ފުލުހުންގެ މެޑިކަލް ޓީމުގައި އޭނާ އުޅޭތާ އަހަރަކަށް ވުރެ ގިނަ ދުވަސްވެއްޖެ، އެކަމަކު އިދިކޮޅުން ބުނަނީ އެއީ އިންޑިއާގެ ރޯ އެޖެންޓެއް ކަމަށް.
މުޒާހަރާ ތެރޭ ފުލުހުންނާ އެކު އުޅުނު ބިދޭސީއެއް: ފުލުހުން ބުނީ އެއީ މެޑިކަލް ސްޓާފެއް ކަމަށް---ފޮޓޯ: ސޯޝަލް މީޑިއާ
27 މާޗް 2022 - 14:38
އިދިކޮޅު ޕީޕީއެމާއި ޕީއެންސީން ރޭވި ގޮތަށް މިދިޔަ ހުކުރު ދުވަހު ކުރިއަށް ގެންދަން ފުލުހުން ހުރަސްއެޅި މުޒާހަރާއާ ގުޅުވައި އަދިވެސް ކުރަނީ ބޮޑެތި ތުހުމަތުތަކެވެ؛ ފުލުހުންގެ ޓީމުގައި ހަރަކާތްތެރިވީ އިންޑިއާގެ ރޯ އެޖެންޓެކެވެ. އޭނާއާ ހަވާލުކޮށްފައި އޮތީ ނުރައްކާތެރި ޓާސްކެއް ކަަމަށެވެ!
މި ތުހުމަތު އިދިކޮޅުން ކުރަނީ ބައިވަރު ސަބަބުތަކާ ގުޅުވަ އެވެ. އެއްވެސް މުޒާހަރާއަކުން ބިދޭސީ މުވައްޒަފަކު ފުލުހުންނާ އެކު އެހާ ހަރަކާތްތެރިކޮށް މީގެ ކުރިން އުޅުނު މަންޒަރު ނުފެންނަ ކަމަށް ބުނެ އެވެ. މުޒާހަރާގެ އެކި ސަރަހައްދުތަކުން އޭނާ ފެނުމާއި މެޑިކަލް ޓީމުގެ މީހެއް ކަން އެނގޭނެ އެއްވެސް ފާހެއް އަޅުވައިގެން ނެތުމުގެ އިތުރުން ފޯނުން ވާހަކަ ދައްކައި ފުލުހުންނާ އޭނާ މުއާމަލާތު ކުރި ގޮތް ތަފާތުވުމަކީ ވެސް ސުވާލު އުފެއްދި ސަބަބުތަކެވެ.
އިދިކޮޅުން ބުނާ ގޮތުގައި، މުޒާހަރާ ކުރަން ފުރުސަތު ނުދީ، މާކުރިން ހުއްޓުވުމަށް ފަހު އެއީ މެޑިކަލް ޓީމުގެ މީހެއް ކަަމަށް ފުލުހުން މިހާތަނަށް އާއްމުކުރި މައުލޫމާތު، އޭނާއާ މެދު ކުރެވޭ ތުހުމަތުތަކުން ދިފާއުވާކަށް ނުފުދެ އެވެ.
ފުލުހުންގެ ވަޒީފާގައި އަހަރަކަށް ވުރެން ގިނަ ދުވަސްވީ މުވައްޒަފު މީގެ ކުރިން ވާނީ ފުލުހުން ހިންގި ތަމްރީންތަކާއި އެ ނޫން ވެސް އިތުރު ހަރަކާތްތަކުގައި މެޑިކަލް ޓީމާ އެކު ހަރަކާތްތެރިވެފައި. -- ޔޫނުސް
އިދިކޮޅު ލީޑަރު އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން ރޭ ތުހުމަތު ކުރެއްވި ގޮތުގައި މުޒާހަރާ އިން ފެނުނު މީހާ އަކީ، އެކި ނަން ނަމުގައި ރާއްޖެ އައިސް ވަޒީފާތަކުގައި އުޅޭ މީހުންގެ ތެރެއިން އެކަކެވެ. އޭނާއާ ގުޅޭ ގޮތުން ސުވާލުތައް ގިނަވުމުން، ފުލުހުންގެ މެޑިކަލް ޓީމުގެ މީހަކަށް ވި ފަދައިން ކައްކާ މީހުންނާއި އެ ނޫން ވެސް އެކި ނަން ނަމުގައި އެފަދަ މީހުން ގެންގުޅޭ ކަމަށާއި ރާއްޖޭގެ މިނިވަންކަމަަށް އޮތް ނުރައްކަލަކީ އެއީ ވިދާޅުވި އެވެ.
