ސައުތު އޭޝިއަން ގޭމްސްގައި ބްރޯންޒް މެޑަލް ހޯދި ގައުމީ އަންހެން ޓީޓީ ޓީމު: މިއަހަރު ބާއްވާ ކޮމަންވެލްތު ގޭމްސް އަށް ގައުމީ އަންހެން ޓީމު ވަނީ ކޮލިފައިވެފައި --- ފައިލް ފޮޓޯ: އެމްއޯސީ
06 މާޗް 2022 - 10:06
މި އަހަރު ބާއްވާ ކޮމަންވެލްތު ގޭމްސް އަށް ރާއްޖޭގެ ގައުމީ އަންހެން ޓޭބަލް ޓެނިސް ޓީމު ކޮލިފައިވެއްޖެ އެވެ.
އިނގިރޭސި ވިލާތުގެ ބާމިންހަމްގައި ޖުލައި 28 ގައި ފަށާ ގޭމްސް އަށް ރާއްޖޭގެ އަންހެން ޓީޓީ ޓީމު ކޮލިފައިވީ ކޮމަންވެލްތު ގައުމުތަކުގެ ތެރެއިން ގަދަ 16 ގެ ތެރޭގައި ރާއްޖޭގެ އަންހެން ޓީޓީ ޓީމު ހިމެނުނުމުންނެވެ.
ޓީޓީއޭއެމްގެ ރައީސް އަލީ ރަޝީދު ވިދާޅުވި ގޮތުގައި ކޮމަންވެލްތު ގޭމްސް ފެޑެރޭޝަނުން އެންމެ ފުރަތަމަ ނިންމީ މި އަހަރުގެ ފެބްރުއަރީ އަދި މާޗު މަހު ކޮލިފައިން މުބާރާތްތަކެއް ކުޅެ ކޮލިފައިވާ ގައުމުތަކަށް ފުރުސަތު ދިނުމަށެވެ.
"އެކަމަކު އަދިވެސް ބައެއް ގައުމުތަކުގައި ކޮވިޑްގެ ހާލަތު އޮތް ގޮތުން ކޮލިފައިން މުބާރާތް ކުރިއަށްގެންދަން އުނދަގޫވާނެތީ ކޮމަންވެލްތު ގޭމްސް ފެޑްރޭޝަނުން ނިންމީ ގައުމުތަކުގެ ރޭނކިން އަށް ބަލައިި އެންމެ ގަދަ 16 ޓީމަށް ފުރުސަތު ދޭން،" އަލީ ވިދާޅުވި އެވެ.
"ކޮމަންވެލްތު ގޭމްސްގައި ބައިވެރިވާ ގައުމުތަކުގެ ތެރެއިން އަޅުގަނޑުމެންގެ އަންހެން ޓީމު އެބަހިމެނޭ ގަދަ 16 ގެ ތެރޭގައި. އެގޮތަށް ބަލާފައި ކޮލިފައިވީ."
ކޮމަންވެލްތު ގޭމްސްގައި 72 ގައުމު ބައިވެރިވާނެ ކަމަށް ގޭމްސް އިންތިޒާމުކުރާ ފަރާތްތަކުން ލަފާކުރެ އެވެ.
ކޮމަންވެލްތު ގޭމްސް އަށް ގައުމީ އަންހެން ޓީމު ތައްޔާރު ކުރުމަށް ބޭރުގެ ޓްރެއިން ފުރުސަތުތަކެއް ހޯދަން މަސައްކަތް ކުރަމުން އަންނަ ކަމަށް އަލީ ވިދާޅުވި އެވެ.
ފަހަކަށް އައިސް ރާއްޖޭގެ އަންހެން ޓީމުން ވަނީ އިންޓަނޭޝަނަލް ގޭމްސްތަކުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދައިފަ އެވެ. މޮރިޝަސްގައި 2019 ގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ އަންހެން ޓީޓީގެ ހުރިހާ އިވެންޓްތަކެއްގެ ރަން މެޑަލް ހޯދީ ރާއްޖޭގެ ޓީމުގެ ކުޅުންތެރިންނެވެ. އެ އަހަރުގެ ޑިސެމްބަރުގައި ނޭޕާލްގައި ބޭއްވި ސައުތު އޭޝިއަން ގޭމްސްގެ ޓީމު އިވެންޓުން އަންހެން ޓީމު ވަނީ ބްރޯންޒް މެޑަލް ވެސް ހޯދައިފަ އެވެ.
