ސަލާހު ފޮނުވާލި ހަމަލާއިން މިސްރަށް މެޗުގައި ލީޑު ލިބުމުން އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ
26 މާޗް 2022 - 13:05
ގާހިރާ (މާޗް 26) - އެފްރިކާގެ ފީފާ ވޯލްޑް ކަޕް ކޮލިފައިން ފަހު ބުރުގެ ފުރަތަމަ ލެގުގައި އެންމެ ފަހުގެ އެފްރިކާ ޗެމްޕިއަން ސެނެގާލް ބަލިކޮށް މިސްރުން މުބާރާތުގެ ޖާގައަކާ ފިޔަވަޅެއް ގާތަށް ޖެހިލައިފި އެވެ.
މި ދެ ޓީމު ރޭ ކުޅުނު މެޗު މިސްރު ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ. މިސްރުގެ ހަމައެކަނި ލަނޑަކީ މެޗުގެ ހަތަރުވަނަ މިނިޓުގައި ސެނެގާލް ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. މިސްރުގެ ކެޕްޓަން މުހައްމަދު ސަލާހު ފޮނުވާލި ހަމަލާއެއް ސެނެގާލްގެ ކީޕަރު އެޑުއާޑް މެންޑީ ދިފާއު ކުރުމުން އެ ބޯޅަ ގޯލު ހުރަސް ދަނޑީގައި ޖެހިފައި ނުކުތް ވަގުތު ގޯލު ތެރެއަށް ވަނީ ސެނެގާލްގެ ޑިފެންޑަރު ސަލިއޫ ސިސް ފައިގައި ޖެހިފަ އެވެ.
މި އަހަރު ބޭއްވި އެފްރިކަން ކަޕް އޮފް ނޭޝަންސް މުބާރާތުގެ ފައިނަލުގައި ވެސް ވާދަކުރީ މި ދެ ޓީމެވެ. އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރު ވުމުން ޕެނަލްޓީ ޖަހައިގެން ފައިނަލް ކާމިޔާބުކުރީ ސެނެގާލް އެވެ.
މާނޭ (ކ) އާއި ސަލާހު، ރޭ ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: އޭއެފްޕީ
އިނގިރޭސި ވިލާތުގެ ލިވަޕޫލަށް ކުޅޭ ސަލާހަކީ ގިނަބަޔަކު ދެކޭގޮތުގައި މި ވަގުތު ދުނިޔޭގެ އެންމެ މޮޅު ފޯވާޑުންގެ ތެރޭގައި ހިމެނޭ، އެކަނި މާއެކަނި ވެސް މެޗުގެ އޮއިވަރު ބަދަލު ކޮށްލެވޭ ފެންވަރުގެ ކުޅުންތެރިއެކެވެ. އޭނާ ވަނީ 2018 ވަނަ އަހަރު، 18 އަހަރު ފަހުން މިސްރު އަލަށް ވޯލްޑް ކަޕަށް ކޮލިފައި ކޮށްދިނުމުގައި ވެސް މުހިއްމު ދައުރެއް އަދާ ކޮށްފަ އެވެ.
ސަލާހުގެ އިތުރުން ލިވަޕޫލަށް ކުޅޭ ސެނެގާލްގެ ތަރި ސަޑިއޯ މާނޭ ވެސް ވަނީ ރޭގެ މެޗުގައި ފުލްކޮށް ކުޅެފަ އެވެ. ނަމަވެސް ދެ ޓީމަށް ވެސް ލަނޑުޖަހާނެ މާ ރަނގަޅު ފުރުސަތުތަކެއް ތަނަވަސް ކުރެވިފައެއް ނުވެ އެވެ.