ޕީޕީއެމުން ހުކުރުދުވަހު މުޒާހަރާ ކުރިއަށް ގެންދިޔަ ނުދޭން ފުލުހުން އެތުރިގެން. -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު
"ފުލުހުން އެ ބުނާ ވާހަކަ ގަބޫލުކުރަނީ ކާކުތޯ. މެޑިކަލް ޓީމުގައި އަޅުގަނޑުމެންނަކަށް ނުފެނުނު ފުލުހުންނާ އެކު ދިވެއްސަކު އުޅޭ ތަނެއް. މެޑިކަލް ޓީމުގައި ހަމަ އެންމެ މީހެއް އުޅުނީ، އެއީ އިންޑިއާ މީހެއް. އޭނާ ރޯ ކަމެއް [ރޯ އެޖެންޓެއް] ނު ރޯ ކަމެއް ނޭނގެ،" ޔާމީން ވިދާޅުވި އެވެ.
"އަޅުގަނޑު އެނގިގެން މި ދަންނަަވަނީ. އިއްޔެގެ މުޒާހަރާ ހިނގިއިރު މި ހިސާބުގަނޑުގައި އޭގެ މީހުން އުޅުނު. އެހެންވީމަ ދިވެހި ރާއްޖެ މިއުޅެނީ ކިހާ ހިސާބެއްގައިތޯ."
އެމަނިކުފާނު ވިދާޅުވި ގޮތުގައި އެ ހާލަތުން އެކަނި ވެސް އެނގެނީ ރާއްޖޭގައި އިންޑިއާ ނުފޫޒާ ހެދި މިއޮތީ ހަތަރުއަނގޮޅިއެއްގެ ކަންމަތީގައި ކަމެވެ.
ޕީޕީއެމްގެ އިސް ބައެއް ބޭފުޅުން އެ ބިދޭސީ މުވައްޒަފުގެ ހަރަކާތްތައް ސިފަކުރަނީ މި ގޮތަށެވެ.
"އޭނަ ފެނުނީ ފުލުހުންނާ ވަކިން ޗައިނާ އެމްބަސީ ކުރިމަތީގައި ހުއްޓައި. ދޭތެރެއަކުން އެކަނިމާ އެކަނި ގަސްތަކާ ނިވާ ވެދާނެ. ކާރުތަކާ، ވެހިކަލްތަކާ ނިވާވެދާނެ. ދެން ފެންނާނީ ފޯނުން ވާހަކަ ދައްކާތަން،" އެއް ބޭފުޅަކު ވިދާޅުވި އެވެ.
"ބައެއް ފަހަރު ރުޅިގަދަވެގެން އަތުން ހަރަކާތްކުރާ މަންޒަރު ވެސް ފެނުނު. ހަގީގަތުގައި އޭނާ ބައަކަށް އެއްޗެއް އެ ކިޔާދެނީ ފޯނުން، އެ ނޫން ގޮތަކަށް އޭނާގެ ހަރަކާތްތައް ސިފައެއް ނުކުރެވޭނެ."
ބައެއް ބޭފުޅުންގެ ތުހުމަތަކީ އޭނާއަށް އޮތް ޓާސްކަކީ ޔާމީންގެ މޫވްމަންޓްތައް ބެލުމެވެ. ސިފައިންގެ ހުއްދަ ނުލިބިގެން އެ ދުވަހު ޔާމީން މުޒާހަރާއަށް ނުކުމެވަޑައިނުގަންނަވަ އެވެ.
އެއީ މެޑިކަލް ސްޓާފެއް ކަމަށް ފުލުހުން ބުނާއިރު، ޕީޕީއެމްގެ ނައިބު ރައީސް އަހްމަދު ޝިޔާމް ސުވާލު އުފެއްދެވީ އޭނާ ފަރުވާ ދޭން ގެނައީ ކޮން ބައަކަށް ކަމާ މެދުގަ އެވެ.
