ސީރީޒްގައި ވޯން ވަނީ 40 ވިކެޓު ނަގައިފަ އެވެ. އަދި އެ މޮޅާ އެކު އޮސްޓްރޭލިއާ ވަނީ އިންގްލެންޑާ ދެކޮޅަށް ވޯންއާ އެކު ކުޅުނު ފުރަތަމަ ހަ އޭޝަސް ވެސް ކާމިޔާބު ކޮށްފަ އެވެ. އެއަށް ފަހު 2005 ވަނަ އަހަރު، ވޯންއާ އެކު ކުޅުނު ހަތްވަނަ އޭޝަސް އިން އިންގްލެންޑު މޮޅުވީ އެވެ. ޖެހިގެން އައި 2007/06 ސީރީޒްގައި ވޯން ވަނީ ހުރިހާ މެޗަކުން އިންގްލެންޑު ބަލިކޮށްގެން އޭޝަސް ކާމިޔާބުކޮށް، މުބާރާތް ނިމުނު ދުވަހު ބައިނައްއަގުވާމީ ކްރިކެޓުން ރިޓަޔާ ކޮށްފަ އެވެ.

ހަމަ އެ އަހަރު ފަސްޓް-ކްލާސް ކްރިކެޓާއި ލިސްޓް-އޭ ކްރިކެޓުން ރިޓަޔާ ވުމަށް ފަހު ޖެހިގެން އައި އަހަރުން ފެށިގެން 2013 ވަނަ އަހަރާ ހަމަޔަށް އޭނާ ވަނީ ޓީ-20 ކްރިކެޓް ކުޅެފަ އެވެ. އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް) ގެ ފުރަތަމަ ސީޒަނުގައި ވެސް އޭނާ ވަނީ ރާޖެސްތާން ރޯޔަލްސްއާ އެކު މުބާރާތް ކާމިޔާބު ކޮށްފަ އެވެ.

ވޯން ވަނީ އޯޑީއައި އާއި ޓެސްޓް ކްރިކެޓުން ވެސް އޮސްޓްރޭލިއާގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދައިފަ އެވެ. އަދި ދުނިޔޭގެ ޓެސްޓް ކްރިކެޓުގައި 3000 ލަނޑު ހަދައި، 300 ވިކެޓު ނެގި ހަމައެކަނި އޮސްޓްރޭލިއާ ކުޅުންތެރިޔަކީ ވެސް އޭނާ އެވެ. މީގެ އިތުރުން 2000 ވަނަ އަހަރު އޮސްޓްރޭލިއާގެ ކްރިކެޓް ބޯޑުން ހޮވި، 20 ވަނަ ގަރުނުގެ އެ ގައުމުގެ އެންމެ މޮޅު ކްރިކެޓް ޓީމުގައި ވެސް އޭނާ ހިމެނުނެވެ.

މިދިޔަ އަހަރު ވޯން އަށް ކޮވިޑު-19 ޖެހިގެން ފަރުވާދީފައިވާ އިރު، އޭނާ ވަނީ އޭގެ ކުރިން ވެކްސިންގެ ދެ ޑޯޒް ވެސް ފުރިހަމަ ކޮށްފަ އެވެ. އެހެން ނަމަވެސް ކޮވިޑަށް ފަރުވާ ކުރަން އޭނާ ވެންޓިލޭޓަރުގައި އޮންނަން ޖެހުނުކަން އޭނާ ވަނީ މީގެ ކުރިން ހާމަކޮށްފަ އެވެ.

0 ކޮމެންޓް, 5 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 100%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454