އެފްރިކާ ބައްރަށް ވޯލްޑް ކަޕުގެ ފަސް ޖާގަ ލިބޭއިރު، ކޮލިފައިން ފަހު ބުރުގައި 10 ޓީމުގެ ވާދަ ކުރެ އެވެ. މިއަހަރުގެ އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ހިތި ނަތީޖާއާ އެކު ވެސް އަލްޖީރިއާ ވަނީ ކޮލިފައިންގެ ފުރަތަމަ ލެގުގައި ރޭ ވަރުގަދަ ކެމަރޫން 1-0 އިން ބަލިކޮށް ވޯލްޑް ކަޕަށް ކޮލިފައިވުމުގެ އުންމީދު ދަމަހައްޓައިފަ އެވެ. އަލްޖީރިއާގެ ހަމައެކަނި ލަނޑު 40 ވަނަ މިނިޓުގައި ޖަހައިދިނީ ކުރިން ލެސްޓާ ސިޓީ އަށް ކުޅުނު ފޯވާޑް އިސްލާމް ސްލިމާނީ އެވެ.
ސްލިމާނީ ކެމަރޫން ކޮޅަށް ލަނޑު ޖެހުމަށް ފަހު.--
އެންމެ ފަހުން 2018 ވަނަ އަހަރުގެ ވޯލްޑް ކަޕަށް އެޓީމު ކޮލިފައި ނުވިޔަސް 2010 އަދި 2014 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި އަލްޖީރިއާ ވަނީ ވާދަ ކޮށްފަ އެވެ. އަދި 2014 ވަނަ އަހަރު އެޓީމު މުބާރާތުން ކެޓީ ނޮކައުޓް ބުރުގައި އިތުރު ވަގުތު ކުޅެގެން އެ ފަހަރުގެ ޗެމްޕިއަން ޖަރުމަން އަތުން ބަލިވެގެންނެވެ.
ޓިއުނީޝިއާ އިން ފުރަތަމަ ލެގުގައި ރޭ މާލީ ބަލިކުރީ ވެސް 1-0 އިންނެވެ. މެޗުގެ 36 ވަނަ މިނިޓުގައި ޓިއުނީޝިއާ އިން ޖެހި ހަމައެކަނި ލަނޑަކީ ޒުވާން ޑިފެންޑަރު މޫސާ ސިސަކޯ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އޭގެ ހަތަރު މިނިޓު ފަހުން ސިސަކޯ ކުރި ފައުލަކަށް ސީދާ ރަތް ކާޑެއް ދެއްކުމުން މާލީ މެޗު ފުރިހަމަ ކުރީ 10 ކުޅުންތެރިންނާ އެކު އެވެ.
މީގެ ކުރިން ހަ ފަހަރު ވޯލްޑް ކަޕް ކުޅެފައިވާ ނައިޖީރިއާ ރޭ ގާނާއާ ވާދަކުރި މެޗު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ. ކޮންގޯ އާއި މޮރޮކޯ ވާދަކުރި ފުރަތަމަ ލެގު ވެސް ނިމުނީ އެއްވަރު ވެގެންނެވެ. މި މެޗު އެއްވަރުވީ 1-1 އިންނެވެ. ބްރެންޓްފޯޑަށް ކުޅޭ ފޯވާޑް ޔޯއާން ވީސާ މެޗުގެ 12 ވަނަ މިނިޓުގައި ކޮންގޯ އަށް ލީޑު ނަގައިދީފައި ވަނިކޮށް މެޗު ނިމެން 24 މިނިޓަށްވެފައި ވަނިކޮށް މޮރޮކޯ އަށް އެއްވަރު ކޮށްދިނީ ތާރިކް ޓިސޫދަލީ އެވެ. މިއީ އޭނާ މޮރޮކޯ ގައުމީ ޓީމަށް ޖަހައިދިން ފުރަތަމަ ލަނޑެވެ.
އެފްރިކާ ބައްރުގެ ކޮލިފައިން ފަހު ބުރުގެ ފަސް މެޗުގެ ދެވަނަ ލެގުގެ ކުޅުން އޮންނާނީ އަންނަ އަންގާރަ ދުވަހުގެ ރެއެވެ. އެ މެޗްތަކަށް ފަހު އެފްރިކާ ބައްރުން މި އަހަރުގެ ފީފާ ވޯލްޑް ކަޕުގައި ވާދަކުރާނެ ފަސް ޓީމު ކަށަވަރު ވާނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢައްއިދުރީސީ
26 March 2022
ދެވަނަ ލެގް ބަލާނަަން.
ހސރެއވސސސ
26 March 2022
ޝުކުރިއްޔާ ސޮލާ.