އިދިކޮޅުގެ މުޒާހަރާގައި ބައިވެރިންތަކެއް އަޑުއުފުލަނީ: މި މުޒާހަރާ އިން ފެނުނު އިންޑިއާ މީހާއާ މެދު ބޮޑެތި ތުހުމަތުތަކެއް ދަނީ ކުރަމުން. -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު
"ފުލުހުންނަށް ކަމެއް، ނުވަތަ ރައްޔިތުންނަށް ކަމެއް. މެޑިކަލް އޮފިސަރަކަށް ވާ އިރު އޭނާގެ ޑިއުޓީއަކަށް ވާން ޖެހޭނީ ފަރުވާ ދިނުން، ވެއްޓުނު މީހުންނާއި އަތް އަނބުރާލައިގެން ވެހިކަލަށް އަރުވައި އަނިޔާވި ރައްޔިތުންނަށް ވެސް އެޓެންޑުވި ތަނެއް އަޅުގަނޑުމެންނަކަށް ނުފެނޭ،" ޝިޔާމް ވިދާޅުވި އެވެ.
ޝިޔާމް ވެސް ތުހުމަތު ކުރެއްވި ގޮތުގައި އެއްވުމަށް ފުރުސަތު ލިބި ގިނަ ބަޔަކު ނުކުތް ނަމަ، މެޑިކަލް ޓީމުގެ މީހެއް ކަމަށް ބުނި މީހާގެ ހަރަކާތް އެއަށް ވުރެން ބޮޑަށް ތަފާތުވީހެވެ.
ޕީޕީއެމުން ބުނި ގޮތުގައި ދިވެހި ފުލުހުންގެ އޮޕަރޭޝަންތަކުގައި އެގޮތަށް އިންޑިއާ މީހުން ހަރަކާތްތެރިވުމަކީ ނުރައްކަލެކެވެ. މިކަމުގައި ފުލުހުން ޖަވާބުދާރީވާން ޕީޕީއެމުން ދަނީ ގޮވާލަމުންނެވެ.
ފުލުހުންގެ ތަރުޖަމާން ޔޫނުސް ސޮބާހް "މިހާރު" އަށް ވިދާޅުވީ އެއީ ފުލުހުންގެ މެޑިކަލް ޓީމުގައި ކަސްޓޯޑިއަލްތަގައި މަސައްކަތްކުރާ ބިދޭސީ ނަރުހެއް ކަަމަށެވެ. އޭނާގެ ވަޒީފާގެ މައިގަނޑު ދައުރަކަށް އޮންނަނީ ހައްޔަރުކުރާ ކުށްވެރިންނަށް ކަސްޓޯޑިއަލްތަކުގައި ދޭ ސިއްހީ ފަރުވާދިނުން ކަަމަށް ވިދާޅުވި އެވެ.
ޔޫނުސް ވިދާޅުވި ގޮތުގައި މާލޭގައި ހުކުރުދުވަހު ބޭއްވި މުޒާހަރާގައި، ފުލުހުންގެ މެޑިކަލް ޓީމުގައި އޭނާ ބައިވެރިވީ އެ ޓީމަށް އެހީ ބޭނުންވެގެން ސަޕޯޓް ސްޓާފެއްގެ ގޮތުގަ އެވެ. ފުލުހުންގެ މެޑިކަލް ޓީމާ އެކު ބިދޭސީ މުވައްޒަފަކު އެގޮތަށް މަސައްކަތް ކުރުމަކީ އެ މުއައްސަސާގައި އަލަށް ހިންގި ކަމެއް ނޫން ކަމަށާއި މީގެ ކުރިން ބޭއްވި އެހެން މުޒާހަރާތަކުގައި ވެސް ބިދޭސީން ބައިވެރިވެފައި ހުންނާނެ ކަމަށް ވިދާޅުވި އެވެ.
"މާލޭގައި އެ ދުވަހު އެއްވުމެއް ކުރިއަށްދާތީ މެޑިކަލް ޓީމަށް އިތުރު އެހީ ބޭނުންވާތީ ފުލުހުންނާ އެކު އޭނާ އެ ދުވަހު މަސައްކަތްކުރީ،" ޔޫނުސް ވިދާޅުވި އެވެ.
މުޒާހަރާގެ ބައިވެރިއަކު "އިންޑިއާ އައުޓް" ލިޔެފައި ވާ ފޮތިގަނޑެއްހިފައިގެން ފުލުހުންގެ ސަފުތައްކައިރީ މުޒާހަރާކުރަނީ -- ފޮޓޯ: ފަޔާޒު މޫސާ / މިހާރު
މީގެ ކުރިން ބޭއްވި މުޒާހަރާތަކުގައި ވެސް އެމްބިއުލަންސާ އެކު މެޑިކަލް ޓީމު އެތަނެއްގައި ހާޒިރުވެ ތިބޭ ކަން ވެސް ޔޫނުސް ފާހަގަކުރެއްވި އެވެ.
