ދެވަނަ ޑިވިޝަންގެ ތަށި އުފުލާލަުމަށްފަހު ސްޕާޓަންސް އުފާފާޅު ކުރަނީ: އެޓީމު ދެވަނަޑިވިޝަންގެ ތަށި ކާމިޔާބު ކުރީ ހުރިހާ މެޗަކުން ވެސް މޮޅުވެގެން
15 މާޗް 2022 - 10:21
ގައުމީ ބާސްކެޓްބޯޅަ ލީގުގެ ދެވަނަ ޑިވިޝަންގައި ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް ސްޕާޓަންސް ބާސްކެޓްބޯޅަ ކްލަބުން އެ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދައިފި އެވެ.
އެއްވަނަ ޑިވިޝަންގައި ވާދަކުރަމުން އަންނަ ރެޑް ވިންގްސް ބާސްކެޓްބޯޅަ ކްލަބްގެ ޔޫތު ޓީމުގެ ގޮތުގައި މަޝްހޫރު ވެފައިވާ ސްޕާޓަންސް ރޭގެ މެޗަށް ނުކުތް އިރު ވެސް ވަނީ ދެވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ކަށަވަރުކޮށްފަ އެވެ.
އެ ޓީމުން ލީގު ޗެމްޕިއަންކަން ކަށަވަރު ކުރީ ހުކުރު ދުވަހު ޓަލަންސްއާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށްގެންނެވެ. ސްޕާޓަންސްއިން މެޗު ކާމިޔާބު 82-49 ޕޮއިންޓުންނެވެ.
ދެވަނަ ޑިވިޝަންގެ ފަހު މެޗުގައި، ވައިޕާސް ބާސްކެޓްބޯޅަ ކްލަބާ ދެކޮޅަށް ރޭ ކުޅުނު މެޗު ރެޑްވިންގްސް ކާމިޔާބު ކުރީ 80-43 ންނެވެ. އެންމެ ގިނަ ޕޮއިންޓް ސްކޯ ކުރީ ސްޕާޓަންސްގެ އަބްދުﷲ އަލްމާސް އާމިރު އެވެ.
މެޗުގެ ހުރިހާ ޕީރިއަޑެއްގައި ވެސް ލީޑްގައި އޮތީ ސްޕާޓަންސް އެވެ. އެންމެ ތަފާތުބޮޑުކޮށް ކުރީގައި އޮތީ ތިންވަނަ ޕީރިއަޑް އެވެ. އެ ކުއާޓާގައި ސްޕާޓަންސްއިން 30 ޕޮއިންޓްގެ ލީޑެއް ނެގި އެވެ. އެ ޓީމުން 33 ޕޮއިންޓް ސްކޯ ކުރިިއރު ވައިޕާސް އަށް ހޯދުނީ 3 ޕޮއިންޓެވެ. ފަހު ޕީރިއަޑްގައި ހޯދި ޕޮއިންޓް އޮތީ އެއް ޕޮއިންޓްގެ ފަރަގެކެވެ. އެޕީރިއަޑް ސްޕާޓަންސް ލީޑް ކުރީ 17-16 އިންނެވެ. ފުރަތަމަ ދެ ޕީރިއަޑްގައި ސްޕާޓަންސް ކުރީގައި އޮތީ 15-11 އަދި 15-13 އިންނެވެ.
މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ސްޕާޓަންސްގެ ތިން ކުޅުންތެރިޔަކު ހިމެނުނެވެ. އަދި މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ އަލްމާސް އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޟުރާޒް
15 March 2022
މަރުހަބާ، ވަރައް ފުރިހަމަ ކާމިޔާބީ އެއް