ހަނގުރާމައާ ގުޅިގެން ގިނަ ބަޔަކު ޔޫކްރެއިން ދޫކޮށް ދަނީ-- ފޮޓޯ: އޭއެފްޕީ
05 މާޗް 2022 - 11:22
ހަނގުރާމައިގެ ތެރޭގައި އޮތް ޔޫކްރެއިންގައި ތިބި ދިވެހިންގެ ތެރެއިން ނާދެވިފައި ތިބި މީހުން މިއަދު ރާއްޖެ އަންނާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.
މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު ރަޝިއާ އިިން ޔޫކްރެއިނަށް ހަމަލާތައް ދޭން ފެށުމާ އެކު އެ ގައުމުގެ ވައިގެ ދަތުރުތައް ހުއްޓާލިއިރު ޔޫކްރެއިންގައި 24 ދިވެއްސަކު އުޅުނެވެ.
ފޮރިން މިނިސްޓްރީން މިއަދު ބުނީ ރާއްޖެ ނާދެވިފައި ތިބި ހަ ދަރިވަރުންނާއި ތިން ކުދިން ހިމެނޭ އާއިލާއެއް މިހާރު ހަންގޭރީ އިން ރާއްޖެ އަށް ދަތުރު ފަށާފައިވާ ކަމަށެވެ. އެ މީހުން މިއަދުގެ ވަގުތެއްގައި ރާއްޖެ އަށް އާދެވޭނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
"އެ ކުދިން ރާއްޖެ އައިމަ ޔޫކްރެއިންގައި އެއްވެސް ދިވެއްސެއް ނުހުންނާނެ،" ފޮރިން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވި އެވެ.
ރަޝިއާ ކައިރީ އޮންނަ ބެލަރޫސްގެ އެކި ސިޓީތަކުގައި 137 ދިވެހިންނާއި ރަޝިއާގައި ވެސް 88 ދިވެހިން އެބަ ތިއްބެވެ. ބޭނުން ނަމަ، އެ މީހުންނަށް ވެސް ސަރުކާރުގެ ހަރަދުގައި ރާއްޖެއަށް އައުމުގެ ފުރުސަތު ވަނީ ދީފަ އެވެ.
ފޮރިން މިނިސްޓްރީން ބުނީ މިހާތަނަށް ހަ ދަރިވަރަކު ރާއްޖެ އަންނަން އެދިފައިވާ ކަމަށާއި މި ފެށޭ ހަފްތާ ތެރޭގައި އެ މީހުން ރާއްޖެ ގެނައުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy