ކުޅިވަރު / މެރެތަން

ތުރުކީ މެރަތަން: ރާއްޖޭގެ މެރަތަން ރަނާސްގެ ޓީމަށް ރަނގަޅު ވޯމްއަޕެއް

ރަން ޓޯލިއާ މެރަތަން އަށް ފަހު މެރަތަން ރަނާސްގެ ޓީމު، ގައުމީ ދިދަ ހިފައިގެން ފޮޓޯ އަކަށް ހުއްޓިލައިގެން: ކުރިއަށް އޮތް ކްރޮސް ކަންޓްރީ ޗެމްޕިއަންޝިޕްގައި ވާދަކުރާ ދިވެހި ޓީމުގައި މެރަތަން ރަނާސްގެ ހަތަރު ދުވުންތެރިން ގައުމީ ޓީމުގައި ހިމެނޭ

07 މާޗް 2022 - 11:54

މި މަހު ބާއްވާ ސައުތު އޭޝިއަން ކްރޮސް ކަންޓްރީ ޗެމްޕިއަންޝިޕަށް ދިއުމުގެ ކުރިން ތުރުކީގެ އަނަޓޯލިޔާގައި ބޭއްވި މެރަތަންގައި، ނަސްރުﷲ އަހްމަދު (ނަސްރު) ގެ މެރަތަން ރަނާސްގެ ޓީމުން ކުރިއެރުންތަކެއް ހޯދައިފި އެވެ.

އިންޑިއާގައި މި މަހު 26 ގައި ބާއްވާ ކްރޮސް ކަންޓްރީ ޗެމްޕިއަންޝިޕަށް އެތުލެޓިކްސް އެސޯސިއޭޝަނުން އެކުލަވައިލައިފައިވާ ހަ ދުވުންތެރިންގެ ޓީމުގެ ހަތަރު ބައިވެރިންނަކީ މެރަތަން ރަނާސްގެ ދުވުންތެރިންނެވެ.

އޭގެ ތެރެއިން މުހައްމަދު އިރުފާން އާއި ޔޫސުފް އިބްރާހިމް ވަނީ ތުރުކީގެ އަނަޓޯލިޔާގައި އިއްޔެ ބޭއްވި ރަން ޓޯލިޔާގައި ވާދަކޮށްފަ އެވެ. ރަން ޓޯލިޔާ މެރަތަންގައި ނަސްރު ވެސް ވަނީ ވާދަކޮށް އޭނާގެ 79 ވަނަ މެރަތަން ފުރިހަމަކޮށްފަ އެވެ. ނަސްރުގެ ކޯޗު ކަމުގެ ދަށުން ރަން ޓޯލިޔާގައި ދެން ވާދަކުރީ ރިޒާން ރަޝީދު އާއި އަހްމަދު ޒިޔާން މުހައްމަދެވެ.

މި ދުވުންތެރިންގެ ތެރެއިން ނަސްރު އާއި އިރުފާން ދުވީ ފުލް މެރަތަންގަ އެވެ. އަނެއް ތިން ބައިވެރިން ދުވީ ހާފް މެރަތަންގަ އެވެ. އިރުފާން މެރަތަން ފުރިހަމަ ކުރީ 2:51:51 (ދެ ގަޑިއިރާއި 51 މިނެޓް 51 ސިކުންތު) އިންނެވެ. ނަސްރު ރޭސް ފުރިހަމަ ކުރީ 3:23:18 އިިންނެވެ.

ހާފް މެރަތަންގައި ވާދަކުރި ދުވުންތެރިންގެ ތެރެއިން އެންމެ ބޮޑު ކުރި އެރުމެއް ހޯދީ ސައުތު އޭޝިއާ ކްރޮސް ކަންޓްރީ ޗެމްޕިއަންޝިޕްގައި ވެސް ދުވަން ހަމަޖެހިފައިވާ ޔޫސުފް އިބްރާހިމް އެވެ. އޭނާ ހާފް މެރަތަން ފުރިހަމަކުރީ 1:12:31 އިންނެވެ. ރިޒާން ރަޝީދު ރޭސް ފުރިހަމަ ކުރީ 1:24:51 އިންނެވެ. އަހްމަދު ޒިޔާން ރޭސް ނިންމީ 1:29:06 އިންނެވެ.