އެ މުވައްޒަފު، މުޒާހަރާ އިން ފެނިގެން ކުރާ ތުހުމަތުތައް އޭނާ ދޮގުކުރެއްވި އެވެ.
ފޯނުން ވާހަކަ ދެއްކުމާއި ވެހިކަލުން ފައިބައިގެން އުޅުމަކީ އާދަޔާ ހިލާފު ކަންކަން ކަމުގެ ގޮތުގައި ސިފަކުރަމުން ދިޔަޔަސް އެ މުވައްޒަފާ ގުޅުވައި ދައްކާ ވާހަކަތަކުގައި އަސްލެއް ނެތް ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެއީ ފުލުހުންނާ އެކު ފަރުވާގައި މަސައްކަތްކުރާ ސްޓާފެއް ކަމުގެ ރެކޯޑު އެ މުއައްސަސާގައި އެބައޮތް ކަަމަށާއި އެ ނޫން ތުހުމަތެއްގައި އެވިޑެންސެއް އޮތް ނަމަ ދައްކަންވީ ކަަމަށެވެ.
ފުލުހުން ބުނި ގޮތުގައި އެ މުވައްޒަފު އެ މުއައްސަސާގައި މަސައްކަތްކުރާތާ އެއް އަހަރާއި އެއް މަހާއި 20 ދުވަސް ވެއްޖެ އެވެ.
"މުވައްޒަފު މީގެ ކުރިން ވާނީ ފުލުހުން ހިންގި ތަމްރީންތަކާއި އެ ނޫން ވެސް އިތުރު ހަރަކާތްތަކުގައި މެޑިކަލް ޓީމާ އެކު ހަރަކާތްތެރިވެފައި،" ޔޫނުސް ވިދާޅުވި އެވެ.
އެ ދުވަހު އޭނާ މުޒާހަރާއިން ފެނުނު އިރު، ހުރީ ފާސްއަޅުވައިގެން ނޫނެވެ. އެކަމަކު އޭނާގެ އަތުގައި ފުލުހުންގެ ކާޑު އޮތް ކަމަށް ޔޫނުސް ވިދާޅުވި އެވެ.
ހަގީގަތާ ހިލާފު ތުހުމަތުތަކެއް މުވައްޒަފާ މެދު ކުރުމުން އޭނާ އަށް ގިނަ މެސެޖްތަކެއް ލިބި ނުރައްކާތަކެއް ކުރިމަތިވަމުންދާ ކަމުގެ ކަންބޮޑުވުން ފުލުހުން ފާޅުކުރި އެވެ. މިކަމުގެ ސަބަބުން އޭނާއަށް ނަފްސާނީ ގޮތުން ވެސް އުނދަގޫތަކެއް ކުރިމަތިވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެދުރުބެ.
29 March 2022
އަލީ ރަމީޒު ބުނީމ ދޮގެއްވިޔަސް ޖެހޭނީ ގަބޫލުކުރަން
ހައުލަތު
29 March 2022
އެހެނިހެން މުޒާހަރާ ތަކުގައިވެސް ބައިވެރިކުރިކަމަށް އެވަނީ އެއްބަސްވެފައި އެމްޑީޕީ ވެރިކަމަށް އައި ފަހުން އިނދިކޮޅުން ކުރާ މުޒާހަރާތަކުގައި ބިދޭސީން އިންޑިއާ އައުޓު ބައިވެރި ކުރަމުން މިގެންދަނީ ދިވެހި ފުލުހުންނަށް ހުުތުރު ކުރަން އެމީހުންގެ ނާޤާބިލުކަން ދައްކަން ދިވެހި ފުލުހުންނާއި ސިފައިންނަކީ އިންޑިއާ ސިފައިންނަށް ދޫދޭނެ ބައެއްނޫން ޙާލަތު ނިޔާ ކުރާގޮތުން ކެތްކޮށްގެން ތިބީ
މިކަލޯ
28 March 2022
ފުލުހުންގެ މެޑިކަލްޓީމުގައި ބިދޭަސީއަކު އުޅުމަކީ ހިތްހަމަޖޭ އަދި ހިތްހަމަ ޖައްސާލާގެން ހުރެވޭނެ ކަމެއްނޫން. ވައްކަމުގެ މައްސަލައެއްގައި ބެދި ޖަލުގައި ދުވަސްތަކެއް ހޭދަކުރުމަށްފަހު މުޖުތަމައަށް ނުކުތްމީހަކު ބުންޏަސް ރަގަޅުވާހަކައެއްވާނީ ރަގަޅު ވާހަކައަކަށް. ބިދޭސީ މީހާ ރޯކަމެއް ނުރޯކަމެއް މަށަކަށްވެސް ނޭންގޭ.