ގައުމީ އަންހެން ޓީޓީ ޓީމުގައި ހިމެނޭ އެންމެ މުހިންމު ދެ ކުޅުންތެރިން ކަމަށްވާ ރަފާ އާއި ދީމާ --- ފައިލް ފޮޓޯ: އެމްއޯސީ
ކޮމަންވެލްތު ޓީޓީ ފެޑެރޭޝަނަކީ ރާއްޖެއާ ރަނގަޅު ގުޅުމެއް ބާއްވަމުން އަންނަ ފެޑެރޭޝަނެކެވެ. އެ ފެޑެރޭޝަންގެ ޗެއާމަން ވިވެކް ކޯލީ މިދިޔަ އަހަރު ސެޕްޓެމްބަރު މަހު ވަނީ ރާއްޖެ އަށް ދަތުރުފުޅެއް ކުރައްވައިފަ އެވެ. އެދަތުރުގެ ހަވާސާގައި "މިހާރު" އަށް ދެއްވި އިިންޓަވިއުގައި ވިވެކް ވިދާޅުވީ އޭނާ އަށް ރާއްޖެ ފެނިވަޑައިގެންނެވީ ސްޕޯޓްސް ޓޫރިޒަމް ޕްރޮމޯޓް ކުރުމަށް ކޮމަންވެލްތުގެ މުހިންމު އެއް ތަނބުގެ ގޮތުގައި ކަމަށެވެ.
"ކޮމަންވެލްތުގެ ޓީޓީގެ ކުރިއެރުމަށް ރާއްޖެއަކީ މުހިންމު ބައިވެރިޔަކަށްވާން އަހަރެމެން ބޭނުން. އަހަންނަށް ރާއްޖެ ފެންނަނީ ސްޕޯޓްސް ޓޫރިޒަމް ޕްރޮމޯޓް ކުރުމުގެ މަސައްކަތުގައި މުހިންމު އެއް ތަނބުގެ ގޮތުގައި،" ވިވެކް ވިދާޅުވެފައިވެ އެވެ.
"އަހަރެން ބެނުން ކޮމަންވެލްތުގެ ގައުމުތަކުގައި އެކަން ފެތުރިގެންދާން. ކޮމަންވެލްތު ގައުމުތަކުގެ ގޮތުގައި ވަރަށް ރީތި ގައުމުތައް އެބަހުރި. ރާއްޖެ އަކީ އޭގެ ތެރޭން އެއް ގައުމު. އެ ހުރިހާ ގައުމަކަށް ވުރެ ރާއްޖެއަށް މިކަމުގައި އަދާކުރެވެން އޮތް ދައުރު މާ ބޮޑު. ސަބަބަކީ ރާއްޖޭގެ ޓޭބަލް ޓެނިސް މިދަނީ ފުޅާވެ ހެދި ބޮޑުވަމުން."
މި ފަހަރުގެ ކޮމަންވެލްތު ގޭމްސް ވެގެންދާނީ، 2020 ގައި ރާއްޖެ އަލުން ކޮމަންވެލްތުގެ މެންބަރަކަށްވީ ފަހުން ރާއްޖެއިން ބައިވެރިވާ ކޮމަންވެލްތުގެ ފުރަތަމަ ކުޅިވަރު އިވެންޓަށެވެ. ގޭމްސް އަށް ތައްޔާރުވުމަށް އެތުލެޓިކްސް އެސޯސިއޭޝަނުން ވެސް ވަނީ 12 ދުވުންތެރިން ހިމެނޭ ޕްރިލިމިނަރީ ޓީމެއް އެކުލަވައިލައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ށަވިޔަނި
06 March 2022
މަސައްކަތް ކުރީމަ ކޮންމެ ބަޔަކުވެސް ކާމިޔާބުވާނެ. ހުރިހާ ކުދިންނަށް މަރުހަބާ.