ކްރޮސް ކަންޓްރީ ޗެމްޕިއަންޝިޕްގައި ކޯޗެއްގެ ގޮތުގައި އެތުލެޓިކްސް އެސޯސިއޭޝަނުން ހަމަޖައްސާފައި ވަނީ ނަސްރު އެވެ.

ކްރޮސް ކަންޓްރީ ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ޓީމު

- ހުސައިން ފަޒީލް ހާރޫން (ނަސީރު ސްޕޯޓްސް ކްލަބް)

- އިރުފާން މުހައްމަދު (މެރަތަން ރަނާސް)

- ޔޫސުފް އިބްރާހިމް (މެރަތަން ރަނާސް)

- އައިޝަތު ރާނިޔާ (މެރަތަން ރަނާސް)

- އައިޝަތު ރިޝްމީ (މެރަތަން ރަނާސް)

- މަރްޔަމް އަބްދުލް ކަރީމް (ކުޑަ ހުސައިން ސްޕޯޓްސް)

ނަސްރު ވަނީ ޖެނުއަރީ މަހު ބަންގްލަދޭޝްގައި ބޭއްވި ޑާކާ މެރަތަންގައި ވެސް ރާއްޖޭގެ ޓީމުގެ ކޯޗުކަން ކޮށްފަ އެވެ. އަދި ލަންކާގެ އެތުލެޓިކްސް އަށް 100 އަހަރު ފުރުމާ ދިމާކޮށް ބޭއްވި މެރަތަންގައި ވެސް ކޯޗެއްގެ ގޮތުގައި ދާން ހަމަޖެހިފައި އޮތީ ނަސްރު އެވެ. ނަމަވެސް އޭރު އޭނާ ކޮވިޑް-19 އަށް ޕޮޒިޓިވްވުމުން ދަތުރުގައި ބައިވެރި ނުވެވުނެވެ. ރާއްޖޭގެ އެންމެ ގިނަ މެރަތަންގައި ވާދަކުރި ދުވުުންތެރިޔާ އަށް ދެން އޮތީ 80 ވަަނަ މެރަތަން އެވެ. އަންނަ މަހު 10 ގައި އިންޑިއާގައި އޭނާގެ 80 ވަނަ މެރަތަން ފުރިހަމަ ކުރާނެ ކަމަށް ނަސްރު ބުންޏެވެ.

ދެކުނު އޭޝިއާގެ ދުވުންތެރިންގެ ތެރެއިން ވެސް އެންމެ ގިނަ މެރަތަންގައި ދުވި ދުވުންތެރިންގެ ތެރޭގައި ހިމެނޭ ނަސްރުގެ މެރަތަން ކެރިއާގައި 2018 ވަނަ އަހަރަކީ ހާއްސަ އަހަރެކެވެ. އެ އަހަރު އޭނާ ވަނީ 13 މެރެތަން ދުވެފަ އެވެ. އެ 13 މެރެތަން ވެސް އޭނާ ވަނީ ހަތަރު ގަޑިއިރަށް ވުރެ އަވަހަށް ނިންމައިފަ އެވެ. މިދިޔަ އަހަރު ނަސްރު ވަނީ 12 މެރެތަން ފުރިހަމަކޮށްފަ އެވެ.

މިދިޔަ މަހު ބާއްވަން އޮތް ކްރޮސް ކަންޓްރީ މިމަހަށް ފަސްކުރީ އިންޑިއާގައި ކޮވިޑްގެ ހާލަތު އޮތް ގޮތުންނެވެ. ކްރޮސް ކަންޓްރީގައި ދުވާނީ ހުސް ބިންތަކުގަޔާއި ވިނަގަނޑާއި ފަސްމަޑު ހިސާބުތަކުގަ އެވެ.

0 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 50%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454