ށަވިޔަނި
28 March 2022
މޮޔައިންގެ ޑިމޮކްރެސީ. ކޮން މުޒާހަރާއެއް. 5 އަހަރުވުމުން ހިތްހަމަނުޖެހޭ ކަންތަކެއް ކޮށްފަ ހުރިއްޔާ ވޯޓުކަރުދާސް ކޮޅުން ނޫނެކޭ ބުނޭ.
އެދެއދސއ
28 March 2022
ކޮމެންޓޭމެންނަށް ތީ ކާކުކަން ނޭނގުނިއްޔާ ދެން ނޭނގުނީ.. އުސްތާޒު ސިރޭ ތުހުމަތު ކުރޭ ތީ "ކަންކާ" އެއް ކަމަށް
އެދެއދ
28 March 2022
ކޮމެންޓޭމެންނަށް ތީ ކާކުކަން ނޭނގުނިއްޔާ ދެން ނޭނގުނީ..
ފފފފފ
28 March 2022
މިއީ އިންޑިޔާގެ "ރޯ" ގެ އެޖެންޓެއް.
ޙަބީބު.
28 March 2022
ސަރުކާރުހިންގުމާ ހަވާލުވެތިބި މީހުން ކުރަންވީ ކަަމަކީ އިންޑިޔާ މިލިޓަރީ ގަ އުމުން ބޭރުކުރަންވީ އަދި ހުރިހާ ދިވެހިންނަ އް ދަ އުވަތު ދީގެން ބޮޑުމުޒާހަރާ އަކަ އް އެއ އްބާރުލުންދީފަ އެތަން ބީޖޭޕީ ސަރުކާރަ އް ދަ އްކަންވީ ބުނަންވީ ދިވެހިން ތިބީ އިންޑިޔާގެ އަޅުވެތި ކަމާ ދެކޮޅަށޭ އަވަހަ އް ޗަލްގަޔާ ޢޭ ފަ އިބާށޭ އެހާރުން މަ އްސަލަ ހަ އްލުވީ
ާއަލިމޯޑު
28 March 2022
ރާއްޖޭގަ ފުޓްސަލް ކުޅެން މޮޅު މީހެއް ވެއްޖެއްޔާ ތިބީ ވެމްކޯ އިން "ވަޒީފާ" ދީފަ.އެކި ނަންނަމުގަ އެކި މަގާމުތަކުގަ ތިބެނީ.އެކަމަކު އެއިން މީހަކު އެތާނގަ ކުރާ ކަމެއް ނޯވޭ.ގިނަފަހަރު ގަޑިއަށް ހާޒިރުވެސް ނުވާނެ.ެއެހެން އުޅެފަ ފެނިލާށޯ ޖެހެނީ. އެކަހަލަ މީހުން ދައްކާފަ ވެމްކޯއިންވެސް ބުނާނެ އެއީ މިތާނގެ ޑްރައިވަރެކޭ،އެޑްމިން އޮފިސަރެކޭ.ހަގީގަތަކީ އެމީހުން ވައްދާފަ ތިބީ ފުޓްސަލް މުބާރާތް ކުޅެން
ކުރިމަގުގެ ރާސްތާ
28 March 2022
ސިޔާސީ ފިކުރު އެއްފަރާތް ކުރުމަށްފަހު ޤައުމުގެ މިނިވަންކަމައިމެދު ވިސްނާލުން ރަނގަޅު. މިއަދު މިފެނިގެން މިދަނީ އިންޑިޔާގެ ހަންފެތުރުން އުތުރުން ފެށިގެން ދެކުނާހަމަޔަށް ފޯރާފައި އޮތްތަނެވެ. ފުލުހުންގެ އިދާރާއިންވެގެންވާ ސިފައިންގެއިން ދުވަހުކުއްޔައްވެސް ސިއްހީ ދާއިރާ ގުޅުންހުރި ގައުމީ ލޭ ހިނގާ އޮފިސަރެއް ހަމަ ނުލިބުނީތޯ؟؟ ހަގީގަތަކީ މިއަދު ރާއްޖެ މިވަނީ އިންޑިޔާގެ ސްޓޭޓަކަށްވެ، އިބޫ މިވަނީ އިންޑިޔާގެ ސްޓޭޓެއްގެ ޗީފް މިނިސްޓަރަކަށްވެފައި